
ޖޫންމަހު އޭދަފުށީ ކައުންސިލުން އޭދަފުށީ އިންޖީނުގެއަށް ހަދިޔާކުރި އިންޖީނު ބޭލުމުގެ މަސައްކަތް ކުރަނީ. ފެނަކައަށް ގެނާ 77 އިންޖީނު މިހާރުވަނީ ކަސްޓަމަށް ބާލާފައި / ފޮޓޯ: އީވީ ފައިލް
ރަށްރަށަށް ދިމާވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށްދޭން ފެށި މަޝްރޫއުގެ ދަށުން ދަށުން 77 ޖަނަރޭޓަރާއި އެއާ ގުޅޭ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށަށް 24 ގަޑިއިރު ކަރަންޓް ދިނުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 77 ޖަނަރޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށާއި ކަސްޓަމުން އިން ޖަނަރޭޓަރުތައް ނެރެވުމުން ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ.
ފެނަކައިން ބުނީ ޖަނަރޭޓަރު ފޮނުވަން ނިންމާފައިވާ 77 ރަށަށް ލަސް ނުކޮށް ޖަނަރޭޓަރު ފޮނުވާނެކަމަށެވެ. ނަމަވެސް އެ ރަށްތަކެއް ފެނަކައިން އަދިއެއް ނުބުނެ އެވެ.
ކަރަންޓްގެ މައްސަލަ ދިމާވެ، 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ލިބެމުން ނުދާތީ ގިނަ ރަށްރަށުގެ ރައްޔިތުން މިހާރުވެސް ދަނީ ޝަކުވާ ކުރަމުންނެވެ. މި މައްސަލަ ހައްލުކޮށް ރަށްރަށަށް 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ކަށަވަރު ކުރުމަށްޓަކައި ހިންގާ މަޝްރޫއުގެ ދަށުން ދަށުން 77 ޖަނަރޭޓަރާއި، އެއާ ގުޅޭ ސާމާނު ގެނައުމުގެ މަސައްކަތް ތިން ކުންފުންޏަކާ ފެނަކައިން ހަވާލުކުރީ، މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. ޖަނެރޭޓަރު ގެނައުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި، ފެނަކައިން ހަވާލުކުރީ 90.9 މިލިއަން ރުފިޔާ އަށެވެ.
މިމަޝްރޫއުގެ ދަށުން ބ. އަތޮޅުގެ 5 ރަށަކަށް ޖަނަރޭޓަރު ލިބޭނެކަމަށް ނުރަސްމީ ބައެއް ފަރާތްތަކުން ބުނާއިރު، އޭދަފުއްޓަށް އޭގެތެރެއިން 600 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެނެވޭނެކަމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް) ވަނީ މީގެކުރިން ބުނެފައެވެ.