ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އޭދަފުށީގައި ޚާއްސަ ޑިނާ ނައިޓެއް ބާއްވައިފިއެވެ.
އެ ޑިނާ ނައިޓުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަން އޮފިސަރުން ބައިވެރި ވަޑައިގެންނެވިއެވެ.
އެ ޑިނާ ނައިޓް ގައި ވާހަކަދައްކަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކެއް ހުރިކަމަށާއި އަދި ނޯތު ޕޮލިސް ރީޖަންގައި ހުރި މައްސަލަތައް ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޭމް މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ މެދު ހިންގޭ ކުށްތައް ފާހަގަކުރައްވި އެވެ.
ކޮމިޝަނަރުގެ ވާހަކަފުޅު ނިންމާލަމުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރާއި ތަހުނިޔާ ދަންނަވައި، އަދި ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
އޭގެ އިތުރުން ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަސައްކަތަށް އެކިގޮތްގޮތުން ޚާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި އެކިގޮތްގޮތުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށާއި، ޑިނާ ނައިޓުގެ އިންތިޒާމު ކުރުމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެއްވިއެވެ.
ހަފްލާ ނިންމާލާފައިވަނީ ފުލުހުންގެ 90 އަހަރުގެ ވީޑިއޯ ޕްރެޒެންޓޭޝަން ދައްކައި، އަހަރީ ދުވަހުގެ ޚާއްސަ ވީޑިއޯ ލަވަ ރިލީޒް ކުރުމުގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހު ކުޑަކުދިންގެ ދުވަހަށް ޚާއްސަކޮށްގެން ހަވާ ވެސް އަރުވާފައެވެ