ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!] (1)

maxresdefault-1.jpg

ޕރ. ލެނޮކްސް ތަގުރީރުކުރައްވަނީ

ޕރ. ޖޯން ލެނޮކްސް

ތައުލީގަކާއިއެކު ތަގުރީރުގެ ދިވެހި ޚުލާސާއެއް: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

ޕރ. ލެނޮކްސް ތަގުރީރުކުރައްވަނީ

މިލިޔުމަކީ އޮކްސްފޯރޑް ޔުނިވަރސިޓީގެ ހިސާބު އިލްމުގެ އުސްތާޒެއް ކަމުގައިވާ ޕްރޮފެސަރ (ޕރ.) ޖޯން ލެނޮކްސްގެ ‘ސައިންސް އެންޑް ފެއިތު’ މި ތަގުރީރުގެ މުގައްދިމާއެއްގެ ގޮތުން ލިޔެލާ ވާހަކަކޮޅެކެވެ. މި މިލިޔުމުގެ ދެވަނަ ބައިގައި، ބައެއް ތައުލީގުތަކާއިއެކު، މިތަގުރީރުގެ ޚުލާސާއާއި އަދި ދިވެހި ތަރުޖަމާއާއެކު މުޅި ތަގުރީރު ހިމެނޭ ވީޑިއޯއެއް ހުށަހަޅާލާނަމެވެ.

މިބައިގައި މިގެނެސްދޭ މުގައްދިމާގައި ދެތިން ނުކުތާއެއްގެ މައްޗަށް ބަލައިލާނަމެވެ. އެންމެ ފުރަތަމަ ހަދާސަތުގެ (މޮޑާރނިޓީގެ) މައްޗަށް ނަޒަރު ހިންގައިލެވޭނެއެވެ. މިޒަމާނުގައި ދީނާއި ސައިންސުގެ ގުޅުން ނުވަތަ ނުގުޅުމުގެ ވާހަކަ ފެށޭ ހިސާބު ފާހަގަކޮށްލުމުގެ ބޭނުމުގައެވެ. އެއަށްފަހު، މިތަރުޖަމާގެ ވާހަކަ އަމާޒުކުރެވެނީ ކޮންބަޔަކަށްކަން ބަޔާންކޮށްލަދިނުމެވެ. ދެން ތަރުޖަމާގައި ބޭނުންކުރެވިފައިވާ ބައެއް ލަފްޒުތަކުގެ މާނަ ލިޔެލުމަށްފަހު، ޕރ. ލެނޮކްސްގެ ކުރު ތައާރުފެއް ހުށަހަޅާލާނަމެވެ. މިބައި ނިންމާލެވޭނީ، ޖުމްލަގޮތެއްގައި، ތަގުރީރުގެ މައްޗަށް ބަލާލައި އަދި ދީނާ އިދިކޮޅު ވާހަކަތައް ބިނާވަނީ ކޮންކޮން ކަމެއްގެ މައްޗަށް އަމާޒުކުރެވިގެންކަން ފާހަގަކޮށްލާފައެވެ.

ހަދާސަތުގެ މައްސަލަ

މިއަދު އިސްލާމީ އުއްމަތް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި އެކަމާ ކުރިމަތިލައި އެކަމަށް އެކަށީގެންވާ ޖަވާބެއް ހުށަހަޅާލަން ޖެހިފައެވެ. މީގެ ތެރެއިން އެއްކަމަކީ ހަދާސަތުގެ (މޮޑަރނިޓީގެ) ގޮންޖެހުމެވެ. ސިނާއީ އިންގިލާބާއި (އިންޑަސްޓްރިއަލް ރެވޮލޫޝަނާއި) ތަންވީރީ ފިކުރުގެ ވިސްނުން (އެންލައިޓްންމެންޓް ތިންކިން)، ސަތާރަވަނު ގަރުނުން ފެށިގެން، ސައިންސާއި އިލްމުގެ ދުވެއްޔަށް ގެނުވި ހަލުވި ކުރިއެރުން، އިންސާނީ ހަޔާތަށް ބޮޑު ބަދަލެއް ގެނުވިއެވެ. އާދެ، ހަދާސަތުގެ ނަމުން ނަންދެވޭ މިބޮޑު ބަދަލާ މުސްލިމުން ކުރިމަތިލައި، މިބަދަލުތަކުގެ އަލީގައި އިސްލާމީ ދީނީ ސަގާފަތް އާކޮށް ދިރުވަންޖެހިފައެވެ.

ހަދާސަތު ގެނުވި ބަދަލު، މައިގަނޑުގޮތެއްގައި، ގުޅެނީ ދެކަމަކާއިއެވެ. އެއްކަމަކީ، ސިނާއީ އިންގިލާބުގެ ސަބަބުން ދުނިޔޭގައި އިންސާނުން ކަންތައްތައް ކުރަމުން އައި ގޮތްތައް އެފުށް މިފުށަށްޖެހި އިންގިލާބުވުމެވެ. ދެވަނަ ކަމަކީ އިންސާނާގެ ވިސްނުމާއި ފިކުރުކުރުމުގެ ގޮތްތައް ބަދަލުވެ، ކައުނާއި ކާއިނާތުތަކާއި ތަބީއީ މަޒާހިރުތަކުގެ (ނެޗުރަލް ފެނޯމެނާގެ) މައްޗަށާއި އަދި ހަޔާތާއި ހަޔާތުގެ މަގުސަދުގެ މައްޗަށް ވެސް، ހަމައެކަނި އިންސާނާގެ ޒިހުނު ނުވަތަ ބުއްދި (އިންޓަލެކްޓް) ބޭނުންކޮށް، ވިސްނުމާއި ފިކުރުކުރުމުގެ ނަޒަރު، އާދެ، ތަންވީރީ ފިކުރުގެ ނަޒަރު، ހިންގާލުމުވެ.

ޝައްކެއްނެތް ގޮތުގައި އިންސާނުން މަސައްކަތްކުރުމުގެ ގޮތްތަކަށް ސިނާއީ އިންގިލާބު ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ދަނޑުވެރިކަމާއި ސިނާއަތުގެ މަސައްކަތްތައް ކުރަމުން އައި ގޮތަށެވެ. އަތްފައިންނާއި، އަދި، އެކިއެކި ޖަނަވާރުތައް ބޭނުންކޮށްގެން ކުރެވުނު ދަނޑުވެރިކަން، މެޝީންތަކުގެ އެހީގައި ކުރެވޭން ފެށިއެވެ. ހަމަ އެހެންމެ، ކާރުޚާނާތަކުގެ އުފެއްދުންތައް ވެސް މެޝީންތަކުގެ ޒަރިއްޔާއިން އުފެއްދެން ފެށުނެވެ. މީގެ ނަތީޖާއަކަށްވީ، ކޮންމެ ފަރުދަކު، އޭނާގެ ބޭނުންތައް ފުއްދާލެވޭވަރުގެ މަދު އެތިކޮޅެއް، ވަކިވަކިން، އުފެއްދުމުގެ ބަދަލުގައި ގަނޑުކޮށް ގިނައިން އެއްޗެހި އުފެއްދޭނޭ ގޮތް މެދުވެރިވުމެވެ. މީގެ އިތުރުން ބާޓަރުގެ (މުދަލުގެ އަގުގެ ގޮތުގައި މުދާ ދީ މުދާ ގަނެއުޅުމުގެ) ނިޒާމު އުވި، ނެތިގޮސް، އޭގެ ބަދަލުގައި ފައިސާ ބޭނުން ކުރެވުން އާންމުވެގެންދިޔައެވެ. އަދި ރަނާއި ރިހި ފަދަ މައުދަނުތަކުގެ މައްޗަށް ބިނާކޮށް، ފައިސާގެ އަގު ކަނޑައަޅާލުމުގެ ބަދަލުގައި އުފެއްދުންތެރިކަމާއި ވަޒީފާގެ ފުރުސަތާއި ތަކެތީގެ އަގު މައްޗަށްދިއުން ފަދަ މާރުކޭޓުގެ ބާރުތަކުގެ މައްޗަށް ބިނާކޮށް ފައިސާގެ އަގު ކަނޑައަޅާލުން ވެސް މި ދެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ. އާދެ ސިނާއީ އިންގިލާބު އިންސާނީ އާންމު ހަޔާތަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ދެން މައުޟޫއާއިގެން ކުރިއަށް ދިއުމުގެ ކުރިން، އަދުގެ އިސްލާމީ ދުނިޔެ އޮތް ހާލަތާއި މެދު އެއްޗެއް ބުނެލަންޖެހެވެ. ހަދާސަތުގެ މިމައްސަލައާއި ގުޅުން ހުރީމައެވެ.

އަދުގެ އިސްލާމީ ދުނިޔޭގެ ހާލަތު: އަދުގެ އިސްލާމީ ދުނިޔެއަށް ނަޒަރު ހިންގާލާއިރު ފެންނަނީ އަނިދިރިކަމެވެ. މުޅި އިސްލާމީ ދުނިޔޭގެ އުޑު މައްޗަށްހެން އޮތީ ހަމަނުޖެހުމުގެ ކަޅު ބޯ ވިލާތައް ވެރިވެ، ފެތުރިފައެވެ. މުސްލިމުން، އެއްބަޔަކު އަނެއްބަޔަކާ، ހަނގުރާމަކުރަނީއެވެ. އެތަކެއް އަހަރުތަކެއް ފާއިތުވީއިރު ވެސް މިހަނގުރާމަކުރުން ހުއްޓުމުގެ ކޮޅެއް ނުފެނެއެވެ. ސީރިޔާ އަދި ޔަމަނު އަދި ސޯމާލިޔާގެ މައްޗަށް ކަޅި ހުއްޓާލުމުން މިކަން ފެނިގެންދެއެވެ. މީގެ އިތުރުން، މުސްލިމުންގެ ގައުމުތައް އޮތީ ބައިބައިވެފައެވެ. ސިޔާސީ އަދި މަޒުހަބީ އަދި ނަސްލީ ބައިތަކަކަށެވެ. އަފްޣާނިސްތާނާއި އިރާގުގެ އަދުގެ ހާލަތުގެ މައްޗަށް ވިސްނުމުގެ ނަޒަރު ހިންގާލުމުން މިކަން އެނގިގެންދެއެވެ. އަދި ގަތަރާއި އެހެން ގަލްފުގެ ރަށްތަކުގެ މައްޗަށް ނަޒަރު ހިންގާލުމުން މުސްލިމުންގެ އެއްބައިވަންތަކަމުގެ ބިނާގައި އެޅިފައިވާ ބޮޑެތި ރެނދުތައް ވަރަށް ސާފުކޮށް ލޮލަށް ފެނިގެންދެއެވެ. މިފަދަ ބައިބައިވުން އޮތް ބައެއް ގައުމުތަކުގައި، ދީނުގެ ނަމުގައްޔާއި އަދި އެނޫންވެސް އެހެން ނަންނަމުގައި އެއްބަޔަކު އަނެއްބަޔަކަށް، ވެވުނު އެންމެ މަތީ ދަރަޖައަކަށް، ގެއްލުން ދިނުމަށް މަސައްކަތް ކުރެވެމުންދާތަން ވެސް ކަންފަތަށް އިވި ލޮލަށް ފެނެއެވެ.

މިފަދަ ހަނގުރާމަތަކަށާއި ބައިބައިވުންތަކަށް މަގު ފަހިވާ ސަބަބުތައް އިސްލާމީ އުއްމަތުގެ ގިނަ ގައުމުތަކުގައި އެބަހުއްޓެވެ. މި ސަބަބުތައް މައިގަނޑު ގޮތެއްގައި ގުޅެނީ އެއް ކަމަކާއޭ ބުނެވިދާނެއެވެ. އިޖުތިމާއީ އަދާލަތެއް ނެތުމާއެވެ. ގައުމުގެ މުއްސަނދިކަން، ގައުމުގެ ޚައިރާތުތައް، އަދުލުވެރި ގޮތެއްގައި މުވާތިނުންގެ މެދުގައި ބެހިގެން ދާނޭ ސިޔާސީ އަދި އިޖުތިމާއީ ނިޒާމެއް ނެތުމާއެވެ. އަދި ގައުމުގެ ހުރިހާ މުއްސަނދިކަމެއް، ހުރިހާ ޚައިރާތެއް، މަދު ބައެއްގެ އަތްމަތީގައި އޮތުމާއެވެ. އާދެ، ވެރިކަމުގެ ބާރު އެބައެއްގެ އަތްމަތީ އޮތް މީހުންގެ މުށު ތެރެއަށް ލެވި ފޮރުވި، ހިފެހެއްޓިފައި އޮތުމާއެވެ.

މުސްލިމު ގައުމުތަކުގައި، ތަފާތު ނަންނަން ކިޔޭ ވެރިކަމުގެ ނިޒާމުތައް އޮތްކަމުގައި ވިޔަސް، ދެންމެ މި ނަންގަތް ހަގީގަތަކަށް، އެއްވެސް ހަގީގީ ބަދަލެއް އަންނަ ތަނެއް ނުފެނެއެވެ. ވެރިކަމުގެ ނިޒާމަށް ރަސްކަމޭ ކިޔުނަސް ނޫނީ ޑިމޮކުރަސީއޭ ކިޔުނަސް ނޫނީ އިސްލާމީއޭ ކިޔުނަސް، މުސްލިމު ރާއްޖެތަކަށް ވެރިވެފައި އޮތީ މުސްތަބިއްދު (ޑިކްޓޭޓަރޝިޕް) ވެރިކަމުގެ ނިޒާމުތަކެކޭ ބުނުމަކީ ދޮގަކަށްވާނޭ ހެނެއް ހިޔެއްނުވެއެވެ. ސައޫދީ އެރޭބިޔާގެ ރަސްކަމަށް ބަލާލިޔަސް ނޫނީ މިސުރުގެ ޖުމްހުރީ ޑިމޮކުރަސީ ވެރިކަމުގެ ނިޒާމަށް ބަލާލިޔަސް ނޫނީ އީރާނުގެ އިސްލާމީ ޖުމްހޫރީ ވެރިކަމަށް ބަލާލިޔަސް މިކަމުގެ ތެދާއި ދޮގު ވަޒަންކޮށްލެވޭނެއެވެ. އަދި ޚުދް ރާއްޖެއަށް ބަލާލިޔަސް މި ހަގީގަތް ސާފުކޮށް ފެނިގެންދެއެވެ. ވޯޓުލުމާއި ސިޔާސީ ޕާޓީތައް އޮތުން ފަދަ ޑިމޮކުރަސީގެ ބައެއް ސޫރީ (ފޯމަލް) ސިފަތައް ފެނިގެން ދިޔަޔަސް، ވެރިކަމުގެ ބާރު އެބަޔެއްގެ އަތް މަތީގައި އޮތް ބަޔަކަށް އަބަދުވެސް ގަބޫލުކުރެވޭކަމަށް ފެންނަނީ، ވެރިކަން ހިންގޭނީ ހުރިހާ ބާރެއް ވަކި މީހެއްގެ ނުވަތަ މަދު މީސްކޮޅެއްގެ އަތްމަތީގައި އޮވެގެންކަމެވެ. އާދެ، އިހުގެ ވެރިކަމުގެ ސަގާފަތާ މިއަދު ކަން އޮތްގޮތާ މާ ބޮޑު ތަފާތެއް ނެތެވެ. މަރުހޫމު ޝިހާބު ވިދާޅުވެފައިވާ ފަދައިން މުޅި އުއްމަތަކީ، ހުރިހާ މީހަކީ، ވެރި މީހާއެވެ. ނުވަތަ ވެރިކަމުގެ ހަގީގީ ބާރު އެމީހެއްގެ އަތުގައި އޮތް މީހާއެވެ. ނަތީޖާއަކީ، ކުރިންވެސް ނަންގަތް ހެން، ގައުމުގެ ހުރިހާ ޚައިރާތުތަކަކީ ވެރިކަމުގައި ތިބި ބަޔަކު ހިތް އެދޭހާ ގޮތަކަށް ކަންތައްކުރަން އޮތް އެއްޗެއްކަމަށް ވުމެވެ. އަދި އެފަދައިން ކަންތައް ކުރެވޭ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހެދިގެން ދިޔުމެވެ.  އިޖުތިމާއީ އަދާލަތު (ސޯޝިއަލް ޖަސްޓިސް) ހިމެނޭ ފަދަ ސިޔާސީ ނިޒާމެއް ގާއިމުނުކުރެވުމެވެ. މިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ވިސްނާ ފިކުރުކުރުމާ ލިޔެކިޔުމުގެ ސަގާފަތެއް އޮވެގެންތާއެވެ! ކޮންމެއަކަސް އާޚިރު ނަތީޖާއަކީ އާންމު މުވާތިނުންގެ ދިރިއުޅުމަށް އެއްވެސް ހެޔޮ ބަދަލެއް ނައުމުވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް، – އާމްދަނީ ހޯދުމުގެ މަގު ފަހިވުން، ގޯތި ގެދޮރު ލިބުން، ސިއްހީ ތައުލީމީ ފުރުސަތު އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބެން އޮތުން – މިކަންކަން، އެންމެނަށް ފުއްދާލެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމެވެ. ގައުމުގެ ޚައިރާތުތައް އަދުލުވެރިގޮތެއްގައި ބެހިގެން ދިޔުމުގެ ނިޒާމެއް ގާއިމުކުރުމަށް ނުކުޅެދިފައިވާތީއެވެ. އެންމެފަހުން، ގައުމުގައި ބައިބައިވުންތަކާއި ހަމަނުޖެހުންތައް އުފެދި ދާޚިލީ ހަނގުރާމައާ ހިސާބަށް ވެސް ކަންތައްތައް ދަނީއެވެ.

މި ދެންނެވި ފަދަ ނިޒާމެއް އުފެއްދުމުގެ ނުކުޅެދުން ގުޅެނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަދާސަތުގެ މައްސަލައާއެވެ. ޒިހުނީ ނުވަތަ ބުއްދީގެ (އިންޓަލެކްޓްގެ) ވިސްނާ ފިކުރުކުރުމުގެ މައްސަލައާއެވެ. ހަދާސަތު ގެނުވި ބަދަލުތަކުގެ އަލީގައި މުސްލިމު މުޖުތަމައުތަކުގައި ޒިހުނީ ސަގާފަތެއް އުފެއްދުމާއެވެ. މީލާދީން ސަތާރަ ވަނަ ގަރުނާއި (އިންޑިއާގައި) އަދި އަށާރަވަނަ ގަރުނުގައި (މިސްރުގައި) މިޒަމާނުގެ ހުޅަނގުގެ ޒިހުނީ ސަގާފީ ކުރިއެރުން މުސްލިމުންނަށް ފެނި އެނގުމުން، އިސްލާމީ ސަގާފަތް އަލުން ދިރުވައި، އާ ޒިހުނީ އިސްލާމީ ސަގާފަތެއް އުފެއްދުމުގެ އޮށް، ނަވާރަވަނަ ގަރުނުގައި، މިމައްސަލަ ބަހުސްކޮށް ދިރާސާކުރެއްވި އިލްމުވެރިން  އިންދެވިއެވެ. އިންޑިއާގައި މިކަމުގެ ރާއިދަކީ (ޕަޔަރނިޔަރަކީ) ސައްޔިދު އަހުމަދު ޚާނެވެ. މިސުރުގައި މުހައްމަދު އަބްދުހޫއެވެ. ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި މިމަސައްކަތް ކުރިއަކަށް ނުދެއެވެ. އެއްކޮޅުން މުސްލިމުންގެ މުޖުތަމައުތަކުގައި އަށަގެންފައި އޮތް، ކޮންމެވެސް ވަރެއްގެ، ޒިހުނީ ކަންނެތްކަމެއް މިކަން ކުރުމަށް ހުރަސް އެޅިއެވެ. އިސްލާމީ ސަގާފަތަކީ މުޅިން ފުރިހަމަވެފައިވާ ސަގާފަތެއްކަމަށް ބެލެވި، އެކަން ކުރިއެރުމުގެ ބޭނުމެއް އޮތްކަމަށް މުސްލިމުންގެ ގިނަ ބަޔަކު ނުދެކެއެވެ. އަދި މީގެ އިތުރުން، އަޚުލާގީ ހަކަތައެއް، ޒިހުނީ ހިތްވަރެއް، ވެސް ނެތުމުންނެވެ. މިކަން ދޭހަކޮށްދޭ ދެމިސާލެއް ލިޔެލާނަމެވެ. އަރަބި ދުނިޔޭގައި އިސްލާމީ ތައުލީމީ ބައެއް މުއައްސަސާތަކުގައި އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު، ތަރިކަ މުދާ ބެހުމުގައި ކަސްރު ހިސާބު ބޭނުންކުރުން އެއީ އެކަންކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫންކަމަށް އަޅުގަނޑުމެންގެ އުސްތާޒު ވިދާޅުވިއެވެ. އެފަދަ ހިސާބެއްކޮށްލުމަށް ކަސްރު ހިސާބު ފަސޭހަކަމުގައި ވިޔަސް ވެހެވެ. އާދެ، އިސްލާމީ ދީނީ ޒިހުނީ ސަގާފަތް ފުރިހަމަވެފައި އޮތްކަމަށް ބެލެވި، ހިސާބުކުރުމަކީ ވެސް ދީނީ ސޫރީ ކަމެއްގެ ގޮތުގައި ބެލެވި، އެނޫން އެހެން ގޮތެއް ބޭނުންކުރުމަކީ ކަމުދާކަމަކަށް ނުވީއެވެ. ދެވަނަ މިސާލުވެސް ގުޅެނީ އެދުވަސްވަރާއެވެ. މަދްރަސީ މަންހަޖީ ފޮތެއް ބަދަލުވުމުން، މުދައްރިސު ކުރެއްވި ޝަކުވާއަކާއެވެ. މުދައްރިސުގެ ޝަކުވާއަކީ ފޮތް ރަނގަޅުވުން ނުވަތަ ނުރަނގަޅުވުމެއް ނޫނެވެ. އަނެއްކާ އެހެން ފޮތެއް ހިތުދަސްކުރައްވަންޖެހުމެވެ. މި ނަންގަތް ޒިހުނީ ކަންނެތް ކަމުގެ އިތުރުން، މުސްލިމު މުޖުތަމައުތަކުގައި އަށަގަނެ، ހަރުލައިފައިވާ ތަހުފީޒީ (ކޮންސަރވެޓިވް) ބާރުތައް، އަދި މާވަރުގަދަ ގޮތެއްގައި، އިސްލާމީ ދީނީ ސަގާފަތް ދިރުވުމުގެ މަސައްކަތްކުރުމަށް ހުރަސްއެޅިއެވެ. ހުރިހާ ކަމެއް ކުރުމުގައި ވެސް ތަބާވާންޖެހޭނީ ތަގުލީދީ ސޫރަތަކަށްކަން، (ޓުރެޑިޝަނަލް ފޯމްސް)، އެބަހީ، މާޒީގައި ކަންތައްތައް ކުރެވެމުން އައިގޮތްތަކަށްކަން، ގަބޫލުކުރެވިފައި އޮތް ތަހުފީޒީ ބާރެވެ.

މުސްލިމު މުޖުތަމައުތަކުގައި، އާންމުގޮތެއްގައި، ތަގުލީދީ ސޫރަތައް ގުޅެނީ ދީނާއެވެ. އެހެންވެ، ހަދާސަތުގެ މަސައްކަތަކީ މިފަދަ ސޫރަތަކަށް ބަދަލު ގެންނާނޭ ކަމަކަށް ވުމުން، އިހުގައި ހަދާސަތުގެ މައްސަލަތައް ބަހުސްކުރައްވައި އެކަމަށް ހައްލު ހޯއްދަވަން މަސައްކަތް ކުރެއްވި އިލްމުވެރިންގެ އިލްމީ މަސައްކަތާ، އެންމެ ވަރުގަދައަށް، އިދިކޮޅު ހެއްދެވީ ދީނީ އިލްމުވެރިންނެވެ. އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގައި ހިމެނޭ ސޫރީ ހުރިހާ ކަމަކީ ވެސް ދީނީ ކަންކަމުގައި ބެލެވިގެންނެވެ. ހުރިހާ ކަމެކޭ މި ނަންގަތީ އެތައުލީމާތުތަކުގައި ހިމެނޭ ފަރުދީ ހަޔާތް އިންތިޒާމުކުރުމާއި ބެހޭ އަޅުކަމުގެ ކަންތައްތަކާއި ހަލާލާއި ހަރާމުގެ މައްސަލަތައް ފަދަ ‘ދީނީ’ ކަންކަމާއި މުޖުތަމައީ ހަޔާތް އިންތިޒާމުކުރާ ‘ދުނިޔަވީ’ ކަންކަން ވެސް ހިމަނާލައިގެންނެވެ. މި އިޝާރަތްކުރާ ދުނިޔަވީ ކަންކަމަކީ ހަދާސަތުގެ ކުރިން، މުޖުތަމައުގައި ކަންކަން ކުރި ގޮތްތަކާއި ގުޅިފައިވާ ކަންކަމަށް ވިޔަސް ވެހެވެ.  (ނުނިމޭ )

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top