ގޯއްޗަށް އިއުލާންކުރުން ލަސްވަނީ ވިލަރެސްކުރާ ކޮމެޓީ އެކުލަވާ ނުލެވިގެން – އޭދަފުށީ ކައުންސިލް

dfd.jpg

އޭދަފުށީ ހިއްކިބިމާއެކު، ފައިނަލް ކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގެ ފޮޓޯއެއް. ހިއްކިބިމުން 158 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި / ފޮޓޯ އޭދަފުށި ކައުންސިލް

އޭދަފުށިން ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން ލަސްވަމުންދަނީ، އެމަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާނުލެވިގެންކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

30 އަހަރަށްފަހު މިދިޔަ މަހުގެ 24 ވަނަދުވަހު އޭދަފުށިން ގޯއްޗަށް އެދުމަށް ފުރުސަތު ހުޅުވާލުމަށްފަހު ޖެހިގެން އައިދުވަހު އިއުލާން ބާތިލުކުރީ އިދާރީގޮތުން ބައެއް ކަންކަން ފުރިހަމަ ނުވެހުރިކަމަށް ހައުސިންގް މިނިސްޓްރީން އަންގަވައިގެންނެވެ. އޭރު އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ މިވަގުތަށް އިއުލާނު ބާތިލު ކުރިނަމަވެސް ވަރަށް އަވަހަށް އަލުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް މަސްދުވަސް ވީއިރުވެސް އަލުން އިއުލާން ކުރެވޭގޮތް ވަނީ ނުވެފައެވެ.

މިކަމާގުޅިގެން އޭދަފުށީ ކައުންސިލްގެ ނައިބްރައީސް ހައްވާ ސަމީހާއަށް އީވީން ގުޅާލުމުން ވިދާޅުވީ ގޯއްޗަށް އިއުލާންކުރުން ލަސްވަމުންދަނީ ގޯތިދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާނުލެވި ލަސްވަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމެޓީ އެކުލަވާލުމަށް ކައުންްސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށާ، ނަމަވެސް ކޮމެޓީއަށް އެކަށީގެންވާ ބޭފުޅުން ހޯދުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

“އަޅުގަނޑުމެން އިއުލާންކޮށްގެންނާއި، އެކިގޮތްގޮތުން މަސައްކަތް ކޮށްގެންވެސް އަދި 3 މެމްބަރުން މިހަމަޖެހުނީ. ފަސް މެމްބަރުންގެ ކޮމެޓީއެއް މިއޮންނަނީ. މިކަމަށް ގާބިލް ބަޔަކު ހޯދަން ބޭނުންވަނީ. އަނެއްކާ ރަށުގެ ހުރިހާ ސަރަހައްދެއްވެސް މިކޮމެޓީން ތަމްސީލް ކުރެވޭނެ ގޮތެއް ކައުންސިލުން ވަރަށް ބޮޑަށް ބަލަން އެބަ” ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ ގޯތި ދޫކުރުން ލަސްކުރަން ކައުންސިލުން ބޭނުން ނުވާކަމަށާ، މިފަހަރު އިއުލާނު ކުރާނީ އިދާރީ ގޮތުން އިތުރު މައްސަލައެއް ކުރިމަތިނުވާވަރަށް ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފާއިތުވެ ދިޔަ ދެއަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު