ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ.] 1

d344ac66-9d7e-47bc-82a2-2555e8388c43.sized-1000x1000.jpg

ޕރ. ލެނޮކްސްގެ ތަގުރީރުގެ ތެރެއިން

ތައުލީގަކާއިއެކު ތަގުރީރުގެ ދިވެހި ޚުލާސާއެއް:

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

(23 އޮކްޓޯބަރއާއި ގުޅޭ )  މިކަން ސާފުކޮށްލުމުގެ ގޮތުން، މިސާލެއްގެ ގޮތުގައި، ޒަކާތުގެ މައްސަލައަށް ބަލާލަމާތޯއެވެ. ޒަކާތަކީ ދީނުގެ އެއް ރުކުނެވެ. އަސާސެވެ. ދީނީގޮތުން ވާޖިބުކަމެކެވެ. މިއީ ޚިލާފެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޒަކާތުގެ ‘ސޫރަ’ (ފޯމް) ގުޅިފައި އޮތީ ހަދާސަތުގެ ކުރީގައި މުޖުތަމައުގައި ކަންތައްތައްކޮށް އުޅުނު ގޮތްގޮތާއެވެ. އޭރުގެ އިގުތިސާދީ ނިޒާމާއެވެ. އޭރުގައި މީހުން ދިރިއުޅުމަށް މަސައްކަތްކޮށް އުޅުނު ގޮތްތަކާއި އޭރުގެ ފައިސާގެ މާނައާއި އޭރުގެ އާންމު މައީޝަތުގެ ފެންވަރާއެވެ. ނަމަވެސް، މިހާރު މިކަންކަން ބަދަލުވެފައި އޮތަސް، ޒަކާތުގެ ސޫރަ އޮންނަންޖެހޭނީ ހަމަ އިހުގައި އޮތް ގޮތަށްކަމަށް ދެކިލައްވައި، ޒަކާތަށް އެއްވެސް ސޫރީ ބަދަލެއް ނުގެނެވޭނެކަމަށް ދީނީ ގިނަ ބޭކަލުން މިހާރުވެސް ކަނޑުއަޅުއްވައި ނިންމަވައެވެ. މިކަމުގެ ނަތީޖާއަކީ ދައުލަތުގެ ބާރުގެ ދަށުން ޒަކާތުގެ ކަންތައް ހިންގާލުން ބޭރުކުރެވި، އެކަމަކީ އަމިއްލަ ޝަޚުސީ ކަމަކަށް ވުމެވެ. ޒަކާތް ދިނުމާއި ނުދިނުން އެއީ ފަރުދީ ޒަމީރާ ގުޅޭކަމަކަށްވެ، ޒަކާތް ދޭން ބޭނުންވާ މީހަކު ޒަކާތް ދީ، އަދި އެމީހަކު ބޭނުން މީހަކަށް ނުވަތަ ބަޔަކަށް ޒަކާތުގެ ފައިސާ ބަހާލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ބެލެވުމެވެ. އާދެ، މުސްލިމު މުޖުތަމައުތަކުގައި ފަގީރުކަމާއި މުހުތާދުކަން ނައްތާލުމަށްޓަކައި އުފެދިފައިވާ އެންމެ ވަރުގަދަ މުއައްސަސާއަކީ އެލަނޑުދަނޑި ހާސިލުކުރުމަށް ނުކުޅެދިފައިވާ ކަމަކަށް ވެގެންދިޔައީއެވެ! މިހެން ވުމުން، މުސްލިމުން ދެ ވާރެއް ނުވަތަ ޓެކުހެއް ދައްކަން ޖެހުނެވެ. ދީނީ ގޮތުން ދައްކަން ޖެހޭ ޒަކާތާއި އަދި ދުނިޔަވީ ޓެކުސްތަކެވެ. ސަބަބަކީ ސަރުކާރެއް ހިންގައި އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާނޭ ފައިސާ ހޯދައިދެވޭނޭ ފަދަ މުއައްސަސާއެއްގެ ގޮތުގައި ޒަކާތް ތަރައްގީ ނުކުރެވި އޮތުމެވެ. އަދި އެހެންވެ، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ޓެކުސްތައް ނަގަންޖެހޭތީއެވެ. އާދެ! ވިސްނާ ފިކުރުކުރުމުގެ ޒިހުނީ ސަގާފަތެއް ނެތުމުގެ ހިތި ނަތީޖާއެވެ. އެންމެ ހެއްވާ ކަމަކީ، ހުޅަނގުގެ ޓެކުހުގެ ނިޒާމު ތަރައްގީ ކުރެވެމުން ދިޔައިރު، އިސްލާމީ ޒަކާތާއި ބެހޭ އިހުގެ މުހިއްމު ފޮތްތައް ހުޅަނގުގެ ބަސްތަކަށް ތަރުޖަމާކުރެވި، އެ ފޮތްތަކުން އެމީހުންގެ ޓެކުހާއި ދައުލަތް ހިންގުމަށް ބޭނުންވާ އާންމު މާލިއްޔަތުގެ (ޕަބްލިކް ފިނޭންސްގެ) ނިޒާމު ތަރައްގީކުރުމަށް އެހީ ހޯދިކަމެވެ. އެފަދަ ގޮތަކަށް ކަންތައްކުރުމުގެ ބޭނުމެއް އޮތްކަމަށް މުސްލިމުންގެ ދީނީ ގިނަ އިލްމުވެރިން އަދި މިހާތަނަށް ވެސް ދެކިއެއް ނުލައްވައެވެ. އާޚިރު ނަތީޖާއަކީތޯއެވެ؟ އިހުގައި މުސްލިމުންނަށް އެމީހުންގެ ދީން ވެފައިއޮތީ އިލްމީ ގޮތުން ކުރިއެރުމަށާއި ހަޟާރީ މަސައްކަތް ކުރުމަށް ބާރު އަޅައިދިން ކަމެއްގެ ގޮތުގައެވެ. އިސްލާމީ ހަޟާރަތް ‘އިސްލާމީ’ވީ މިހެންވެއެވެ. ދީނަކީ ސިކުނޑިތައް ހުޅުވާލަދިން ބާރަކަށްވެ، އިލްމީ މަސައްކަތްކުރުމަށް ހިތްވަރުދިންކަމަކަށްވީމައެވެ. މިއަދު ކަން އޮތީ މިއާ ދިމާ އިދިކޮޅަށެވެ. މިއަދުގެ ދީނީ ވިސްނުން އޮތީ މިފަދަ މަސައްކަތްތަކަށް، އެނގިގެން ނަމަވެސް ނުވަތަ ނޭނގިނަމަވެސް، ހުރަސްއަޅާ ކަމެއްގެ ގޮތުގައެވެ. ކިރިޔާވެސް ތަފާތު ޚިޔާލެއް ފާޅުކުރެވޭ އިރަށް، އެފަދަ ޚިޔާލެއް ފާޅުކުރާ މީހަކީ ކާފަރެކޭ، މުރުތައްދުވެފައި ހުރި މީހެކޭ، ތަނެއް ދޮރެއް ނުދަންނަ ޖާހިލެކޭ، ކިޔައި އަޑުގަދަކޮށް، އިލްމީ މަސައްކަތްތައް ކުރުމަށް ހުރަސް އެޅެއެވެ. އިލްމީ ސިފައެއްގައި އެ ފަދަ ފިކުރީ މަސައްކަތްތައް ދިރާސާކޮށް އެކަންކަން ބަހުސްކުރުމެއް ނެތިއެވެ. މިވެނި މީހަކީ ‘ކާފަރެކޭ’ އެކަކު ގޮވާލާއިރަށް، ހަގީގަތް ހޯދަން ނޫޅެ، އެހެން އެންމެންވެސް އެއް އަޑަކުން ‘ކާފަރެކޭ’ ކާފަރެކޭ’ ގޮވާ އަޑުގަދަކުރަން ފެށެއެވެ. އެހެންވެ، އިސްލާމީ ދީނީ ސަގާފަތް އަލުން ދިރުވަން ބޭނުންވާ އިސްލާމީ ޒިހުނީ މަސައްކަތްތައް މުސްލިމު މުޖުތަމާތަކުގައި ކުރުންވަނީ ދަތި އުނދަގޫ ކަމަކަށެވެ. ބައެއްފަހަރު ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަކަށެވެ.

އިންސާނުން ކަންތައްތައް ކުރަމުން އައި ގޮތްތަކަށް ގެނުވި ބަދަލުގެ އިތުރުން، ވިސްނާ ފިކުރުކުރުމަށް ވެސް ހަދާސަތުގެ ބާރުތައް ބަދަލުގެނުވިއެވެ. މިބަދަލު ގުޅެނީ ތަންވީރީ ފިކުރުގެ އަލީގައި، އާދެ، ހަމައެކަނި އިންސާނީ ބުއްދީގެ ބޭނުންކޮށް، ކަންކަމުގެ މައްޗަށް ވިސްނާ ފިކުރުކުރުމުގެ ނަޒަރު ހިންގައި، ކަންކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފެށުމާއެވެ. ކައުނާއި ކާއިނާތުގެ ހަގީގަތް ދެނެގަތުމާއި ތަބީއީ މަޒާހިރުތައް (ނެޗުރަލް ފެނޯމެނާ) ހިނގަނީ ކިހިނެއްކަން އޮޅުންފިލުވައި ދިނުން މި ވިސްނުމުގެ އަމާޒުފަތްގަނޑަކަށްވިއެވެ. އަދި މީގެ އިތުރުން ހަޔާތަކީ ކޮބައިތޯއާއި އިންސާނުން ވުޖޫދަށް އައީ ކިހިނެއްތޯއާއި ކަލަކު ވޮޑިގެންވޭތޯއާއި ހަޔާތުގެ އެއްވެސް މަގުސަދެއްވޭތޯއާ ފަދަ އިންސާނާއާ ކުރިމަތި ކުރުވާ މުހިއްމު ހަޔާތާ ބެހޭ ސުއާލުތަކަށް ވެސް، ހަމަ އެކަނި އިންސާނީ ބުއްދި ބޭނުންކޮށްގެން، ޖަވާބު ހޯދުމުގެ މަސައްކަތް ވެސް ފެށުނެވެ. އާދެ، ތަންވީރީ ފިކުރުގެ އަލީގައި ހަޔާތުގެ ސިއްރަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.

މި މަސައްކަތުގެ ނަތީޖާއަކަށްވީ، މީގެ ކުރިން ދުނިޔެ ދެކިފައި ނުވާ ފަދަ ބޮޑު އިލްމީ ކުރިއެރުމެއް ދުނިޔެއަށް އައުމެވެ. ހަގީގަތަކީ އިލްމުގެ އަލީގައި، އާދެ، ސައިންސުގެ އަލީގައި ކަނޑައަޅާލެވޭ އެއްޗެއްކަމުގައި ބެލެވުމެވެ. މިކަމުގެ ނަތީޖާއަކަށްވީ ދީނީ އިއުތިގާދުތަކުގެ ސައްހަކަމާއި މެދު، ބައެއް އިލްމުވެރިންނާއި ބާހިސުން، މުފައްކިރުންނާއި ފަލްސަފާވެރިން، ސުއާލުކުރަން ފެށުމެވެ. ކަލަކު ވޮޑިގެންވުން ފަދަ ދީނީ އަސްލު އުސޫލުތަކަކީ ބާތިލު ކަންކަމުގައި ވެސް މިފަދަ ބައެއް މުފައްކިރުން ކަނޑައަޅުއްވައި ނިންމެވިއެވެ. އެ ފަދަ މުފައްކިރުން ދެކިލައްވާ ގޮތުގައި މި ނިންމުމަކީ ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ނިންމާ ނިންމުމެކެވެ.

މިސަބަބަށްޓަކައި، ސިނާއީ އިންގިލާބާ ތަންވީރީ ފިކުރުގެ ވިސްނުން ދުނިޔެއަށް ގެނައި ބަދަލުތަކާ މުސްލިމުން ކުރިމަތިލާން ޖެހެއެވެ. އާދެ، ހަދާސަތު ގެނުވި ބޮޑު އިލްމީ އަދި އަމަލީ އިންގިލާބާ ކުރިމަތިލައި މިކަމަށް އިސްލާމީ ޖަވާބެއް މުސްލިމުން ދޭންޖެހެއެވެ. އިސްލާމީ ފިގުހުގެ އިލްމާއި އިސްލާމީ އުލޫހިއްޔާތުގެ އިލްމު މުރާޖައާކޮށް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތާއި މުސްލިމުން ކުރިމަތިލާން ޖެހެއެވެ. މިކަން ކުރާނޭ ބަޔަކު އުފެއްދުމަކީ އިސްލާމީ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ މުހިއްމު އަމާޒުފަތްގަނޑެއްކަމުގައި ވާންޖެހެއެވެ. މުސްލިމުގެ ގައުމުތަކުގައި، މަޑުމަޑުން ނަމަވެސް، ހަމަ އެއްވެސް ޝައްކެއް ނެތްގޮތުގައި، ފެތެރުމުންދާ ދީނާ އިދިކޮޅު އޮއިވަރުގެ ވިސްނުމާ އިލްމީ ޒިހުނީ ގޮތުން މުޚާތަބުކުރުމަށްޓަކައެވެ. އަދި މުސްލިމުންގެ މެދުގައި ވެރިވެފައި އޮތް ސިޔާސީ އިޖުތިމާއީ ހަމަނުޖެހުމަށް ރަނގަޅު ހައްލެއް ހޯދުމުގެ ގޮތުންވެސް މެއެވެ.

ޕރ. ލެނޮކްސްގެ ތަގުރީރުގެ ތެރެއިން

މި ލިޔުމުގައި އަޅުގަނޑު ހުށަހަޅާލަން ގަސްދުކުރާ ވާހަކަތައް ގުޅެނީ ސައިންސާއި ދީނާއި ދެމެދުގެ ގުޅުމާއިއެވެ. މިވާހަކަތަކަކީ، ކުރިންވެސް ނަންގަތް ފަދައިން، އޮކްސްފޯރޑު ޔުނިވަރސިޓީގެ މެތަމެޓިކްސް ޕްރޮފެސަރެއް ކަމުގައިވާ ޕރ. ޖޯން ލެނޮކްސްގެ ތަގުރީރެއްގެ ތަރުޖަމާގެ ޚުލާސާއެކެވެ. ދިވެހި ތަރުޖަމާއަކާއިއެކު ހުށަހަޅާލެވޭ މި ތަގުރީރުގެ ވީޑިއޯ ފަހުމުކޮށްގަތުމަށް އެހީތެރިވުމުގެ ގޮތުން ހުށަހަޅާލެވޭ ވާހަކަކޮޅެކެވެ.

މިވާހަކަކޮޅުގެ ޖުމްހޫރު: މި ވާހަކަތައް އަމާޒުކުރެވެނީ ދީން ގަބޫލު ކުރާ މީހުންނާއެވެ. މުއުމިނުންނާއެވެ. ކަލަކުވޮޑިގެންވާކަމާއި އަދި ދުނިޔަވީ ހަޔާތަކީ ހަމައެކަނި އުޅެންއޮތް ހަޔާތް ނޫންކަމާ، ދުނިޔަވީ ހަޔާތަށްފަހު އުޚުރަވީ ހަޔާތެއް އޮތްކަން ގަބޫލުކުރާ މީހުންނާއެވެ. މިވާހަކަކޮޅު، މުއުމިނުންނާ މުޚާތަބުކޮށް، އެމީހުންނަށް އަމާޒުކުރެވެނީ، ސައިންސުގެ ހޯދުންތަކުގެ އަލީގައި ދެއްކޭ ލާއިލާހީ ފިކުރުގެ ވާހަކަތަކަކީ، ދީނީ އަސާސީ އިއުތިގާދުތައް ބާތިލުކުރާ ވާހަކަތަކެއް ނޫންކަން އެނގިގަނެ، އީމާންކަން އިތުރަށް ވަރުގަދަކޮށް، އެމީހުންގެ ރޫހާނިއްޔަތު ތަރައްގީވެ ކުރިއަރައރާ ހުރުމުގެ އެދުން އޮންނާނީ ވެސް ދީން ގަބޫލުކުރާ މުއުމިނުންގެ ކިބައިގައި ކަމުގައި ދެކޭތީއެވެ.

ދީން ގަބޫލުކުރާ މީހުންނާއި ދީން ގަބޫލުނުކުރާ މީހުން ހުރިހާ ޒަމާނެއްގައި ވެސް އުޅެއެވެ. އިހުގައްޔާއި އަދި މިހާރު ވެސް މެއެވެ. ނަމަވެސް، މިއަދުގެ ލާއިލާހިއްޔަތުގެ (އެތީސަމްގެ) ވާހަކަތައް އިހުނާއި ތަފާތެވެ. އިހުގެ ލާއިލާހީން (އެތީސްޓުން) އެމީހުން ދެކޭ ގޮތް ގަބޫލުކޮށްގެން އުޅެވެން އޮތުމުން، އިލާހީންނާއި (ތީސްޓުން) އެކުގައި އެއް މުޖުތަމާއެއްގައި އުޅުމަކީ މައްސަލައަކަށް ނުވެއެވެ. ނަމަވެސް މިއީ މިއަދުގެ ލާއިލާހީންނަށް ކަމުދާ ގޮތަކަށް ނުވެއެވެ. މިއަދުގެ ލާއިލާހީން ބޭނުންވަނީ އިލާހިއްޔަތު (ތީސަމް) ވުޖޫދުން ފޮހެލުމަށެވެ. މިގޮތުން ތަފާތު ފޮތްތައް ލިޔެވި ދީނަކީ އަދި ދީނީ ގަބޫލުކުރުންތަކަކީ ބާތިލު ކަންތައްތަކެއްކަމުގައި ދައްކަން ގަދައަޅާ މަސައްކަތްކޮށް އެމީހުންގެ ފިކުރު ބަލައިގަނެ ގަބޫލުކުރުމަށް އަސްކަރީ (މިލިޓަންޓް) ސިފައެއްގައި ގޮވާލައެވެ. ރިޗަރޑް ޑޯކިންސްގެ ‘ގޯޑް ޑެލޫޝަން (އިލާހަކު ވޮޑިގެންވާ ކަމުގެ ވަހުމު)، ޑެނިއަލް ޑެނެޓްގެ ‘ބްރޭކިން ދަ ސްޕެލް ([ދީނުގެ ޖާދުލުގެ] ސިހުރު ނެތިކޮށްލުން)، ކްރިސްޓޮފަރ ހިޗިންސްގެ ‘ގޯޑް އިޒް ނޮޓް ގްރޭޓް’ (ކަލާނގެ މަތިވެރިވެގެން ނުވެއެވެ)، އަދި ސޭމް ހެރިސްގެ ‘ދަ އެންޑް އޮފް ފެއިތު’ (ދީނުގެ ނިމުން) މި ފޮތްފޮތުން މިކަން ސާފުކޮށް ފެނި އެނގިގެން ދެއެވެ. މި ހަތަރު ފޮތަކީ ދެންމެ މިނަންގަތް އަމާޒަށް ވާސިލުވުމަށްޓަކައި ވޭތުވެ ދިޔަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލިޔެވިފައިވާ ލާއިލާހީ ފިކުރުގެ އެންމެ މުހިއްމު ފޮތްތައްކަމުގައި ބެލެވޭ ހަތަރު ފޮތެވެ. އާދެ، މިޒަމާނުގެ ލާއިލާހިއްޔަތުގެ ހަތަރު އަސްވާރުންގެ ފޮތްތަކެވެ. ލާއިލާހިއްޔަތުގެ އަދުގެ އިންޖީލުތަކެވެ.

މިލިޔުންތަކަށް ރައްދުދީ ތަފާތު ލިޔުންތައް ދަނީ ލިޔެވެމުންނެވެ. މިގޮތުން ގިނައިން ފެންނަނީ ނަސޯރާ ދީނުގެ އިލްމުވެރިންގެ ލިޔުންތަކެވެ. ޕރ. ލެނޮކްސް، ތިރީގައި ނަންގަނެވިފައިވާ އޭނާގެ ލިޔުންތަކުގައި، ލާއިލާހިއްޔަތުގެ ވާހަކަތަކަށް ރައްދުދެއްވައެވެ. އަދި އޭނާގެ އިތުރުން، ޕރ. އެލިސްޓަރ މެކްގްރާތު، އެންޑްރޫ ވިލްސަން އަދި ކީތު ވޯރޑް ވެސް ޕރ. ޑޯކިންސަށް ރައްދުދެއްވާފައިވެއެވެ. އަދި، ޕރ. ލެނޮކްސްއާއި ވުލްފްގޭންގް ސްމިތު ޕރ. ސްޓިވަން ހޯކިންއަށް ރައްދުދެއްވާފައިވެއެވެ.

ދީނާ އިދިކޮޅު މައްސަލައާ ކުރިމަތިލާން ގަސްދުކުރާ ނަމަ، މި މައްސަލައިގެ އިލްމީ އަސާސަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. މިކަމާ ބެހޭ ލިޔުންތައް ބަލާލަންޖެހެއެވެ. ކަމެއްގެ ވަރުގަދަކަމާ ނިކަމެތިކަން، ހަރުދަނާކަމާ ހޮއިކަން، އެނގެނީ އެކަން ބިނާވެފައި އޮތް އިލްމީ ފަލްސަފީ ބިންގަލަކީ ކޮބައިކަން ދެނެގަނެވިގެންނެވެ. ހިތްތަކުގައި ދީނީ ޣީރަތްތެރިކަން އޮތް މީހުންނަށް މިލިޔުން މުޚާތަބުކުރެވެނީ މިއަސާސު ހޯދައި ދެނެގަތުމުގެ އެމީހުންގެ ހިތްތަކުގައި އިތުރަށް އުފެއްދުމުގެ ބޭނުމުގައެވެ. ލާއިލާހިއްޔަތުގެ ފިކުރު ފަތުރަން ވަރުގަދަ ޒިހުނީ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ދީނީ މީހުން ވެސް، ހަމަ އެފަދަ ޒިހުނީ މަސައްކަތްތަކެއް ކުރަންޖެހޭނޭ ކަމަށް ގަބޫލުކުރެވޭތީއެވެ. މިއީ އިހުގައި ވެސް މުސްލިމުން ކަންތައްކުރި ގޮތެވެ. ޣަޒާލީގެ ‘އަލްމުންގިޛު’ންނާއި އަދި އޭނާގެ ‘ތަހާފުތު’ މިފޮތްތަކުން މިކަން ފެނިގެންދެއެވެ. އަދި މިހާރު ވެސް، މިމަސައްކަތް މުސްލިމުންވެސް ކޮންމެވެސް ވަރަކަށް ކުރަމުން އެބަގެންދެއެވެ. ނަމަވެސް، ގިނައިން ފެންނަނީ މުސްލިމު ގައުމުތަކުން ބޭރުގައި މި މަސައްކަތް ކުރެވޭތަނެވެ. މިޒަމާނުގެ މުސްލިމުންގެ މިފަދަ މަސައްކަތްތަކުގެ ތެރޭގައި އިންޑިޔާގެ އިލްމުވެރިއެއްކަމަށްވާ މައުލާނާ ވަހީދުއްދީނު ޚާނުގެ ‘އިލްމޭ ޖަދީދުކާ ޗެލެންޖު’އާއި (‘އާ އިލްމުގެ [ސައިންސުގެ އާ ހޯދުންތަކުގެ] ޗެލެންޖާއި [ކުރިމަތިލުން]، މިފޮތުގެ އިނގިރޭސި ތަރުޖަމާއަށް ދެވިފައިވާ ނަމަކީ ‘ގޯޑް އެރައިސަސް’ މިއެވެ،) އޭނާގެ ‘އިން ސާރޗް އޮފް ގޯޑް’ (މާތް ރަސްކަލާނގެ ވޮޑިގެންވާކަން ހޯދައި، ދެނެގަތުމުގެ މަގުގައި’) ހިމެނެއެވެ. އަދި އިނގިރޭސިވިލާތުގެ މުސްލިމު ބާހިސެއްކަމުގައިވާ ހަމްޒާ ޓްޒޯޓްޒިސްގެ ‘ދަ ޑިވައިން ރިއާލިޓީ’ (އިލާހީ ހަގީގަތް) މިފޮތާއި އެމެރިކާގެ މުސްލިމު ބާހިސެއްކަމުގައިވާ އަލީ އަތޯއީ ގެ ‘ޑަޒް ގޯޑް އެކްޒިސްޓް’ ފަދަ މުހާޟަރާތްތައް މިފަދަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. (މީގެ ތެރެއިން ޣަޒާލީގެ މުންގިޛާއި ވަހީދުއްދީނު ޚާންގެ ‘އިން ސާރޗް އޮފް ގޯޑް؟’ މިދެފޮތް ވަނީ ޑރ. ހަސަން ހަމީދު ދިވެހި ބަހަށް ތަރުޖަމާކުރައްވައި އޭނާގެ ވެބްސައިޓުގައި ޝާއިއުކުރައްވާފައެވެ. ކިޔާލަން ބޭނުން ކޮންމެ މީހަކަށް ކިޔާލުމުގެ ފުރުސަތު އެބައޮތެވެ.)(ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top