އިސްލާމްދީނުގައި އުފާކުރުމާއި ކުޅިވަރު ކުޅުމަށް ފުރުސަތު ދީފައިވޭ: ޑރ.ޝަހީމް

119978387_759827548199616_3742561817913643762_n.jpg

ޑރ.ޝަހީމް --ފޮޓޯ :ޕީޕީއެމް މީޑިއާ

އިސްލާމްދީނުގައި އުފާކުރުމާއި ކުޅިވަރު ކުޅުމަށް ފުރުސަތު ދީފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށައެޅުއްވި ގަރާރާ ބެހޭ ގޮތުން އެގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ ދީނުގެ ހުކުމްތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބައެއް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމަށާއި، އަނެކުންނަށް އިހުތިރާމްކުރާ ދީނެއް ކަމަށެވެ. ހަމައެއާއެކު އިސްލާމްދީނަކީ ސުލްހަ ވެރިކަމަށް ލޯބިކުރުމާއެކު ރީތިކަމާއި ސާފުތާހިރުކަމަށް ލޯބިކުރާ ދީނެއް ކަމަށް ޑރ. ޝަހީމް  ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމްދީނުގައި މަޖާކުރުމާއި އުފާކުރުމާއި ކުޅިވަރު ކުޅުމަށް ފުރުސަތު ދީފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

“އިސްލާމް ދީނަކީ ދީނުގެ އަޚްލާގިއްޔާތުގެ ތެރެއިން އުފާކުރުމާއި މަޖާކުރުމާއި ކުޅިވަރު ކުޅުމާއި ހިތްހަމަޖެހުން ހޯދުމަށް ފުރުސަތު ދީފައިވާ ދީނެއް.” ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

ހަސަން ލަތީފްގެ ބިލާއި ގުޅިގެން މީގެ ކުރިން ޑރ. ޝަހީމް ވިދާޅުވީ، ‏އޭނާ އެދިވަޑައިގަންނަވަނީ ނާޗަރަންގީ ޖަގަހަތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ގައުމުގެ މުސްތަގްބަލަށްޓަކައި ޒުވާނުންގެ ޝަޚުސިއްޔަތު ބިނާކުރުން ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ގައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

“ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށް.” ޑރ. ޝަހީމް ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top