އާބާދީ ކުޑަ ރަށްރަށުން މުވައްޒަފުން ނުލިބޭ ނަމަ، އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ އުސޫލެއް އާންމުކޮށްފި

council.jpg

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތުގެ ހާއްސަ އުސޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފިއެވެ.

ސީއެސްސީން ބުނީ މި އުސޫލުގެ މައިގަނޑު ބޭނުމަކީ އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ހުރެގެން (އެ ރަށެއްގެ ކައުންސިލް އިދާރާގައި) މަސައްކަތް ކުރެވޭނެ ގޮތަށް މުވައްޒަފުން ހޯދައި ވަޒީފާ ހަމަޖެއްސުމެވެ.

މި އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ހުޅުވާލެވޭނީ އެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ، އަދި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމުތަކަށް އެކަންޏެވެ. އަދި ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނީ އެ އަތޮޅެއްގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށާއި، ވަޒީފާ ލިބޭ ފަރާތަކީ އެ އަތޮޅެއްގެ ރަށެއްގައި ދިރިއުޅޭ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ސީއެސްސީން ބުންޏެވެ.

ވަޒީފާ ހަމަޖެހޭ މީހާ ދިރިއުޅޭ ރަށުގެ ކައުންސިލުން، އޭނާއަށް އެ ރަށުގައި ހުރެގެން ވަޒީފާއަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭނެއެވެ. ސީއެސްސީން ބުނި ގޮތުގައި މި ފުރުސަތު ހަމަޖެހިފައިވާކަން ވަޒީފާއަށް މީހަކު ހަމަޖެއްސުމުގެ މަރުހަލާތަކުގެ ތެރެއިން ކަށަވަރު ކުރަންޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ނަގާ މުވައްޒަފުގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން މަސައްކަތް ކުރުމަށް ހިނގާނެ އެންމެހައި ހަރަދުތައް ހަމަޖައްސާނީ ވަޒީފާ އޮތް ނުވަތަ މުވައްޒަފު ނަގަން ބޭނުންވާ ކައުންސިލް އިދާރާއިންނެވެ. މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ ދައުލަތުގެ “ޕޭ ފްރޭމްވަރކް” ގައިވާ ގޮތުގެ މަތިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top