ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުވުމަކީ ތަރައްގީއަށް އަންނާނެ ހެޔޮ ބަދަލެއް: ރައީސް

WhatsApp-Image-2021-03-10-at-16.30.25.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އަންހެނުންގެ ދައުރު އިތުރުވެގެން ދިއުމަކީ މުޅި ރާއްޖޭގެ ތަރައްގީ އަށާއި ސިޔާސީ މަސްރަހަށް ވެސް އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

“ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް” ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ދިވެހިން އަމަލުކުރަމުން މި އަންނަ ގާނޫނު އަސާސީއަކީ، ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދިން ގާނޫނު އަސާސީ އެއް ކަމަށެވެ. އެހެން ނަމަވެސް، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް، ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއް ކަމަށް ރައީސް ފާހަގަކުރައްވައި ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެވޭނީ، މަރުކަޒީ އުސޫލުތައް ދޫކޮށްގެން ކަމަށް މީގެކުރިންވެސް އެކި ފޯރަމްތަކުގައި އެމަނިކުފާނު ވިދާޅުވެފައިވާ ވާހަކަ މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.

“މި އިންތިހާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިންތިހާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު، އެތައް ގުނައަކުން އިތުރުވެގެންދިޔުން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ރާއްޖޭގެ ތަރައްގީއަށްވެސް އަދި ސިޔާސީ މަސްރަހަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް،” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ބަދަލުތަކުގެ ހެޔޮ އަސަރު، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ ކަމަށެވެ. ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިޔުމާއެކު، އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި، ގައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top