ރާއްޖޭގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރުރުއް އިންދާތީ ފާޑުކިޔުން އިތުރު ވަނީ

WhatsApp-Image-2024-11-02-at-19.24.58-1-2.jpeg

އޭދަފުށި ބަނދަރުމަތި

ދިވެހިރާއްޖޭގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދައި ހެއްދުމުގެ ސަގާފަތެއް އާލާވަމުން ދާތީ އެކަމާމެދު މީޑިޔާގައި ފާޑުކިޔުން އިތުރުވާން ފަށައިފިއެވެ.

އޮންލައިން ނޫހެއްގައި، މިމަހު 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިމަތީގެ ފޮޓޯއެއް ޖަހާފައި އެކަމަށް ފާޑުކިޔަމުން، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ނުހަނު މަޝްހޫރު “ޓްރޮޕިކަލް” މަންޒިލަކަށް ވެފައި މި ރާއްޖެ ފަޅުފިލުވައި، ދިވެހިވަންތަ ސިފަ ގެނެސްދޭ އެކައްޗަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ “ޓްރޮޕިކަލް” ވަންތަ ސިފަ ގެނެސްދޭ ގޮތަށް ގިނަ އަދަދަކަށް ހެދިފައިވާ ދިވެހިރުއް ކަމަށް ލިޔެފައިވެއެވެ.

”ނަމަވެސް، މިއަދު އެ ސިފަ ބަދަލުވަމުންދާ ކަމުގެ ހިތާމަވެރި މަންޒަރުތައް ދަނީ ފެންނަމުންނެވެ. ދިވެހިރާއްޖެ އަރަބިކަރައިގެ ސަހަރާއަކަށް ހަދައި، މުޅި ޤައުމުގައި ކަދުރުރުއް އިންދުމުގެ ބޮޑު މަޝްރޫއެއް ވަނީ ފެށިފައެވެ.“ އެލިޔުން ކުރިއަށް ގެންދަވަމުން ލިޔެފައިވެއެވެ.

މާލޭގެ އިތުރުން ރަށްރަށުގައިވެސް މިހާރު އެސަގާފަތް ކުރިއަރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވަމުން މިކަން ފެށިފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ މޭޔަރުކަން ކުރެއްވި ދުވަސްވަރުގައި ކަމަށް ތުހުމަތު ކުރައްވައެވެ.

”އެމަނިކުފާނު މޭޔަރުކަމުގައި، މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި އެއްކޮޅުން އަނެއްކޮޅަށް ކަދުރުރުއް އިންދިއެވެ. އަދި މި މަގުގެ ހުޅަނގުކޮޅުގައި ވެސް ކަދުރުރުއް އިންދާ، މާލޭގެ މޫނުމަތީގެ ބޮޑު ބަޔެއް ކަދުރުރުކުން ފުރާލިއެވެ. އޭގެ ފަހުން މާލޭގެ މޭޔަރަކަށް ހޮވުނު އާދަމް އާޒިމް ވެސް އަންނަނީ މުއިއްޒުގެ ފަހަތްޕުޅުން މާލޭގެ އެތަންމިތަން ކަދުރުރުކުން “ޒީނަތްތެރި” ކުރަމުންނެވެ.“

އެކަން ކޮޕީކުރަމުން ރާއްޖެތެރޭގެ ރަށްރަށުގެ ރީތި މަލަމަތިވެސް ދައްކަން ބޭނުންވަނީ ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއްކަމަށް ދެކޭތީ ރަށްރަށުގެ ބަނދަރުމަތީގައި ކަދުރުރުއް އިންދަން ފެށިއެވެ. ހިޔާދޭ ގަސްގަސް އިންދުމުގެ ބަދަލުގައި ހިޔާނުދޭ ކަދުރުރުއް އިންދައި ދިވެހިރުކަށް ދިވެހިން ކުރަމުން އައި ގަދަރު ކުޑަކޮށްލެވިފައިވާ ކަމަށް ދެކެއެވެ.

”އިހުގެ ދިވެހީންގެ ބޯދާ ގަބޫލުކުރުން ތަކާ އެއްގޮތަށް، ވިހާ ކޮންމެ ދަރިއަކަށް ރުއް އިންދާއުޅުނެވެ. މަރުވާ މީހުންނަށްޓަކައި ވެސް ރުއް އިންދިއެވެ. ކަނޑާ ކޮންމެ ރުކެއްގެ ބަދަލުގައި ހަތަރު ފަސް ރުއް އިންދިއެވެ. މިހެން އިންދި އިންދުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ދިވެހީން ބޭނުންކޮށްފައި ބާކީވާ ވަރަށް ކާށި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ކާއްޓަކީ ދިވެހީން އެކްސްޕޯޓްކޮށް އުޅުނު މުދަލެކެވެ. އަދި ދިވެހިރުކުން އެހެނިހެން މުދާތައް އުފައްދައިގެން ވެސް ދިވެހީން އެކްސްޕޯޓްކުރިއެވެ.  ކާބޯތަކެތީގެ ގިނަ ބާވަތްތައް ހެދުމަށް ކާށި ބޭނުންކުރިއެވެ. އެކަމަކު ރުއްތައް ކަނޑަމުން ގޮސް، މިއަދު ކާށި ވެސް، ރޯނު ވެސް އިމްޕޯރޓް ކުރަނީއެވެ.

ދިވެހި ތާރީޚު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ އެ މައްސަލައިގައި ވިދާޅުވަނީ، ދިވެހި ގައުމުގެ ރަމްޒަކީ ދިވެހި ރުއް ކަމާއި ބޭރުގައި ރާއްޖެ ސިފަކުރަނީ ވެސް އެ ރުކުންކަމަށެވެ.

”ދިވެހިރާއްޖޭގެ ރަށްރަށުގެ މަލަމަތީންނާއި ރާއްޖެއަށް ވަންނަ ދޮރޯށިތައް ދޮށުން ފެންނާން ވާނީ ޒަމާނުއްސުރެ ދިވެހިރާއްޖެ ސިފަކޮށްފަައިވާ ގޮތެވެ. އެއީ މި ރާއްޖޭގެ މަލަމަތި ޒަމާނުއްސުރެ ފަޅުފިލުވާލަ ދިން ދިވެހި ރުކެވެ.“ ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައިވެއެވެ.

އަލާ ވިދާޅުވީ ރާއްޖެއިން އަމިއްލަވަންތަކަށް ނަގަހައްޓައިގެން އަމިއްލަ ގޮތްފޮތް ދަމަހައްޓައިގެން އެތައް ހާސް އަހަރަކު ދެމި އޮވެއްޖެ ކަމަށާއި، އެ އަމިއްލަވަންތަކަމަކީ މިހާރު ތިބި މީހުންނަށް ފޯރުކޮށްދީފައިވާ އަމާނާތެއް ކަމަށެވެ.

”ކަދުރު ރުއްވެސް ބޭރުން ގެންނަ އެހެނިހެން ރުއްގަސް ފަދައިން ޕާކުތަކުގައި އިންދަންވީއެވެ. އެހެންނަމަވެސް ރާއްޖޭގެ މޫނު މަތީގައި ކަދުރު ރުއް އިންދުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަމިއްލަ ސިފަ ބަދަލުކޮށްލާފައި، އާޓިފިޝަލް ސިފައެއް ޖެހުން ކަހަލަ ކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ދިވެހިވަންތަކަމުގެ ސިފަ ބަދަލުކޮށްލުމަށް ކުރެވޭ ކަމެއް ކަމަށް ދެކެމެވެ. އަޅުގަނޑުމެން ދިވެހީން ދިވެހިވަންތަކަން ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.“ ރަސް އޮންލައިން ގައިބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top