”ކައުންސިލްތަކުގެ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މިއަހަރު ފަށާނެ“

386868_3_12acd6c38d0a1482a5d03b7fc54aa7626c9e21c9_large.jpeg

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހދ. މަކުނުދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ހދ. މަކުނުދޫގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވާ ދެއްްކެވި ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލްތަކަށް ގާނޫނީގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް، ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ، ގިނަ ދުވަސްވެފައިވާ، ބާ އިމާރާތްތަކެއް ކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ވަނީ ކުރިމަތިވެފައި ކަމަށެވެ.

އެހެންވެ އެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތައް އުފެއްދި ފަހުން މިދިޔަ 13 އަހަރުގެ ތެރޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ކައުންސިލްތައް ހިންގަން ޒަމާނީ އޮފީސް އިމާރާތްތަކެއް އަޅާދީފައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށެވެ.

“މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ގާއިމްކޮށްދޭނަން،” ރައީސް ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އެއް ފަހަރާ 50 ރަށުގައި މަސައްކަތް ފަށާނަން.”

އެ 50 ރަށް ހިޔާރުކުރުމުގައި އިސްކަންދޭނީ މިހާރު އެންމެ ގިނަ ދުވަސްވެ، އިމާރާތް ބޮޑަށް ހަލާކުވެފައި ހުރި، ޖާގަ ކުޑަ އަދި ބޮޑު އާބާދީއަކަށް ހިދުމަތް ދޭން ޖެހޭ ކައުންސިލްތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top