ބައިނަލްއަގުވާމީ ކާފައިންނާއި މާމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެންޝަން އޮފީހުން އޭދަފުށީގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާމާއިންނާއި ކާފައިންނާއެކު ހަވީރު ސައެއް ބާއްވާން ނިންމަފި އެވެ.
ބައިނަލް އަގުވާމީ ގޮތުން ކޮންމެ އަހަރަކު ފާހަގަކުރާ ކާފައިންނާއި މާމައިންގެ ދުވަސް މި އަހަރު ރަސްމީ ގޮތުން ރާއްޖޭގައި ފާހަގަ ކުރަނީ އޭދަފުށީގައެވެ.
ޕެންޝަން އޮފީހުން ބުނިގޮތުގައި މި ހަރަކާތަކީ މާމައިންނާއި ކާފައިންނާއެކު އެބޭފުޅުންގެ ޢާއިލާތައް އެކުވެރި މާޙައުލެއްގައި އެއްތަންވެ، ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
މި އިވެންޓުގެ ތެރެއިން، ދުޅަހެޔޮ ރިޓަޔާމަންޓެއް ބިނާކުރުމާއި، ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުމަށް މުހިންމު އާދަތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހިންގާ “އުފާވެރި ރާސްތާ” ޕްރޮގްރާމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް އޭދަފުށީގައި ކުރިއަށް ގެންދަނީ ޕެންޝަން އޮފީހާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަދި އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.




