ފެނުގެ މަޝްރޫއު ބާރަށް ކުރިއަށް

DSCN0478.jpg

އޭދަފުށީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއަކީ މިވަގުތު އެންމެ ބާރަށް ކުރިއަށް ގެންދާ މަޝްރޫއެވެ. އޭދަފުށީގެ ގޭގެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން އާއެެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައި ވަނީ 74.3 މިލިއަން ރުފިޔާއަށް، ހަތް މަސް ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މަސައްކަތުގެ ސްޕީޑަށް ބަލާއިރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. ސެނޮކުން ވެސް އުއްމީދު ކުރަނީ އެގޮތަށެވެ. ” ޕްރޮޖެކްޓްގެ ތެރެއިން މިހާރު ކުރިއަށް މި ގެންދަނީ މަގުތަކުގައި ހޮޅި ވަޅުލުން. މި މަސައްކަތުގެ 30 އިންސައްތަ މިހާރު ނިމިއްޖެ. އުއްމީދު ކުރެވެނީ ލަސްވެގެން  ތިން މަސްދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިންމާފައި ހަވާލުކުރެވޭނެކަމަށް. ” ޓެކްނިކަލް އެސިސްޓެންޓް މިސްޓަރ ޕަސިންދު މާނަމަނޫ، މަސައްކަތްކުރާ ސައިޓްގައި ހުންނަވައިގެން އީވީއަށް މައުލޫމާތު ދިނެވެ.

އޭދަފުށީގައި ގާއިމުކުރާ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށިގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދެއްގައި ފެންހޮޅި ވަޅުލައި ރަށުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި ފަސޭހަކަމާއެކު ރައްޔިތުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީގައި 598 ގޭބިސީ ހުންނައިރު ފެނުގެ ހިދުމަތަށް އެދި 500 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top