މަސްވެރިންނަށް ދޭ ތެލުގެ ސަބްސިޑީ އަށް އެދުމާއި ދޫކުރުމަށް ފަހިހަކަތަ ޕޯޓަލް ބޭނުންކުރުން ލާޒިމް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ޑިއުޓީ އުނިކޮށްފައިވާ އަގުގައި ތެޔޮ ދޫކުރުމަށް މިހާރުވެސް ބޭނުންކުރަމުން އަންނަ “ފަހިހަކަތަ” ޕޯޓަލް މެދުވެރިކޮށް، ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލަކީ ސަބްސިޑީ ދިނުމުގެ މަރުހަލާތައް ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި މި ހިދުމަތް މަސްވެރިންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މި އަހަރުގެ 22 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފްއެސްއެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް އޮތީ ހަމަޖައްސައިފައެވެ.
ތެލުގެ ސަބްސިޑީއަކީ މިހާރު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުތަކަށް ދޫކުރަމުން އަންނަ އެހީއެކެވެ.
ތެލުގެ ސަބްސިޑީ މިހާތަނަށް ދޫކުރަމުން އައީ “ފަހިހަކަތަ” ޕޯޓަލުން ރިކުއެސްޓެއް ޕޮނުވުމަކާ ނުލަ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ހަމަޖެހިފައި ވަނީ ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެހެންވެ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުފަހަރުން މި މަހުގެ 15 ގެ ކުރިން ޕޯޓަލްގައި ރަޖިސްޓްރީވާން މިހާރު އޮތީ ހުޅުވާލައިފަ އެވެ.





