ހެއު ގޮތުގައި ވެވޭ ޙައްޖަކަށް އޮތް ޖަޒާއަކީ ސުވަރުގެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާ ގައި ބަޔާން ކޮށްފި އެވެ.
”ހެއު ގޮތުގައި ވެވޭ ޙައްޖު“ ގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބުނީ، މަޤުބޫލު ޙައްޖަކަށް ހެދުމަށްޓަކައި އެކަމަށް ކުރާ ޚަރަދަކީ ޙަލާލު ފައިސާއަށް ވާންޖެހޭނެ ކަމަށެވެ. މާތް ﷲ އީ ހުސްޠާހިރުވަންތަ ރަސްކަލާނގެ ކަމަށްވާތީ، ޙަލާލު ތަކެތި މެނުވީ އެކަލާނގެ ގަބޫލެއް ނުކުރަށްވާނެއެވެ.
ޚުޠުބާގައި ބުނީ ޙައްޖު ވާޖިބުވުމަށްފަހު އެކަން އަދާކުރުމަށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއް ކަމަށާއި އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، މީހަކަށް ކަންތައް ދިމާވާނީ ކިހިނެއްކަން ނޭނގޭނެތީ، ފަރުޟު ޙައްޖުވުމަށް އަވަސްވެގަތުމަށެވެ.
ޚުތުބާގައި ފާހަގަކޮށްފައިވަނީ، ޢުމުރުން އެއްފަހަރު ޙައްޖާއި ޢުމްރާވުމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. ޙައްޖުވުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން އެކަމުގެ ތަނަވަސްކަން ހުރުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ.
ޙައްޖަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމާއި، ޙައްޖުގެ ޙުކުމްތަކާއި އަދާކުރާނެ ގޮތް އުނގެނި ދަސްކުރުމާއި، ދެއްކުންތެރިކަމުން ދުރުވެ، ހަމައެކަނި މާތް ﷲ އަށްޓަކައި އެކަން ކުރުން ހިމެނެއެވެ.
ޙައްޖު މަސްތަކަކީ ޝައްވާލް މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އަދި ޙައްޖުގެ އެންމެ މުހިންމު އެއް ރުކުނަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި މަޑުކުރުމެވެ. މި ރުކުން އަދާނުކުރެވިއްޖެ މީހަކަށް އެ އަހަރަކު ޙައްޖެއް ނުލިބޭނެއެވެ.
ޚުތުބާ ނިންމާލަމުން ބުނެފައިވަނީ، ހެއު ގޮތުގައި ވެވުނު ޙައްޖެއްގެ އެންމެ ބޮޑު ޢަލާމާތަކީ ޙައްޖުން އެނބުރި އައުމަށްފަހު، އެމީހެއްގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވެ، އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މީހަކަށް ބަދަލުވުން ކަމަށެވެ.






