އޯޕަލް ޓްރަސްޓް އޮފް މޯލްޑިވްސް އިން ބ.ހިތާދޫގައި ”ކްލަބް ވެލެންސިއާ އެކަޑަމީ ބ.ހިތާދޫ“ ގެ ނަމުގައި ސްކޫލްކުދިންނަށް ޚާއްސަކޮށްގެން އެކެޑެމީ އެއް އިފްތިތާހު ކޮށްފިއެވެ.
އޯޕަލް ޓްރަސްޓް އޮފް މޯލްޑިވްސްއަކީ ހިތާދުއަށް ނިސްބަތްވާ މުހަންމަދު އަބުދުއްސައްތާރު އިސްވެހުރެ ރަޖިސްޓްރީކޮށް ހިންގާ އެންޖިއޯ އެކެވެ.
އެކެޑެމީ އިފްތިތާހު ކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންނާއި ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި ހިތާދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދުގެ ގެ ވާހަކަފުޅުގައި، ދިގުރާސްތާ އަކަށް އަމާޒުކޮށްގެން މިފަދަ އެކެޑެމީއެއް ހިތާދޫގައި ހިންގަވަން ނިންމެވިކަމަށް ޓަކައި ވަރަށް ބޮޑަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މިއީ ކުދިންގެ ދުޅަހެޔޮ ކަމާއި ކުޅިވަރުގެ ރޮނގުންވެސް ރަނގަޅު މޮޅު ދަރިންތަކެއް އުފެދިގެން ދާނެ ކަމެއްކަނަ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކްލަބް ވެލެންސިއާ އަށާއި އޯޕަލް ޓްރަސްޓް މޯލްޑިވްސްގެ މަސްއޫލު މެންބަރު މުހައްމަދު އަބްދުއްސައްތާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މިކަން ދެމެހެެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ސްކޫލްގެ ފަރާތުން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ހިތާދޫގައި މިފަދަ އެކެޑެމީއެއް ދިގުރާސްތާ އަށް އަމާޒުކޮށްގެން ހުޅުވައި ހިންގުމުގެ ބޭނުމަކީ ދަރިވަރުންނަށް ކުޅިވަރަށް އަހުލުވެރިކުރުމާއެކު އެކުދިންގެ ތަރުބަވީ ހަޔާތަށްވެސް ރަނގަޅު ހެޔޮ ބަދަލު ތަކެއް ގެނެއުމަށް މަސައްކަތް ކުރުންކަމަށް ސައްތާރު ވިދާޅުވި އެވެ. ހަމައެހެންމެ ރަށުގެ ސްކޫލާއި ބެލެނިވެރިންނާއި އަދި އަންހެނުން ކޮމެޓީ އާއި ކައުންސިލު އަދި މުވައްސަސާތައް ގުޅިގެން އެންމެން ބައިވެރިވާ ގޮތަށް އަޚުލާގު ރަނގަޅު، މަސްއޫލިއްޔާތު އަދާކުރާ ޒުވާން ޖީލެއް އުފެއްދުންކަމަށް ސައްތާރު ވިދާޅުވި އެވެ.
މި އެކެޑެމީގެ ފަރާތުން ހޮނިހިރުއިން ފެށިގެން ވަނީ ފިރިހެންކުދިންގެ ފުޓުބޯޅައާއި އަންހެން ކުދިންގެ ހޭންޑްބޯލް ޓްރޭނިންގެ ޕްރޮގްރާމްތަކެއް ހިންގަން ފަށާފައެވެ. މި ޕްރޮގްރާމް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި މިކުޅިވަރުތައް ކޯޗުކޮށް ދެނީ ރާއްޖޭގެ މަޝްހޫރު ކޯޗުންކަމަށް ސައްތާރު ވިދާޅުވި އެވެ. އެގޮތުން މިހާރު ފުޓުބޯޅަ ޗީފް ކޯޗަކީ ކްލަބް ވެލެންސިއާގެ ފައުންޑާ މެންބަރު އަދި ކުރީގެ މަޝްހޫރުކުޅުންތެރިޔާ ހީނާ އަހްމަދު ސަލީމް ކަން އޭނާ ފާހަގަކުރެއްވިއެވެ.
”ވެލެންސިއާ ކްލަބުން ފޮނުވާ ކޯޗުން މިރަށުގައިތިބެ ކޯޗުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހިތާދޫ ގެ މީހުން ،ޓްރެއިން ކުރެވެން ދެން ކައިރިން ގައިޑް ކުރަން އެމީހުން މިރަށުގަ ތިބޭނެ. “ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ ކޯޗިން ކޭންޕެއް އަދި ރެފްރީން ތަމުރީން ޕްރޮގްރާމެއްވެސް މީގެ ތެރޭގައި ކުރިއަށް ދާނެ އެވެ.
މިކަމުގައި ބެލެނިވެރިންނާއި އަންހެނުންގެ ކޮމެޓިއާއި މުވައްސަސާތަކުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސައްތާރުވަނީ އެ ހުރިހާ ފަރާތަތަކަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.