ކުރިޔަށް އޮތް ތިންދުވަހުވެސް މުޅި ރާއްޖެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިހާރު މި ކުރާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަނަކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މިހާރު ކުރަމުން ދާ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ހިތަދުއަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އެރަށަށް 110 މިލިމީޓަރު ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައެވެ.
މިދިޔަ ދެ ދުވަހު ރާއްޖޭ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައި ވެއެވެ. އަދި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށްވެސް މެޓުން ބުނެފައިވެ އެވެ. އަދި މިއީ ކޮޅިގަނޑުގެ ވިއްސާރަ ކަމަށްވެސް މެޓުން ބުންޏެވެ.