ރަށް ގިރުމުގެ މައްސަލަ ދަރަވަންދޫއަށް ބޮޑު. ގެސްޓްހައުސް ވިޔަފާރިއަށް އަސަރުކުރާނެ : ކައުންސިލް

26638289_10155542510323402_1178070014_n-1.jpg

ބ.ދަރަވަންދޫގައި ގެސްޓްހައުސްތައް އަޅާފައިވާ އަތިރިމަތީ ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާ ކަމަށާ މިއީ ކަންބޮޑުވާ މައްސަލައެއްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ވޮއިސް އާ ވާހަކަ ދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީމާޖިދު ވިދާޅުވީ އެރަށުގެ ހުޅަނގު އުތުރު ސަރަހައްދު ގިރުމުގެ މައްސަލަ ދިމާވަމުން އަންނަތާ ގިނަ ދުވަސްތަކެއްް ވެފައިވާ ކަމަށާ މިމައްސަލަ ބޮޑަށް ކުރިމަތިވަނީ އިރުވައި މޫސުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން އެރަށުގެ ގެސްޓް ވިޔަފާރިއަށް އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

“ގެސްޓްހައުސްތައް ތަރައްގީވެފައި ހުރި ސަރަހައްދު އެއީ. ގެސްޓުން ބޭނުންކުރާ ބީޗަކަށްވެސް އަދި މޫދަށް އެރޭ ސަރަހައްދަކަށްވެސް އޮތީ އެސަރަހައްދު. މިދިޔަ އަހަރުވެސް އެސަރަހައްދުގެ އެއްގަމުގައި ހުރި ބައެއް ރުއްގަހުގެ މޫތަކުގެ ދަށުން ވެލިދަމާ، ގަސްރުއް ވެއްޓުމުގެ ބިރާ ކުރިމަތިވި. އަނެއްކާ މިއަހަރުވެސް އެސަރަހައްދު ގިރާ މޫސުން މިއަންނަނީ ކުރިމަތި ވަމުން. މިހާރުވެސް ގިރަން ފަށައިފި.” އަލީ މާޖިދު ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ޓަކައި އެންވަޔަރންމަންޓް މިނިސްޓްރީއާ މަޝްވަރާ ކުރެވެމުން ދާތާ ދުވަސްތަކެއް ވެއްޖެކަމަށާ ލަފާކުރެވޭ ގޮތުން މިއަހަރުގެ ތެރޭގައި މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ޕްރޮޖެކްޓެއް ފައްޓަވާނެއެވެ. އޭނާ ވިދާޅުވީ ރަށް ގިރާ ސަރަހައްދު ސާވޭ ކުރުމުގެ މަސައްކަތް އެންވަޔަރންމަންޓުން މިދިޔަ އަހަރު ކޮށްފައިވާ ކަމަށެވެ.

“ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެތަން ހިމާޔަތް ކުރުމާ ބެހޭގޮތުން . އެންވަޔަރންމަންޓްގެ ޓީމެއް މިދިޔަ އަހަރު މި ރަށަށް ޒިޔާރަތްކޮށް އެސަރަހައްދުގެ ސާވޭ އެއް ކޮށްފައި އޮތީވެސް. އެބަފެނޭ އެސަރަހައްދު ހިމާޔަތް ކުރަން ސަރުކާރުން މަސައްކަތް ކުރާ ތަން. ވަރަށް ބޮޑަށް ހީވޭ  ތޮށިގަނޑެއް ލުމުގެ މަސައްކަތް މިއަހަރުވެސް ފެށިދާނެހެން. ”

އަލީ މާޖިދު ވިދާޅުވީ ދަރަވަންދޫއަކީ ކުރީގައިވެސް ރަށް ގިރުމުގެ މައްސލަ ބޮޑު ރަށަކަށް ވެފައި އެކަން އިތުރަށް ބޮޑުވެގެން ދިޔައީ މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައެވެ. އޭނާ ވިދާޅުވީ ހުޅަނގު އުތުރު ސަރަހައްދުގެ އިތުރުން އިރުއުތުރު ސަރަހައްދުވެސް ކޮންމެވެސް ވަރަކަށް ގިރަމުން ދާ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top