ބަނދަރު ހަދައިދޭން އެއްބަސްވުމާއެކު، ކިހާދޫން ކޯސްޓްލައިނަށް 50000 އަކަފޫޓްގެ ބިމެއް!

26735303_10155544962958402_1552587461_o.jpg

ބ.ކިހާދޫ

ބ. ކިހާދޫގައި އާބަނދަރެއް ހަދާދޭން އެއްބަސްވުމާއެކު، ކޯސްޓްލައިން އިންވެސްޓްމަންޓަށް 50000 އަކަފޫޓްގެ ބިމެއް އެރަށުން ކުއްޔަށް ދިނުމަށް ކިހާދޫ ކައުންސިލުން ނިންމައިފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ ކޯސްޓްލައިން އިން 50000 އަކަފޫޓްގެ ބިމެއް ހޯދުމަށް އެރަށުކައުންސިލަށް ހުށައެޅީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށާ، ބަނދަރު ހަދާދޭގޮތަށް، ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމާމެދު ކިހާދޫ ރައްޔިތުންވެސް އާބަސްބުނެފައިވާކަމަށެވެ. ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ މިވަގުތު ކުރިޔަށްދަނީ ބިން ކުއްޔަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން ހުއްދަ ނެގުމުގެ މަސައްކަތް ކަމަށާ، އެކަން ލަސްތަކެއް ނުވެ ހަމަޖެހިގެންދާނޭކަމުގެ ސިގްނަލް ލިބިފައިވާ ކަމަށެވެ.

“ހައުސިން މިނިސްޓްރީއަށް ފުރަތަމަ ފޮނުވި ކުރެހުމުގައި ކުޑަމައްސަލައެއް އުޅޭތީ އަނބުރާ ފޮނުވާލާފައި މިހާރު މިއޮތީ، އަޅުގަނޑުމެން ކުރެހުން އިސްލާހުކޮށް ވަރަށް އަވަހަށް ހައުސިންއަށް ފޮނުވާނަން ލިޔެކިއުންތައް. ރައްޔިތުންވެސް ވަރަށް ބޮޑަށް މިކަމާ ރުހި ގަބޫލުވެގެން މިކަން މިގޮތަށް މިކުރަނީ. އުއްމީދުކުރަނީ ވަރަށް އަވަހަށް ހައުސިން މިނިސްޓްރީން ހުއްދަދެއްވާނެކަމަށް” ފަޒީލް ވިދާޅުވިއެވެ.

ކޯސްޓްލައިން އިންވެސްޓްމަންޓުން މިވަގުތު ދަނީ ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. 223000 އަކަފޫތްގެ ބިމެއްގައި ތަރައްޤީކުރަމުން އަންނަ މިސެންޓަރުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ވަރަށް ގާތްވެފައެވެ.

ފަޒީލް ވިދާޅުވީ ކޯސްޓްލައިންއާ އެކު ބިން ކުއްޔަށް ދިނުމަށް ކުއްޔަކާއި، މުއްދަތެއް ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރިޔަށްދާކަމަށެވެ. އޭނާ ވިދާޅުވީ މިބިމުގައި ކޯސްޓްލައިން އިން ބޯޓްޔާޑެއް ހަދައި، އިތުރު ޓްރޭނިންގްތައް ހެދޭނޭ އިންތިޒާމްތައް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިބިން ތަރައްޤީކުރުމާ އެކުއެކީގައި ކުރިޔަށް ގެންދިއުމަށް މަޝްވަރާކުރެވިފައިވާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

“ހަގީގަތުގައި މިބިމަކީ މިހާރު ކޯސްޓްލައިންއިން ހަދަމުންދާ ޓްރޭނިންގް ސެންޓަރުގެ އަމަލީ މަސައްކަތް ހިނގާނެ އޭރިއާ، މިތަނުގައި ޒަމާނީ ފެންވަރުގެ ބޯޑު ޔާޑަކާއި، އިންޖިނިއަރިންގް މަސައްކަތްތައް ކުރެވޭނޭ ވަސީލަތްތައް ގާއިމްކުރާނެ. އެމަސައްކަތަކާ، ބަނދަރު މަސައްކަތް އެޓޭޗްވެގެން އެކީ އެއްކޮށް މަސައްކަތް ނިންމަން ކޯސްޓްލައިން އިން އެއްބަސްވެފައި އޮތީ”

ފަޒީލް ވިދާޅުވީ ކިހާދޫގައި ކޯސްޓްލައިން އިން ގާއިމްކުރާ ބަނދަރު މިހާރު ބޭނުންކުރާ ބަނދަރަށްވުރެ ބޮޑުވާނެއެވެ. އެގޮތުން އަލަށް ހަދާ ބަނދަރުގެ ދިގުމިނުގައި 400ފޫޓް އަދި ފުޅާމިނުގައި 250ފޫޓް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިބިން ކޯސްޓްލައިންއަށް ދިނުމަކީ ކިހާދޫގެ ތަރައްޤީއަށް ހީ ނުކުރާވަރުގެ ބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމެއްކަމަށް ފަޒީލް ވިދާޅުވިއެވެ.

ކިހާދޫ ބަނދަރު.

500 އަށްވުރެެ އާބާދީއެއް އޮތް ކިހާދޫގައި މިވަގުތު ބޭނުންކުރަމުން އަންނަ ބަނދަރަކީ 2000 ވަނައަހަރު އެރަށު ރައްޔިތުންނާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއެކު ސަރުކާރުގެވެސް އެހީ ލިބިގެން ތަރައްޤީކުރި ބަނދަރެކެވެ. ނަމަވެސް 2004 ވަނަ އަހަރު ސުނާމީގައި ކިހާދޫ ބަނދަރު އެއްގަމު ތޮއްޓާ ކަނޑުތޮށި އެއްކޮށް ވަނީ ހަލާކުވެފައެވެ. ކިހާދޫ ކައުންސިލުން ބުނީ މިވަގުތު އެރަށުގައި ލަފާފުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top