ޕްލާސްޓިކް ރީސައިކަލްކުރާ ފެސިލިޓީއެއް އަޅަނީ

vbn-2-2048x1366-1.jpg

ރާއްޖޭގައި މުޅިން އަލަށް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހާއްސަ ފެސިލިޓީއެއް “މޮޕާސައިކަލް ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީ” ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ގެނައުމަށްޓަކައި، ކ. ތިލަފުށީގައި ގާއިމުކުރާ ފެސިލިޓީއެކެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޮޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢަކީ ރާއްޖޭގެ ރީސައިކްލިން އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޕްލާސްޓިކް ކުނި މެނޭޖުކުރުމުގައި ސާކިއުލާ އިކޮނޮމީ ނުވަތަ ދެމެހެއްޓެނިވި އިޤުތިސާދީ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ފެސިލިޓީގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފާއި ކުރީގެ ވަޒީރު ތޯރިގު އިބްރާހިމެވެ.

ތިލަފުށީގައި ގާއިމުކުރާ 5،000 އަކަފޫޓުގެ މި ޒަމާނީ ފެސިލިޓީގައި ޕެޓް ޕްލާސްޓިކް ޕްރޮސެސްކުރާނެ ފުރިހަމަ ލައިނެއް ހުންނާނެއެވެ. މީގެ ތެރޭގައި އެކި ރަށްރަށުން ގެންނަ ކުނި އެއްކުރުމާއި، ފުޅީގައި ހުންނަ ލޭބަލް އަދި މަތި ނައްޓާލުމާއި، ޕްލާސްޓިކް ކުދިކޮށް ކޮށާލުމުގެ އިތުރުން ހޫނު އަދި ފިނި ފެނުން ދޮވުމާއި ހިއްކުމުގެ މަރުހަލާތައް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކް ރީސައިކަލް ކުރުމަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކޮންމެހެން ކުރުން މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންވެ އެ ފެސިލިޓީ ގާއިމުކޮށް ނިންމުމުން އިގްތިސޯދު ޑައިވާސިފައި ކުރުމަށް އިތުރު މަގުތަކެއް ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ރަށްތަކުން ޕްލާސްޓިކް މަދުވެގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ނުވަ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ.

މޮޕާސައިކަލް މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ރީސައިކްލިން އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް މޮޕާއިން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރު ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ފެސިލިޓީ ނިމި އޮޕަރޭޝަނަށް އައުމާއެކު، ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް އައިސް، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top