ރޯދައަށް މިސްކިތް މަރާމާތުކުރުމަށް އޭދަފުށީ މާލިއްޔާއިން އެއްލައްކަ

DSCN1353.jpg

އޭދަފުށީ މަސްޖިދު މުޢިނުންދީނުއްޡާނީ -ފޮޓޯ /އޭދަފުށި ވޮއިސް

އަންނަ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީގެ މިސްކިތްތައް މަރާމާތުކުރުމަށް އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރަން ނިންމާފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

ރޯދަމަހަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ރައީސަށް އޭދަފުށީ ވޮއިސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް ތޮލާލް ވިދާޅުވީ މިސްކިތްތަކުގައި ކުރަން ހަމަޖެހިފައިވާ މަރާމާތުތައް މިހާރު ފެށިގެން ކުރިޔަށް އެބަދާކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ބޮޑު ހަރަދެއް ހިނގާނީ މަސްޖިދު ޔޫސުފްއަށް އިތުރުކުރެވޭ ނަމާދުކުރާ ބަޔަށްކަމަށެވެ.

“ކުޑަމިސްކިތަށް (މަސްޖިދު ޔޫސުފްއަށް) ބޮޑު ހަރަދެއް މިދަނީ. ތަކެއްޗާ ނުލާ މަސައްކަތު އަގަށް އެކަނިވެސް ސާޅިހަކަށް ހާސް ރުފިޔާ އެބައަރާ. ދެން އަދި ތަކެތީގެ އަގާއެކު ލައްކައަކާ ގާތްކުރާނޭކަމަށް ބެލެވެނީ. މިޕްރޮޖެކްޓް ރޯދައަށް ނިންމުން އަމާޒަކީ. އޭރުން ޔޫސުފް މިސްކިތުގެ އުތުރު ފެންޑާ އިތުރަށް ބޮޑު ކުރެވި ޖާގައިތުރުވެގެންދާނެ” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މަސްޖިދު ޔޫސުފްގެ އިތުރުން މަސްޖިދު މުއީނުއްދީން (ބޮޑު މިސްކިތް) ގެ ކުލަ އާކުރުމަށްވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުލަ އާކުރުމަށް ވިސްނާފައިވަނީ އޮފީސްތަކާ، ޖަމްއިއްޔާތަކުގެ މެމްބަރުންގެ އެހީއާއެކު ކަމަށެވެ.

“ވަރަށް އަވަހަށް އޮފީސްތަކުގެ މުވައްޒަފުންނާ، ޖަމްއިއްޔާތަކާ ބައްދަލުކުރާނަން. އެއީ ކުލަ ލުމުގައި އެހީތެރިކަން ހޯދުމަށް. އޭގެ އިތުރުން އާންމުންގެ އެހީއަށްވެސް ކައުންސިލުން އެދޭނަން. މިމަސައްކަތަށް ކުލަ ގަންނަން މާލިއްޔާއިން ދިހަހާސް ރުފިޔާ ހަމަޖެހިފައި އެބަހުރި”

ކޮންމެ އަހަރަކުވެސް ހާއްސަކޮށް ރަމަޟާންމަހާ ދިމާކޮށް އޭދަފުށީގެ މިސްކިތްތައް މަރާމާތުކުރުމާ، އާބާތުރަ ފިލުވުމަކީ ޒަމާނުއްސުރެ ކުރެވެމުން އަންނަ ކަންކަމެވެ. މީގެ ކުރިން ގިނަ ފަހަރުތަކުގައި މިފަދަ ކަންކަމަށް ސަރުކާރުން ބަޖެޓް ދެއްވައެވެ. ތޮލާލް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި މިސްކިތްތަކުގެ މަރާމާތަށް ހަރަދުކުރާނޭ ފައިސާ ހިމަނާފައިނެތްކަމަށެވެ. އެހެންވެ މާލިއްޔާއިން ހަރަދުކުރުމަށް ކައުންސިލުން ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.

މީލާދީ ކަލަންޑަރުން ދައްކާގޮތުން އަންނަ މޭމަހުގެ 6 ވަނަދުވަހަކީ ރަމަޟާންމަހުގެ 1 ވަނަދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top