ބަލިތަކަށް ފަރުވާލިބޭ ކަމަށް ބުނެ ވިއްކާ ގިނަ އުފެއްދުންތައް ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

large_179182524548L60M.jpg

ބަލިތަކަށް ފަރުވާލިބޭ ކަމަށް ދައްކައިގެން ރާއްޖޭގައި ތައްޔާރުކޮށް ބާޒާރުގައި ވިއްކަން ހުންނަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިވާ އުފެއްދުންތަކެއް ނޫން ކަމަށް ބުނެ، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި ސަމާލުވުމަށް ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސިއްހީ އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވެއެވެ.

އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރުމުގައި، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓްރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ “ސެޓްފިކެޓް އޮފް އެނަލައިސިސް” އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ، ‘ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު’ (ގަވާއިދު ނަންބަރު 2025R-26) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެކެވެ.

މީގެ އިތުރުން އެފަދަ ކާބޯތަކެތި ބޭނުންކުރުމުން އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ޚާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުން ވެސް އެ ގަވައިދުގެ ދަށުން މަނާކަމަށް އެ އިދާރާގެ ބަޔާނުގައިވެއެވެ.

އެމްއެފްޑީއޭގެ ބަޔާނުގައިވާ ގޮތުން، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް އުފައްދައި، އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެއެވެ.

ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އެފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްޙީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަމަށް އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top