ބ. ހިތާދޫގައި ފެނާއި ނަރުދަމާ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް ދިވެހި ރުފިޔާއިން ނަމަ ފަނަރަސަތޭކަ ރުފިޔާ، އޫއެސްޑޮލަރުންނަމަ 100 ޑޮލަރުގެ، ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީންނެވެ.
ހިތާދޫއާއެކު އިތުރު ހަތް ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށްވެސް މި އިއުލާނުގައި ވެއެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ ބުނެފަ އެވެ.
މި މަސައްކަތްތަކާ ބެހޭ އެންމެހައި ލިޔެކިޔުންތައް މާދަމާއިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
މި މަސައްކަތްތަކަށް އެދި ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21ގައި ފިނޭންސް މިނިސްޓްރީގަ އެވެ.