ހިތާދޫ ކައުންސިލްގެ ހުރިހާ މެންބަރުން ވެސް ސަސްޕެންޑް

28166463_555721664803047_7935756366759220331_n.jpg

ބ.ހިތާދޫ ކައުންސިލްގެ ތިން މެންބަރުން މާދަމާއިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ އެ މެމްބަރުން ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް  ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން ހިތާދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެން ކަމަށެވެ.

އެލްޖީއޭ އިން ވިދާޅުވީ ހިތާދޫ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށެވެ.

މި މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ބ.އަތޮޅު ކައުންސިލާއި، ބ.ހިތާދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާއި އެވަގުތަކު ހަވާލުވެ ހުރި ފަރާތަކުން ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ހިތާދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހިތާދޫ ކައުންސިލް ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާ އިރު އިއްޔެ ވަނީ ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ވެސް ސަސްޕެންޑް ކޮށްފައެވެ.  މި ކައުންސިލް ތަކުގެ  މެމްބަރުންނާ މެދު އެލްޖީއޭ އިން ފިޔަވަޅު މި އެޅީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އެ ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ސޮއިކުރެއްވުމުންނެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top