އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް އޭދަފުށީގައި ފަށައިފި

pic7.jpg

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމަށް އެފްއޭއެމުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާ ހަރަކާތްތައް ރޭ އޭދަފުށީގައި ފަށައިފިއެވެ.

މިޕްރޮޖެކްޓް ފެށުމުގެ ގޮތުން ރޭ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އޭދަފުށީ ޕްރޮޖެކްޓް އޮފީހަށް 5 ކޯޗުންނާ، 1 ޑިވެލޮޕްމަންޓް އޮފިސަރުވަނީ އައްޔަންކޮށް ވަޒީފާގެ ލިޔުންވެސް ހަވާލުކޮށްފައެވެ.

އެގޮތުން ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ މަޝްހޫރު ދެތަރިންކަމަށްވާ އޭދަފުށީ އަބްދުލްމަޖީދު ހަސަން އާއި އަބްދުލްވާހިދު ހުސައިންގެ އިތުރުން، މުހައްމަދު ފާސިރު (ފާއްޓޭ) އަދި އިބްރާހީމް ޝަހީދުއާއި، ޒައިދު އަލީއެވެ. ޒޯން ޑިވެލޮޕްމަންޓް އޮފިސަރަކަށް ހަމަޖެއްސީ ކުރީގެ ކުޅުންތެރިއާ އަދި މިހާރު އޭދަފުށީ ޓީމްގެ ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

މިޕްރޮޖެކްޓް އޭދަފުށީގައި ފެށުމުގެ ގޮތުން ރޭބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ މިމަސް ދުވަހުގެ ތެރޭގައި އޭދަފުށީގައި ކުދިން ޓްރެއިން ކުރާ މަންޒަރު ފެންނާނެކަމަށާ، މިޕްރޮޖެކްޓް ކާމިޔާބުކުރަން އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

“ވަރަށް ގިނަ ބަޔަކު އެފްއޭއެމާ ދެމެދު އޮތް އިތުބާރު އޮތުން މުހިއްމު. އަޅުގަނޑުމެން މި ޕްރޮޖެކްޓް ފަށަން އުޅުނުއިރު ވެސް އައި ސުވާލެއް އައި މިކަން ވާނެ ހެއްޔޭ ބުނެ. އިރާދަކުރެއްވިއްޔާ މި މަސް ތެރޭ އޭދަފުށީގެ ރައްޔިތުންނަށް ފެނިގެންދާނެ ކުދިން ޓްރެއިން ކުރަން ފެށޭ މަންޒަރު. މިއީ ހަމައެކަނި ތިބި ކޯޗުންގެ ކަމެއް ނޫން. އެންމެންގެ ބައިވެރިވުން ބޭނުން،” ސާންތީ ބުންޏެވެ.

ސާންތީ ބުނީ ކޮންމެ ޑިވެލޮޕްމެންޓް އޮފީހަކަށް ވެސް ފީފާ އިން ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރެއިން ހަރަދުތައް ކުރެވޭނެ ކަމަށާއި ޕްރޮގްރާމްތައް ހިންގާނީ ހަމައެކަނި ޑިވެލޮޕްމަންޓް އޮފީސް ހުންނަ ރަށުގައެއް ނޫންކަމަށެވެ. މަސައްކަތްތައް ކުރިއަށްދާ ވަރަކަށް މުޅި އަތޮޅުގެ ރަށްތަކަށް ކޯޗުން ގޮސް އިތުރު ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.

މިޕްރޮޖެކްޓްގެ ދަށުން ޑިވެލޮޕްމަންޓް އޮފިސަރުގެ ޒިންމާ އަކަށްވާނީ އެހެން ރަށްތަކަށް ދަތުރުކޮށް ފުޓްބޯޅައިގެ ގައުމީ ޓީމުތަކަށް ބޭނުންވާނެ ކުޅުންތެރިން ހޯދުމާއި މި ޓްރެއިނިންގެ ކަންތައްތައްތަކާ ފުޓްބޯޅައިގެ އެހެނިހެން ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމެވެ. އޭދަފުށީގައި ހުޅުވި ޑިވެލޮޕްމަންޓް އޮފީހުގެ އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މިޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދޭނީ އެންމެން އެއްބާރުލުން ލިބިގެންކަމަށެވެ.

“އަޅުގަނޑާ ހަވާލުވެފައި މީނީ ރ، ބ އަދި ޅ ގެ ފުޓްބޯޅައިގެ އިސް ވެރިއެއްގެ ޒިންމާ އަދާކުރަން. އެފްއޭއެމްގެ ފަރާތުން ދެން ހަމަ މިކަމުގައި އަޅުގަނޑަށް ވެވުނު ހުރިހާ ކަމެއް ކުރެވޭތޯ ބަލާނަން. އެފްއޭއެމުން ބޭނުންވާ ފެންވަރަށް އަޅުގަނޑުގެ ހުރިހާ ވަގުތެއް ބޭނުންކުރާނަން. އަދި މީގެ އެންމެންގެ އެހީތެރިކަން އަޅުގަނޑު ބޭނުންވާނެ،” ބައްޓޭ ބުންޏެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top