ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ސަރުކާރު ހިންގާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ވެސް ކުރި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ވެސް އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލުތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ވާހަކަ އެވެ. އަދި ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލުވެސް އުފައްދައި ލާމަރުކަޒީ ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭ އެތައްކަމެއް ހިނގަމުންދާ ކަމަށް ބުނެފައިވެ އެވެ.
އަދި އާބާދީ ބޮޑު ރަށްތަކާއި މީހުން މަދު އަދި ކުރާނެ މާބޮޑު މަސައްކަތެއް ވެސް ނެތް ރަށްރަށުގައި ވެސް ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް އެއްވަރު ކަމަށް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
ގަރާރުގައި ބުނީ ފުލް ޓައިމްކޮށް ދެ ކައުންސިލަރުން ތިބޭ ގޮތަށް ހަދައި ބާކީ ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ދޭ ބަޔަކަށް ހެދިއްޖެނަމަ އެތައް ގުނައަކުން ހަރަދު ކުޑަވާނެ ކަމަށެެވެ.
”ފާއިތުވި 15 އަހަރު ލޯކަލް ކައުންސިލްގެ 4 އިންތިހާބެއް ބޭއްވި، އެތަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ދިވެހި ރުފިޔާ ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން މި ނިޒާމުން ހަރަދުވެފަ،” ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދާ މެދުވެސް އާންމުންގެ ކަންބޮޑުވުން ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
”ކުޑަ ރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށްވެސް މުނިސިޕަލް ހިދުމަތް ދިނުމަށް އިންތިހާބުކޮށް ދައުލަތުން މުސާރަދޭންޖެހޭ މަދުވެގެން 5 ކައުންސިލަރުން ތިބެންޖެހުން ފަދަ ކަންކަމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ ކަންތައްތަކެއް،“ ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެންޖެހޭތޯ ސުވާލު އުފައްދާފަ އެވެ.
”އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަކީ ސިޓީން އެލަވެންސްއެއް ދޭ ބަޔަކަށް ބަދަލުކޮށްލެވިއްޖެނަމަ އެތައް ގުނައެއް ހަރަދު ކުޑަކުރެވިގެންދާނެ،“ ޝުޖާއު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
މިފަދަ ގަރާރެއް ޕީއެންސީން ހުށަހެޅި އިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކައުންސިލްތަކުން ބޭކާރު ވަރަށް ގިނަ ހަރަދުތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެ އެވެ.