އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި އޭދަފުށި ފުޓްބޯޅަ ދަނޑުގައި މޯލްޑިވްސް ސޮކަރ މޭޓްސް އާއި އޭދަފުށި ވެޓެރަންސް ފުޓްބޯޅަ ޓީމް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި 2-1 ން މެޗް ކާމިޔާބުކޮށްފައިވަނީ މޯލްޑިވްސް ސޮކަރމޭޓްސް އެވެ.
ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި އިމާރާތް ކޮށްފައިވާ ސަލްސާ ރިޓްރީޓްސް ރެސްޓޯރެންޓް ހުޅުވުމުގެ މުނާސަބަތުގައިކުޅެވުނު މި މެޗް ޝަރަފްވެރިކޮށްދެއްވީ ސަލްސާގެ އޯނަރ އިބްރާހީމް އާމިރުގެ ބައްޕަ އޭދަފުށްޓަށް އުފަން އަބްދުލްޣަނީ މުހައްމަދުއެވެ.
މޯލްޑިވްސް ވެޓްރަންސް ސޮކާ މޭޓްސް ޓީމުގައި ކުޑަމޫސަ އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދާއި އަސްލަމް އަބްދުއްރަހީމާއި އަލީ ސުޒޭންގެ އިތުރުން ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ވިކްޓަރީ އަށް ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކޮށްދިން ކެޕްޓަން އިސްމާއިލް އަނިލް ހިމެނެ އެވެ.
އޭދަފުށީ ވެޓެރަންސް ޓީމުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންސް ލައިން 10 އަހަރު ބެލެހެއްޓި މުހައްމަދު ޖަމީލާއި ވިކްޓަރީސްޕޯޓްސް ކްލަބާއި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގައި ގިން އަހަރުތަކެއް ވަންދެން ކުޅެފައިވާ އިބްރާހިމް ފައުޒީ އާއި ވެލެންސިއާގެ ކުރީގެ ފޯވާޑް އަހުމަދު ޒާހިދު (ބައްޓޭ) އާއި ކެޕްޓަން މަޖީދު ގެ އިތުރުން އަބްދުއްރައްޒާގު ޔޫސުފާއި މުހައްމަދު އިމްރާން އަދި ގަހާ އިސްމާލު ފާހަގަ ކޮށްލެވެއެވެ.