އޭދަފުށީ ވެޓެރަންސް އަތުން ސޮކަރމޭޓްސް މޮޅުވެއްޖެ

DSCN6528.jpg

ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި އިމާރާތް ކޮށްފައިވާ ސަލްސާ ރިޓްރީޓްސް ރެސްޓޯރެންޓް ހުޅުވުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޭދަފުށީ ވެޓެރަންސް އާއި މޯލްޑިވްސް ސޮކަރމޭޓް ބައްދަލުކުރިމެޗު، 2-1 ން ސޮކްރމޭޓް މޮޅުވެއްޖެއެވެ.

މާލޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިން އެކެވެގެން އުފައްދާފައިވާ މޯލްޑިވްސް ވެޓްރަންސް ސޮކާ މޭޓްސް ޓީމުގައި މާލޭގެ އޭރުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މެޗުން ފެނިގެން ދިޔައެވެ. އެގެ ތެރޭގައި ކުޑަމޫސަ އާއި  މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދާއި އަސްލަމް އަބްދުއްރަހީމާއި އަލީ ސުޒޭންގެ އިތުރުން ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ވިކްޓަރީ އަށް ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކޮށްދިން ކެޕްޓަން އިސްމާއިލް އަނިލް ހިމެނެ އެވެ.

އޭދަފުށީ ވެޓެރަންސް ޓީމުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަކި ގައުމީ ޓީމުގެ ޑިފެންސް ލައިން 10 އަހަރު ބެލެހެއްޓި މުހައްމަދު ޖަމީލާއި ވިކްޓަރީސްޕޯޓްސް ކްލަބާއި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގައި ގިން އަހަރުތަކެއް ވަންދެން ކުޅެފައިވާ އިބްރާހިމް ފައުޒީ އާއި ވެލެންސިއާގެ ކުރީގެ ފޯވާޑް އަހުމަދު ޒާހިދު (ބައްޓޭ) އާއި ކެޕްޓަން މަޖީދު ގެ އިތުރުން އަބްދުއްރައްޒާގު ޔޫސުފާއި މުހައްމަދު އިމްރާން އަދި ގަހާ އިސްމާލު ފާހަގަ ކޮށްލެވެއެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވީ ސޮކާ މޭޓްސްގެ ރައީސް އަދި ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ސަލްސާ އިންވެސްޓްމަންޓްގެ އެމްޑީ އިބްރާހިމް އާމިރުގެ ބައްޕަ އަދި އޭދަފުށީ ފުޓްބޯޅަ ޓީމަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލްޣަނީ މުހައްމަދާއި އޭދަފުށީ ޓީމުގެ ކުރީގެ ގޯލް ދިފާއު ކުރި އަބްދުލްރައްޒާގު މުހައްމަދު އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނު އިތު ދެޓީމަށްވެސް ލަނޑުޖަހާނެ މަދު ފުރުސަތުތަކެއް ފަހިވެގެން ދިޔައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފޭ ގޮތް ނުވުމުން ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ .

ދެވަނަ ހާފުގައި އޭދަފުށީ ޓީމުގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް އައީ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އެރުމާ އެކުއެވެ.

އޭދަފުށިން ލީޑު ނެގީ ޕެނަލްޓީ އަކުން މަޖިއްޓެ ކާމިޔާބުކުރި ގޯލުންނެވެ. ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި މި ޕެނަލްޓީ ލިބުނީ މަޖިއްޓެ އަށް އޭރިއާ ތެރެއިން އަނިލް ފައުލްކުރުމުންނެވެ.

ސޮކާ މޭޓްސް އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ 22 ވަނަ މިނެޓުގައި، ކުޑަމޫސަ އެވެ، އޭދަފުށީގެ ރައްޒާގު ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުން ދޮންބެ ހުރަސްކުރުމުން ކުޑަމޫސަ ބޮލުން ގޯލަށް ވައްދާލީ އޭދަފުށީ ދެ ޑިފެންޑަރުންގެ ދޭތެރެއިން އަރަ އެވެ.

ސޮކާ މޭޓްސް މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުންނެވެ. މުހައްމަދު ހަލީމް (ބޮޑުޖަޑާ) އޭރިއާ ތެރެއަށް އޮއްސާލި ބޯޅަ، އަނިލް ބޮލުން ޖެހުމުން ވެއްޓުނީ ކޮޔަރޭގެ ފައި ބުޑަށެވެ. އެ ވަގުތު ކޮޔަރޭ ވަނީ އޭދަފުށީ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ އެތެރެކޮށްލާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top