އެހެން ގައުމުތަކާއަލާ ބަލާއިރު ދިވެހި އަންހެނުންނަށް އުރަމަތީ ކެންސަރުުގެ ނުރައްކާ ބޮޑު ކަމަށް ކެންސަރަށް ޚާއްސަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު އަމްރު ވިދާޅުވެއްޖެ އެވެ.
އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ މަހުގެ ގޮތުގައި އޮކްޓޫބަރު މަސް ފާހަގަ ކުރާއިރު، ޑރ. އަމްރު ވަނީ ޓީވީ ޕްރޮގްރާމެއްގައި އެ ބައްޔާ ގުޅޭ ގިނަ ތަފްސީލުތަކެއް ދެއްވައިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ އާއްމު ކެންސަރަކީ އުރަމައްޗަށް ޖެހޭ ކެންސަރެވެ.
ޑރ. ވިދާޅުވީ ދުނިޔޭގައި އުރަމަތީގެ ކެންސަރު ގިނައިން ޖެހެނީ ދުވަސްވީ މީހުންނަށް ކަމަށް ވެފައި ރާއްޖޭގައި އުރަމަތީ ކެންސަރުގެ ޝިކާރައަކަށް ގިނައިން ވެގެން ދަނީ ޒުވާން އަންހެނުން ކަމަށެވެ.
”ޒުވާނުންގެ ތެރޭގައި ރާއްޖޭގައި އާދަޔާ ޚިލާފަށް ކެންސަރު ގިނަ. އިތުރު ސްޓަޑީތަކެއް ކުރަން އެބަ ޖެހޭ މިއީ ކީއްވެގެންކަން ބަލަން. އަޅުގަނޑުގެ ތިއަރީއަކީ އާއިލީގޮތުން ވާރުތަކުރާ ޖީން ގިނައިއްޔޭ ހަމަ،“
މި ކެންސަރު އިތުރުވާ ގޮތާ ބެހޭ ތަފްސީލު ދެއްވަމުން ޑރ. ވިދާޅުވީ އިންސާނާގެ އުރަމައްޗަކީ ގުދުރަތީގޮތުން ގިނަ އަދަދެއްގެ ސެލްތައް އެކުލެވިގެންވާ ގުނަވަނެއްކަމަށެވެ.
”އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް އިތުރުވާ އިތުރުވުމަކީ “އުރަމަތީގެ ކެންސަރު” ޖެހުމުގެ މައިގަނޑު އެއް ސަބަބު. އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފެށެނީ ކިރު އުފައްދާ ޑަކްޓްތަކުގެ ސެލްތަކުން. ނުވަތަ އުރަމަތީގެ އެހެން ސެލްތަކުން ވެސް ކެންސަރު އުފެދިދާނެ.“
އުރަމަތީގެ ކެންސަރު ގިނައިން އަންހެނުންނަށް ޖެހުނު ނަމަވެސް ފިރިހެނުންނަށް ވެސް އެބަލި ޖެހޭކަން ޑރ. އަމްރު ފާހަގަ ކުރައްވައި ވިދާޅުވީ މި ބަލި ޖެހޭ ފިރިހެނުންނަށް މާ ބޮޑުވަރު ވާކަން ފާހަގަ ކުރެވޭކަމުގައެވެ.
ޑރ. އަމްރު ވިދާޅުވިގޮތުގައި ކެންސަރު އިތުރުވަމުން އަންނަ ކަމަށް މިހާރު ބެލެވޭ މައިގަނޑު އެއް ސަބަބަކީ މިހާރަކަށް އައިސް ބަލި ދެނެގަނެވޭ މިންވަރު އިތުރުވުމެވެ. އަނެއް މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން އުރަމަތީގެ ކެންސަރަށް މަގުފަހިވާ އާދަކާދަތައް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
”ތަފާސްހިސާބުތަކަށް ބަލާއިރު އުރަމަތީގެ ކެންސަރު ޖެހިގެން އައިޖީއެމްއެޗްއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 44 ޕަސެންޓް މީހުންނަކީ ހަށިގަނޑުގެ ބަރުދަން ހުންނަން ވާ މިންވަރަށް ވުރެ މަތިކޮށް ހުރި މީހުން. ހަށިގަނޑުގެ ބަރުދަން މަތިވުން އިސްކޮޅާ އެކަށީގެން ނުވާވަރަށް ބަރުދަން މަތިވުމަކީ މި ބައްޔަށް ހުށަހެޅޭ ކަމެއް،” ޑރ. އަމްރު ވިދާޅުވިއެވެ.
ހަމައެއާއެކު އެ ބަލި ޖެހުނު 50 ޕަސެންޓް މީހުންނަކީ އެހާ ބޮޑަށް ހެލިފެލިވެ ނޫޅޭ މީހުން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. ހަމައެއާއެކު އެހެން ގިނަ ބަލިތަކަކެކޭ އެއްގޮތަށް އާއިލީ ގޮތުން ވެސް މިފަދަ ކެންސަރުތައް ވާރުތަ ކުރެއެވެ.
ޑރ. އަމްރު ވިދާޅުވިގޮތުގައި އުރަމަތީގެ ކެންސަރުން ދުރުވުމަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ގިނައިން ހެލިފެލިވެ އުޅުމާއި ހަށިގަނޑާ އެކަށީގެންވާ ބަރުދަނެއްގައި ހުރުން ވަރަށް މުހިންމެވެ.
“ގަނޑެއްލައިފައި އިނިއްޔާ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު. މޭމަތީގައި ނުވަތަ ކިހިލިފަތް ދަށުގައި އެއްވެސް އެކަހަލަ ގަނޑެއް އިނުން. އާދަޔާ ޚިލާފަށް އޭތި ބޮޑުވަންޏާ. ނޫނީ ތަދުވަންޏާ. ނުވަތަ ހަންގަނޑަށް ބަދަލެއް އަންނަންޏާ. މިކަހަލަ ކަންތައްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު. ބައެއް ފަހަރު ތަދުނުވެ އިނދެދާނެ ގަނޑެއްލައިފައި،” ޑރ. އަމްރު ވިދާޅުވިއެވެ.