ބ. ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުންދާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ އެ މިނިސްޓްރީއާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ.
ނަމަވެސް، އެ ރަށުގައި ތަރައްގީކުރި ރިސޯޓު މިނިސްޓްރީގެ މިންގަނޑަށް ނުފެތޭތީ، މިންގަނޑަށް ފެއްތުމަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ކަންކަން ރަނގަޅުކުރަން އެ ރިސޯޓަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތުވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، ހުއްދަ ނެތި އެ ރިސޯޓު ހިންގާތީއާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް މި މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.






