ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައާ ބެހޭ ރިޕޯޓުގައި ހުރި ބައެއް ނުކުތާތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން -1

big_4UNuJdV07rowsxaUFZT6UmQrA.jpg

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ބޭރުގަނޣު --ފޮޓޯ :އަވަސް

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

މި ނިމިދިޔަ ހަފްތާތެރޭގައި އެންމެ ހޫނު ޚަބަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ އަމިއްލަ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ކީރިތި ގުރުއާނުގެއާއި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ހުރުމަތް ގެއްލޭ ފަދަ ވާހަކަތަކެއް ލިޔެ ޝާއިއު ކުރެވުނު ވާހަކައެވެ. މިވާހަކަތައް ލިޔެފައިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކް (ދިވެހިރާއްޖޭގެ ޑިމޮކުރަސީގެ ވިޔުގަ) މިނަންކިޔޭ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގެ ސުރުޚީއަކަށް އޮތީ ‘ރާއްޖޭގައި (ދީނީ) ހަރުކަށި ފިކުރު ފެތުރުމުގެ ފުރަތަމަ ވަޒަންކޮށްލުމެއް’ މި މާނަ ދޭހަވާ އިބާރާތެކެވެ. އެ ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް ލިބޭ ގޮތް ނުވިކަމުގައި ވިޔަސް، އެ ވާހަކަތަކުގައި އިސްލާމީ ފިގުހުގައި ހުދޫދު ގެ ނަމުން ނަންދެވިފައިވާ އުގޫބާތްތަކަކީ ލާއިންސާނީ ނުވަތަ ވަހުޝީ (ބާބެރިކް) އުގޫބާތްތަކެއްގެ ގޮތުގައި ސިފަކޮށްދެވިފައިވާކަން ފާހަގަކުރެވުނެވެ. މިތާގައި ވަހުޝީއޭ ބުނެފައި އެވަނީ ‘ވަހްޝު’އަށް ނިސްބަތްކޮށެވެ. އާދެ ޖަނަވާރުންނަށް ނިސްބަތްކޮށެވެ. މާނައަކީ ‘ނާތަހުޒީބީ’ މިމާނައެވެ. އާދެ، ބާބެރިކް މި ލަފްޒުން ދޭހަވަނީ ‘ލާއިންސާނީ’ ނުވަތަ ‘ނާތަހުޒީބީ’ މިމާނައެވެ. މީގެ އިތުރުން ޖިހާދުގެ ވާހަކައާއި، ދީނީ ތައުލީމާތުތަކަކީ ޖިހާދުކުރުމަށް، އެބަހީ ހަނގުރާމަކުރުމަށް، ބާރުއަޅާކަމެއް ކަމާއި އިސްލާމް ދީނުގެ ތައުލީމާތުތަކުގައި ހުރި ޖިންސީ ގުޅުންތަކާ ބެހޭ ވާހަކަތަކުގެ ހަމަ ނުޖެހޭކަމާއި ކީރިތި ގުރުއާނުގައި ވާރިދުވެފައި އޮތް އިސްރާއު އާއި މިއުރާޖުގެ ވާހަކައަކީ ހަގީގަތެއް ނެތް ޚުރާފީ، ފުލޯކު، ވާހަކަތަކެއް ކަމުގައިވެސް އެ ރިޕޯޓުގައި ލިޔެވިފައި ވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކީރިތި ރަސޫލާ ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނުގެ ޝަޚުސިއްޔަތަށް އިހާނެތި ބަސް ރައްދުވާ ގޮތަށް ބައެއް އެއްޗެތި ބުނެވިފައިވުން ވެސް، އެ ލިޔުމާ ދޭތެރޭ ހިތްހަމަނުޖެހުނު މީހުން ފާހަގަކޮށްފައިވެއެވެ. އަދި މި ލިޔުން ޝާއިއުކޮށް، އާންމު ކުރެވުމާއި ވިދިގެން، ޚަބަރު ފަތުރާ އިޖުތިމާއީ އެކިއެކި ވަސީލަތްތަކުގައި އާންމު ރައްޔަތުގެ ރައުޔުގެ (ޖެނެރަލް ޕަބްލިކް އޮޕީނިއަން) ނުރުހުމުގެ އަޑު ވަރަށް ގަދައަށް ފާޅުކުރެވުނެވެ. މިކަމުގެ ނަތީޖާއަކަށްވީ އެ ރިޕޯޓު ނެރުނު ފަރާތުން، އެ ރިޕޯޓުގައި ހުރެގެން ނުވާނޭ ކަހަލަ ވާހަކަތަކެއް ހުރިކަމަށް އިއުތިރާފުވެ، އިސްލާހުކުރުމަށްޓަކައި އެ ރިޕޯޓު އަނބުރާ ގެންގޮސް އެކަމާ ބެހޭ ގޮތުން ބަޔާނެއް ނެރުމެވެ. އަދި މި ރިޕޯޓު އަނބުރާ ގެންދިޔުމާ ވިދިގެން، މި މައްސަލައަށް، ވަގުތީ ނަމަވެސް، ކޮންމެވެސް ވަރެއްގެ ސުލްހަވެރި ހައްލެއް ލިބުނެވެ.

މި ލިޔުމުގައި އެ ރިޕޯޓުގައި ފާހަގަކުރުވުނު ބައެއް ނުކުތާތަކުގެ މައްޗަށް ތަންގީދީ ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. ޖިހާދާއި ހުދޫދާއި ޖިންސީ ގުޅުމުގެ ވާހަކައާއި އިސްރާއާއި މިއުރާޖު، މިވާހަކަތަކުގެ މައްޗަށެވެ. މި ރިޕޯޓަކީ އިސްލާހު އެދިގެން ތައްޔާރުކުރެވިފައިވާ ރިޕޯޓެއްކަމަށް ބަލައި، އެންމެ ފުރަތަމަ އިސްލާހާ ބެހޭ ގޮތުންވެސް އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

އިސްލާހުގެ މަސައްކަތް

އިސްލާހުގެ މަސައްކަތުގެ ވާހަކަ ދައްކާއިރު ސުއާލެއް ކޮށްލަން ޖެހެއެވެ. އިސްލާހުގެ މަސައްކަތްކުރުމުގެ ޒިންމާ އުފަލަންޖެހެނީ ކޮންބައެއްތޯއެވެ؟ މިސުވާލުގެ ޖަވާބު ގުޅެނީ އެހެން ސުވާލަކާއެވެ. އިސްލާހުކުރަން ބޭނުންވަނީ ކޮންކަމެއްތޯއެވެ. ނުވަތަ އިސްލާހުކުރަން ބޭނުންވަނީ ކޮން ބައެއްތޯއެވެ. އިސްލާހުގެ މަސައްކަތް ގުޅެނީ ވަކިވަކި ފަރުދުންނާ ކަމަށް ވަންޏާ، މިކަމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކު އެބަ ތިއްބެވެ. އިސްލާހު ކުރަން ބޭނުންވާ ފަރުދުންނަކީ ދަރިން ކަމަށް ވަންޏާ އެކުދިން އިސްލާހުކުރުމުގެ މަސައްކަތުގެ ޒިންމާ ނަގަން އެންމެ ފުރަތަމަ ޖެހެނީ އެކުދިންގެ މައިންބަފައިންނެވެ. އެކަން ގުޅެނީ ކިޔަވާކުދިންނާ ކަމަށް ވަންޏާ، އެކުދިންގެ އިސްލާހުގެ މަސައްކަތް ކުރުމުގެ ޒިންމާ މަދަރުސާތަކުން އުފުލަން ޖެހެއެވެ. އެކަން ކުރުމަށް، އެކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިންނާއި އިމުގެ ތެރޭގައެވެ. ދަރިންނާއި ދަރިވަރުންގެ އިސްލާހު ކުރުމުގެ މަސައްކަތްކުރެވެނީ ސީދާ އެކުދިންނާ ވާހަކަދައްކައިގެންނެވެ. ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ، އެކަން ކުރުމަށް ބޭނުންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި ފަރުދުންގެއާއި މުޖުތަމައުގެ އާންމު އިސްލާހުގެ މަސައްކަތް، ދީނީ ދަރުސުތައް މެދުވެރިކޮށްވެސް ކުރެވެއެވެ. ގާނޫނާއި ގަވާއިދުތައް ތަންދޭ ގޮތެއްގެ މަތިންނެވެ. ހުކުރު އަދި އީދު ޚުތުބާ ތަކުގައްޔާއި ދީނީ ދަރުސުތަކުގައި މިސްކިތްތަކުގެ މިމްބަރުތަކުގެ މަތީގައްޔާއި ޚަބަރު ފަތުރާ އެކިއެކި ވަސީލަތްތައް މެދުވެރިކޮށެވެ. އެކަމަށް ކަޑައެޅިފައިވާ ބަޔެއްގެ އަތް މަތީގައެވެ.

މުޖުތަމައުގެ ޚާއްސަ އެކިއެކި ކަންކަން އިސްލާހުކުރުން ގުޅެނީ އެކަންކަން ކުރުމަށް ކަނޑައަޅާލެވިފައިވާ މަސްއޫލިވެރި ފަރާތްތަކާއިއެވެ. މުޖުތަމައުގެ ތައުލީމީކަންކަން އިސްލާހުކުރުން، ސިއްހީކަންކަން އިސްލާހުކުރުން، އިގުތިސާދީކަންކަން އިސްލާހުކުރުން، ދަތުރުފަރުތުގެ ކަންކަން އިސްލާކުރުން، ދިރުއުޅުމެއް ހޯދުމާއި ގޯތިގެދޮރު ލިބުމުގެ މަގު ފަހިކޮށްދިނުމުގެ ކަންކަން އިސްލާހުކުރުން ފަދަ ކަންކަމެވެ. މިކަންކަން އިސްލާހުކުރުމުގެ ޒިންމާ އުފުލަން ޖެހެނީ ދައުލަތް ހިންގުމަށްޓަކައި ތިބި ބަޔެކެވެ. އާދެ މުޖުތަމައުގެ އެކިއެކި ދާއިރާތައް އިސްލާހުކުރުމުގެ ވާޖިބު އަދާކުރަންޖެހޭ ބަޔަކީ ދައުލަތް ހިންގާ ފަރާތްކަމުގައިވާ، އެ ވަގުތެއްގައި އޮތް ސަރުކާރަކަށެވެ. އެހެންވެ، ގައުމުގެ ތަފާތު ދާއިރާތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލު ގެނެސް އިސްލާހުކުރުން އެއީ ސަރުކާރުގެ ޒިންމާއެކެވެ. ތައުލީމުގެ ދާއިރާއަށް ގެންނަން ޖެހޭ ހެޔޮ ބަދަލާއި އިސްލާހެވެ. ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ ހެޔޮބަދަލާއި އިސްލާހެވެ. އިގުތިސާދީ ދާއިރާއަށް ގެންނަން ޖެހޭ ހެޔޮބަދަލާއި އިސްލާހެވެ. އަދި މިނޫންވެސް ދާއިރާތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލާއި އިސްލާހެވެ. މިކަންކަން ކުރުމުގެ ޒިންމާ އުފުލަން ޖެހެނީ ސަރުކާރަށެވެ.

މުޖުތަމައުގެ އެކިއެކި ދާއިރާތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށްޓަކާ ސަރުކާރަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބަޔަކު ތިބެއެވެ. ސަރުކާރު ހިންގުމުގެ ދާއިރާތަކުގެ އިސްވެރިންނެވެ. ދާއިރާތަކުގެ ސިޔާސަތުތައް ކަނޑައަޅައި ރައްޔިތުންގެ މަޖުލިސް މެދުވެރިކުރަން ޖެހޭ ކަންކަމުގައި އެ މަޖުލިސް މެދުވެރިކޮށް އިސްލާހުގެ މަސައްކަތް ސަރުކާރުގެ ދާއިރާތަކުގެ ވެރިން ކުރަންޖެހެއެވެ. ވަކި ކަންކަމާއި ބެހޭ ގޮތުން މައިގަނޑު އިސްލާހުތަކެއް ގެންނަން ޖެހޭ ނަމަ އެކަން ދިރާސާކޮށް، އެ ދާއިރާތަކުގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ހޯދައި، ގެންނަންޖެހޭ ބަދަލު ކަނޑައަޅައި އިސްލާހުގެ މަސައްކަތް ކުރަންޖެހެއެވެ. މިސާލަކަށް ތައުލީމީ މަންހަޖުގައި މައްސަލަތަކެއް ހުރި ކަމަށް ފެންނަކަމަށް ވަންޏާ، އެކަން ހޯދާއި ބަލައި، ތައުލިމާ ބެހޭ ވުޒާރާއިން އެކަން އިސްލާހު ކުރަން ޖެހެއެވެ.

މި ބަޔާންކުރި ވާހަކަތަކުން ފާހަގަކޮށްލަން ބޭނުންވަނީ އިސްލާހުގެ މަސައްކަތަކީ އެތެރޭގެ މަސައްކަތެއް ކަމެވެ. ދާޚިލީ، އަމިއްލަ ކަމެއްކަމެވެ. ތަނުގެ މީހުން އިސްނަގައިގެން އެމީހުން އަމިއްލައަށް ކުރަންޖެހޭ ކަމެއްކަމެވެ. އެއީ ބޭރާއި ބެހޭކަމެއް ނޫނެވެ. ބޭރުބަޔަކު ގެނެސްގެން ކުރަންޖެހޭ އަދި ކުރެވޭނޭ ވެސް ކަމެއް ނޫނެވެ. މީގެ އިތުރުން، އިސްލާހުގެ މަސައްކަތަކީ ބޭރަށް އެކަން ރިޕޯޓުކޮށްގެން ކުރަން ޖެހޭ ކަމެއް ވެސް ނޫންކަމެވެ. މީގެ މާނައަކީ ކަންކަމާއި ގުޅޭ ބޭރުގެ ތަޖުރިބާތަކުގެ ފައިދާ ލިބިގަތުން އިންކާރު ކުރުމެއް ނޫނެވެ. ނަމަވެސް، އެ ފައިދާ ހޯދައިގެން ވިޔަސް، އިސްލާހުގެ މަސައްކަތް ކުރަން ޖެހޭނީ އަމިއްލައަށެވެ. ތަނުގެ މަސްއޫލު ފަރާތްތަކުންނެވެ. ކަމާ ބެހޭ މަސްއޫލުވެރިން އިސްނަންގަވައިގެންނެވެ.

މިހެންވެ، ކަންކަން އިސްލާހު ކުރުމުގެ ބޭނުން ފާހަގަކޮށް ރިޕޯޓުތައް ތައްޔާރުކުރެވޭ އިރު، އެ ރިޕޯޓުތައް މުޚާތަބުކުރެވޭ ފަރާތަކީ ކޮބައިތޯ ފާހަގަކުރެވެން ޖެހެއެވެ. މަތީގައި ނަންގަނެވިފައިވާ ރިޕޯޓަށް ބަލާލާއިރު މި ރިޕޯޓަކީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއަކުން އެދިގެން ކަންކަން އިސްލާހު ކުރުމުގެ ގޮތުން ނެރެވިފައިވާ ރިޕޯޓެއްތޯ ސުވާލުކޮށްލަން ޖެހެއެވެ. ރިޕޯޓު ލިޔެވިފައި އޮތް ބަހާއި ރިޕޯޓުގެ ބަހުރުވައާއި ބަހުރުވައިގެ ރާގަށް ބަލާލާއިރު، ފާހަގަކޮށްލެވެނީ މި ރިޕޯޓު މުޚާތަބު ކުރެވެނީ ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކަކާ ނޫންކަމެވެ. ރިޕޯޓު ލިޔެވިފައި އޮތީ ދިވެހި ބަހަކުން ނޫނެވެ. ބައެއް ކަހަލަ އިބާރާތް ތަކަށް ބަލާލާއިރު، އެ އިބާރާތްތަކުގެ މާނަ އިނގިރޭސި ބަހަށް ބަދަލުކުރިއިރު، އަސްލު މާނަ ގެއްލޭ ގޮތަށް ގަސްދުގައި އަނބުރާލެވިފައި އޮތް ކަމަށް ބެލެވޭގޮތް ވެސް ދޭހަވެއެވެ. މިސާލަކަށް ‘ދޫ ރައްކާތެރިކުރުން’ ދިވެހި ބަހުން ބޭނުންކުރަނީ ހުތުރު ބަސް ބުނުމާއި ދެބައޮޑުވުމާއި ޣީބަ ބުނުމާއި މީހުންގެ އަބުރާއި ބެހުން ފަދަ ބޭއަދަބީ ބަސްބަސް ބުނުމުންނާއި އެފަދަ ވާހަކަތައް ދެއްކުމުން ދުރު ހެލިވުމަށެވެ. ފަހަރެއްގައިވެސް ކަންކަމަށް ފާޑުކިޔުމުގެ މާނައެއްގައެއް ނޫނެވެ. މިއަދުގެ ނޫސްތަކާއި އެހެންވެސް ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތަކަށް ބަލާލާއިރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުރިހަމައަށް އޮތްކަން އެނގެއެވެ. ކަން މިހެން އޮތް އިރު، ‘ދޫ ރައްކާތެރިކުރުމަކީ’ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފާނެ ކަމެއްކަން ފާހަގަކުރުމުގެ މަގުސަދަކީ ކޮބައިބާވައެވެ؟ މިއީ ކާކަށް ބުނެދޭ ވާހަކައެއް ބާވައެވެ؟ ދީނަކީ މިކަމަށް ވެސް ހުރަސް އަޅާ ކަމެއްކަން އަންގައިދޭން ބޭނުން ވަނީ ކޮން ފަރާތަކަށް، ކީއްކުރަން ބާވައެވެ؟ އެއީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ކަމަށް ބެލެވިދާނެ ބާވައެވެ؟

އެ ރިޕޯޓުގައި ކިޔަވާ ކުދިންނަށް ވަކި ކަހަލަ ގޮތެއްގައި ދީނީ އިރުޝާދުދެވި ‘އަނިޔާލިބޭ ބަޔެއްކަމުގެ އިހުސާސު، (ވިކްޓިމް މެންޓަލިޓީ)، އެ ކުދިންގެ ހިތްތަކުގައި އުފައްދާ ވާހަކަ ވެސް ލިޔެވިފައި އޮތެވެ. އާންމު ރައިއްޔަތް މި ރިޕޯޓު ބަލައި ނުގަތުމުން، ރިޕޯޓު ތައްޔާރުކުރި މީހުން އެ ވާހަކަ ރިޕޯޓުކުރީ ބޭރު ފަރާތްތަކަށެވެ. ބޭރުގެ އެމްބަސީތަކަށާއި އަދި ބޭރުގެ ބައެއް ބައިނަލް އަގުވާމީ ޖަމިއްޔާތަކަށެވެ. މި ރިޕޯޓަކީ ސަރުކާރުގެ އެދުމުގެ މަތިން ތައްޔާރުކޮށް އިސްލާހުގެ މަގަށް އެހީވެދޭން ލިޔެވުނު އެއްޗެއް ކަމުގައިވަނީ ނަމަ، ހިމާޔަތް ހޯދަން ޖެހޭނީ ސަރުކާރުގެ ފަރާތުން ކަމަށް ގަބޫލުކުރެވެއެވެ. ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނެވެ. ނަމަވެސް އެ ރިޕޯޓު ލިޔުނު މީހުންގެ ކިބައިން ވެސް ފެނުނީ ހަމަ ‘ވިކްޓިމް މެންޓަލިޓީ’ އެކެވެ. އެމީހުންނަކީ ‘އިސްލާމީ ހަރުކަށިކަމުގެ’ އަނިޔާ ލިބެމުންދާ ބައެއްކަން ދައްކުވައިދޭން އުޅޭ ވިސްނުމެކެވެ. އަދި އެހެންވެ، ހިމާޔަތް ހޯދަން މަސައްކަތް ކުރީ ބޭރުގެ ފަރާތްތަކުންނެވެ. މި ސަބަބުތަކަށްޓަކައި މި ރިޕޯޓަކީ، އިސްލާހުގެ މަގަށް މަސައްކަތްކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ރިޕޯޓަކަށް ވުރެ ބޮޑަށް ކޮންމެ ވެސް ބޭރު ބަޔަކަށް ކަމެއް ރިޕޯޓުކުރުމުގެ ބޭނުމުގައި ތައްޔާރުކުރެވިފައިވާ އެއްޗެއްހެން ހީވެއެވެ. އަދި އެ ރިޕޯޓުގެ މަގުސަދެއް ކަމަށް ފެނިގެންދަނީ ރިޕޯޓަކީ ކޮންމެ ގޮތަކުން ވިޔަސް ދީން  ބަދުނާމުކުރަން ތައްޔާރުކުރެވިފައިވާ ލިޔުމެއްގެ ގޮތުގައެވެ. މީގެ ހެކި ދެން ހުރި ވާހަކަތަކުން ވެސް އަދި އިތުރަށް ލިބެއެވެ.

ޖިހާދުގެ މައްސަލަ

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ ރިޕޯޓުގައި ޖިހާދުގެ މައްސަލަ ފާހަގަކުރެވިފައިވެއެވެ. އިސްލާމީ ދީނީ ތައުލީމާތުތަކާއި އިރުޝާދުތަކުގެ ވާހަކަތަކަކީ ޖިހާދުކުރުމަށް ބޭރަށް ދިޔުމަށް ބާރު އަޅާކަމެއް ކަމަށް މާނަކުރެވޭ ގޮތަށެވެ. އެހެންވެ، ޖިހާދާ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.

ޖިހާދުގެ މާނަ ގުޅެނީ ‘ޖުހުދު’ ނުވަތަ ‘ޖަހަދު’ މި ލަފުޒާއިއެވެ. މާނައަކީ ކެރި ކުޅަދާނަވެގެންވީ ވަރަކަށް މަސައްކަތް ކުރުމެވެ. ނުވަތަ ގަދައަޅައި ހިތްވަރުލައި މަސައްކަތް ކުރުމެވެ. ހަވާ ނަފުސުގެ އެދުންތަކަށް ތިމާގެ ނަފްސު ދޫވެ ނުދިޔުމަށްޓަކައި ގަދައަޅައި ކުރާ ހިތްވަރާއި މަސައްކަތަށް ނަފްސުގެ ޖިހާދޭ ކިޔެއެވެ. ޖިހާދުގެ އަނެއް މާނައަކީ ހަނގުރާމައެވެ. ދުޝްމަނުންގެ ބަޔަކާ އިދިކޮޅަށް ކުރެވޭ ހަނގުރާމައެވެ. މި ގޮތަށް ކުރެވޭ ހަނގުރާމަ ވާންޖެހޭނީ ދިފާއީ ހަނގުރާމައަކަށެވެ. އުދުވާނީ ހަނގުރާމައަކަށް ނޫނެވެ. ހަނގުރާމައިގެ މާނައިގައި ޖިހާދުގެ ލަފްޒު ބޭނުން ކުރެވެނީ މިހެންވެގެންނެވެ. މި ގޮތުގައި ޖިހާދުގެ ލަފްޒު ކީރިތި ޤުރުއާނުގައި ބޭނުން ކުރެވޭއިރު އާންމު ގޮތެއްގައި ‘މާތްﷲގެ މަގުގައި’ މި އިބާރާތް އިތުރުކުރެވިފައި ވެއެވެ. އާދެ، ޖިހާދަކީ، މާތްﷲގެ މަގުގައި ކުރެވޭ ހަނގުރާމައެވެ. ދިފާއީ ހަނގުރާމައެކެވެ.

ޝައްކެއްނެތް ގޮތުގައި ހަނގުރާމައިގެ މާނައިގައި ‘ޖިހާދު’ އިސްލާމީ އެކިއެކި ފޮތްތަކުގެ ނައްސުތަކުގައި ބޭނުންކުރެވިފައި ވެއެވެ. ކީރިތި ގުރުއާނުގައްޔާއި ހަދީސް ފޮތްތަކުގައްޔާއި ތާރީޚީ ފޮތްތަކުގައްޔާއި އަދި ފިގުހީ ފޮތްތަކުގައިވެސް މެއެވެ. މިނަންގަތް ނައްސުތަކުގެ ތެރެއިން ކީރިތި ޤުރުއާނުގައި ހަނގުރާމައިގެ މާނައިގައި ޖިހާދު ބޭނުންކުރެވޭ އިރު، އެ ލަފްޒުގެ މާނަ ދެނެގަތުމާއި ބެހޭ ގޮތުން މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ.

ކީރިތި ޤުރުއާނުގައި ވާހަކަތައް އައިސްފައިވަނީ ވަކި ސިޔާގެއްގެ، އޮނިގަނޑެއްގެ، ތެރޭގައެވެ. ތާރީޚީ-އިޖުތިމާއީ އޮނިގަނޑެއްގެ ތެރޭގައެވެ. ތާރީޚީގޮތުން ވަކި ދުވަސްވަރެއްގައި މުޖުތަމައުގައި ހިނގަމުން ދިޔަ ހާދިސާތަކެއްގެ އޮނިގަނޑުތެރޭގައެވެ. ކީރިތި ގުރުއާނުގައި ހަނގުރާމަކުރުމުގެ މާނައިގައި ޖިހާދުކުރުން ބޭނުންކުރެވިފައިވާ ގޮތުގެ މާނަ ފަހުމްކޮށް ދެނެގަތުމަށްޓަކައި މިކަމުގެ ސިޔާގު ނުވަތަ އޮނިގަނޑު ދެނެގަންނަން ޖެހެއެވެ. ސުއާލަކީ މިކަން ދެނެގަންނާނީ ކިހިނެއްތޯއެވެ.

މި އޮނިގަނޑުން ކޮންމެވެސް މިންވަރެއް ޖިހާދާ ބެހޭ އާޔަތްތަކުގެ ކުރީގައި އޮތް އާޔަތްތަކުންނާއި އަދި އޭގެ ފަހުގައި އޮތް އާޔަތްތަކުން އެނގެން އޮވެއެވެ. ނަމަވެސް، އެކަމުގެ ތަފްސީލު ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައެއް ނެތެވެ. އެހެން ކަމަށް ވިޔަސް، އެންމެ ފުރަތަމަ ކީރިތި ގުރުއާން އެބޭކަލުންގެ މައްޗަށް ބާވާލެއްވުނު ބޭކަލުންނަށް މި އޮނިގަނޑަކީ ކޮބައިކަން ރަނގަޅަށް އެނގިވަޑައިގަންނެވިއެވެ. އަދި އެކަން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެކަން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވައެވެ. އެހެންވެ، ކީރިތި ޤުރުއާނުގެ އާޔަތްތައް ފަހުމުކޮށްގަތުން އެބޭކަލުންނަކަށް އުނދަގޫފުޅެއް ނުވެއެވެ. މި އޮނިގަނޑުގެ ވާހަކަ، ފަހުން، ހަދީސް ފޮތްތަކުގައްޔާއި، ތަފްސީރުފޮތްތަކުގައި ބަޔާންކުރެވުނެވެ. އަދި ގުރުއާނުގެ އާޔަތްތައް ބާވާލައްވަން މެދުވެރިވި ސަބަބުތައް ބަޔާންކުރުމުގެ ޚާއްސަ އިލްމީ ދާއިރާއެއް އުފެދި އެ ރޮނގުގައި ފޮތްތައް ލިޔެވި، މި ނަންގަތް އޮނިގަނޑުގެ ވާހަކަ އެ ފޮތްތަކުގައި ވެސް ބަޔާން ކުރެވުނެވެ.

ކީރިތި ގުރުއާނުގެ ހުކުމްތައް ފަރުދުންގެ ހަޔާތުގައްޔާއި އަދި މުޖުތަމައުގެ ހަޔާތުގައި ހިންގާލުމަށްޓަކައި ފިގުހުގެ އިލްމު ނުވަތަ އިސްލާމީ ގާނޫނުތައް އުފެދުނީ ކީރިތި ގުރުއާނުގެ ހުކުމްތަކާ ބެހޭ އާޔަތްތައް މި ނަންގަތް އޮނިގަނޑު ތެރޭގައި މާނަކޮށް އަދިވެސް މާނަ ކަނޑައަޅާލުމުގެ ވަކި އުސޫލުތަކެއްގެ އަލީގައެވެ. ފިގުހީ އިލްމު އުފެދުމުން، ކަންކަމާއި ބެހޭ ގޮތުން ‘އިސްލާމީ’ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މުސްލިމުން ރުޖޫއަވަނީ ފިގުހުގެ އިލްމަށެވެ. ސިދާ ކީރިތި ގުރުއާނަކަށް ނޫނެވެ.

މިހެން ކަންތައް ކުރުމުގެ މުހިއްމު އެހެން ސަބަބެއް ވެސް އޮވެއެވެ. ކަމަކާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އާޔަތްތައް އޮންނަނީ އެއް ސޫރަތެއްގައި އެއް ތަނެއްގައެއް ނޫނެވެ. މިސާލަކަށް ޖިހާދުގެ ވާހަކަ، އާދެ، ދުޝްމަނުންނާ ކުރެވޭ ހަނގުރާމައިގެ ވާހަކަ، ތައުބާ ސޫރަތުގައްޔާއި ބަގަރާ ސޫރަތުގައްޔާއި ނިސާ ސޫރަތުގައްޔާއި އަންފާލު ސޫރަތުގައްޔާއި ހައްޖު ސޫރަތުގައްޔާއި މުހައްމަދު ސޫރަތުގައްޔާއި އަދި ފަތުހު ސޫރަތުގައި ވެސް ވާރިދުވެފައިވެއެވެ. މައްސަލައަކާ ބެހޭ ހުކުމްތައް ނެރުމުގައި އެކަމާބެހޭ ހުރިހާ އާޔަތްތަކަށް ބަލާލަން ޖެހެއެވެ. ފިގުހުގައި ހުކުމްތައް ނެރެވިފައިވަނީ މައްސަލަތުގެ މައްޗަށް މިގޮތުގެ މަތިން ވެސް ބަލާލެވިގެންނެވެ. އެހެންވެ، އިސްލާމީ ގާނޫނުތައް ކިޔަވައިދެވޭ ތައުލީމީ މުއައްސަސާތަކުގައި އިސްކަން ދެވެނީ ފިގުހާއި އޭގެ އުސޫލުތައް ކިޔަވައި ދިނުމަށެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ މިއަދު ވެސް އިސްލާމީ ޔުނިވަރސިޓީތަކުގައި ކަންކަމުގައި އޮންނަ އިސްލާމީ ގޮތަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން ކިޔަވައިދެވެނީ ފިގުހުގެ އިލްމުކަމެވެ. ތަފްސީރުގެ އިލްމެއް ނޫންކަމެވެ. ޝަރީއަތުގެ ކޮލެޖުތަކުގައި މައިގަނޑު މާއްދާއަކީ މަޒްހަބުތަކުގެ ފިގުހާއި އެ މަޒްހަބުތަކުގެ ފިގުހީ އުސޫލުތަކެވެ. އިސްލާމް ދީނާ ބެހޭ ރިޕޯޓުތައް ތައްޔާރުކުރާ މީސްމީހުން މި ހަގީގަތް ދެނެގަންނަން ޖެހެއެވެ. އިސްލާމީ ކަންކަމާއި ބެހޭ ގޮތުން ފާޑުކިޔަން ގަސްދުކުރާ އިރު މިކަން ސާފުވެފައި އޮތުން މުހިއްމެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ ފިގުހީ މައްސަލަތަކަށް ފާޑު ނުކިޔޭނޭ ވާހަކައެއް ނޫނެވެ. ކަމަކާ ބެހޭ ގޮތުން އިސްލާމީ ގޮތްކަމުގައި އާންމު ގޮތެއްގައި މުސްލިމުންގެ މެދުގައި ކަމެއް ކަނޑައަޅާލާ އިރު، މި ގޮތް ކަނޑައެޅެނީ ފިގުހު އިލްމުގައި ޝަރީއަތުގެ ނައްސުތައް (ކީރިތި ޤުރުއާނާއި ސުންނަތުގެ ނައްސުތައް) މާނަކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައި އެކަމުގެ އަލީގައިކަން އެނގެން ޖެހޭތީއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައާއި ބެހޭ ވާހަކަތައް ވެސް ބަލައިލެވެން ޖެހޭނީ ފިގުހު އިލްމުގެ އަލީގައެވެ. ކަމާއި ގުޅޭ ޝަރީއަތުގެ ނައްސުތައް މާނަކުރެވި ހުކުމްތައް ނެރެވިފައިވަނީ ފިގުހު އިލްމުގައި ކަމަށް ވުމުންނެވެ. އަދި އާންމު ގޮތެއްގައި މުސްލިމުން ރުޖޫއަވާ މަސްދަރަކީ އެއީ ކަމަށްވާތީއެވެ. އަދި، މިގޮތަށް ކަންތައްތައް ކުރެވޭ ނަމަ ފިގުހުގައި ޝަރީއަތުގެ ނައްސުތައް މާނަކުރެވިފައިވާ ގޮތުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބެލި، އަދުގެ އަދުގެ ދުނިޔެއަށް، އަދުގެ މުސްލިމު މުޖުތަމާތަކަށް އައިސްފައިވާ ބަދަލުތަކުގެ އަލީގައި، އެ ނައްސުތައް އަލުން މާނަކުރެވި، ކަންކަމަށް ގެނެވިދާނެ ހެޔޮ ބަދަލާއި އިސްލާހަކީ ކޮބައިކަން ދެނެގަނެވި، މިކަންކަން ކުރުމުގެ މަގު ފަހިވެގެންދާނެއެވެ. (މި ކަމުގެ އިތުރު ތަފްސީލު އެހެން ލިޔުމެއްގައި ގެނެސްދެވޭތޯ ބަލާނަމެވެ.)

މިވަގުތު ފާހަގަކޮށްލަން ބޭނުންވަނީ ޖިހާދުގެ މައްސަލަ ހަނގުރާމައިގެ މާނައިގައި ފިގުހުގައި ހުށަހަޅާލާފައިވައި އޮތީ ކިހިނެއްކަމެވެ. މި މައްސަލަ އިހުގެ ފިގުހުގެ ފޮތްތަކުގައި ދެ ސުރުޚީއެއްގެ ދަށުން ހުށަހަޅާލެވިފައި އޮވެއެވެ. ބައެއް ފޮތްތަކުގައި ‘ކިތާބުއްސިޔަރް’ގެ (ހަނގުރާމައިގައި ކަންކުރާނޭގޮތުގެ ބާބު) މި ސުރުޚީގެ ދަށުގައެވެ. އަނެއްބައި ފޮތްތަކުގައި ‘ކިތާބުލްޖިހާދް’ (ޖިހާދުގެ ބާބު) މިސުރުޚީގެ ދަށުގައެވެ.

މި ބާބުގެ ދަށުން ޖިހާދާއި ބެހޭ ކަންކަމުގެ ވާހަކަތަކުގެ ތަފްސީލު ލިޔެވިފައި ވެއެވެ. މީގެ ތެރޭގައި ޖިހާދު އިއުލާނު ކުރުމާއި ނިންމުމުގެ ބާރާއި އިޚުތިޔާރުއޮތީ ކޮން ފަރާތަކަށްކަމާއި ޖިހާދުކުރުމުގެ ހުކުމަކީ ކޮބައިކަމާއި ޖިހާދުކުރެވެނީ ކޮންބަޔަކާ އިދިކޮޅަށް ކީއްވެގެން ކަމާއި ޖިހާދުގައި ދުޝްމަނުންނަށް ދެވޭނީ ކޮންކަހަލަ ގެއްލުންތަކެއްކަމާއި ސުލްހަ ގާއިމުކުރުމާއި މި ފަދަ ހަނގުރާމައާއި ބެހޭ މައްސަލަތަކުގެ މައްޗަށް ބަލާލެވިފައިވެއެވެ. މިކަންކަމުގެ ތަފްސީލީ ހުރިހާ ވާހަކަތަކަކީ މިއަދުގެ މުސްލިމު މުޖުތަމައުތަކާ ގުޅޭ ވާހަކަތަކެއް ނޫނެވެ. މިސާލަކަށް ދުޝްމަނުންނަށް ދެވޭ ގެއްލުންތަކުގެ ތެރޭގައި ދުޝްމަނުން އަޅުވެތިކުރުމުގެ ވާހަކައެވެ. ހުރިހާ މުސްލިމު ގައުމުތަކެއްގައި ވެސް މިކަން ވަނީ ގާނޫނީ ގޮތުން މަނާކުރެވިފައެވެ. ކޮންމެ އަކަސް، ފާހަގަކޮށްލަން ބޭނުންވާ ވާހަކައަކީ ގުރުއާނުގައި ހުރި ޖިހާދާ ބެހޭ ވާހަކަތައް ބެލެން ޖެހޭނީ ފިގުހު އިލްމުގެ އަލީގައި ކަމެވެ. ސަބަބަކީ މައްސަލައާއި ބެހޭ އިސްލާމީ ގޮތޭ ބުނެވިދާނޭ ގޮތް، ފެންނަން އޮތީ ފިގުހުގެ އިލްމުގައި ކަމަށް ވުމުންނެވެ. ހަމަ އެކަނި ކީރިތި ޤުރުއާނުގެ ވަކި އާޔަތެއް، އޭގެ ސިޔާގަށް ބެލުމެއް ނެތި، ހޮވައި، ނަގައިގެން އިސްލާމް ދީނުގައި ހަނގުރާމަކުރުން އޮންނަނީ މިހެއްނޭ ކިޔައި، މިކަން ކުދިންނަށް ހަނގުރާމަކުން ދިޔުމަށް ހިތްވަރު ދެޔޭ ބުނުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. މީގެ އިތުރުން، މިފަދަ މައްސަލަތައް، އާދެ، މުޖުތަމައުގެ ޖަމާއީ ކަންކަމާ ބެހޭ މައްސަލަތައް، އަދުގައި މުސްލިމުންގެ ތެރޭގައި ދިރާސާކުރެވި ލިޔެވެމުންދާ ލިޔުންތަކަށް ވެސް ބަލާލެވެން ޖެހެއެވެ. މި ފަދަ މައްސަލަތަކުގެ ނައްސުތައް ކީރީތި ޤުރުއާނާއި އަދި ސުންނަތުގެ މަގުސަދުތަކުގެ އަލީގައި އަލުން މާނަކުރެވި، ގެނެވިދާނޭ ހެޔޮ ބަދަލަކީ ކޮބައިތޯ ވެސް ދެނެގަތުމަށެވެ. މީގެ އިތުރު ތަފްސީލުކޮށްލުމެއް ‘ހުދޫދާ’ ބެހޭ ވާހަކަކޮޅު ތިރީގައި ލިޔެވޭއިރު ގެނެސްދެވޭނެއެވެ.

ޖިހާދާއި ބެހޭ މި ނުކުތާ ނިންމާލުމުގެ ގޮތުން އަދި އެއް ވާހަކަ ފާހަގަކޮށްލަން ބޭނުމެވެ. މިއަދުގެ މުސްލިމު ގައުމުތަކުގައި ހަނގުރާމަކުރުމުގެ މަސައްކަތް ހަވާލުވެފައި އޮންނަނީ އެ ގައުމުތަކުގެ ދިފާއީ ވުޒާރާއާއެވެ. ހަނގުރާމަ އިއުލާނު ކުރުމާއި ނިންމުން ވެރިޔާގެ އަތްމަތީގައި އޮތްކަމުގައި ވިޔަސް، ސިފައިން ތަމްރީނު ކުރުމާއި ހަނގުރާމައެއްގައި ކަންތައް ކުރާނޭ ގޮތުގެ ތަފްސީލީ ވާހަކަތައް ކަނޑައަޅާލަނީ ދިފާއީ ވުޒާރާގެ ކަމާބެހޭ އިދާރާތަކުންނެވެ. ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވިގެންނެވެ. މިކަން ރާއްޖޭގައިވެސް ހިނގަނީ މިފަދައިންނެވެ. މިކަމަކީ އަމިއްލަ ބަޔެއްގެ އަތް މައްޗަށް ދޫކޮށްލެވިފައިވާ ކަމެއް ނޫނެވެ. އަދި، މުސްލިމު ނޫން ގައުމުތަކުގައި ވެސް މިކަން ކުރެވެމުން އަންނަނީ އެގައުމުތަކުގެ ދިފާއީ ވުޒާރާގެ ދަށުންނެވެ. ކަން މިހެން އޮއްވައި އިސްކޫލުތަކުގައި ހަނގުރާމަކުރުމުގެ ވާހަކައަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ކުރެވިދާނޭ ކަމެއްކަމެކޭ ބުނެ އިރުޝާދު ދެވިދާނެ ހެއްޔެވެ؟ އެކަން އެގޮތަށް ކުރާނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނޭ ކަމަކީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމެވެ. އެކަމާ ބެހޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅައި އެކަން އިސްލާހުކުރުމަށްޓަކައެވެ، ބޭރުގެ ފަރާތްތަކަށް މިކަން ރިޕޯޓުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަޅުގަނޑުމެންގެ ކިބައިގައި މިފަދަ ކަމެއްކުރުމުގެ އެކަށޭނަކަމެއް ވެސް ހަމަ ނެތީ ހެއްޔެވެ؟

މި ނުކުތާ ނިންމާލަމުން އަދި އެއްފަހަރު ބުނެލަން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރުއާނުގައި ޖިހާދުކުރުމާއި ހަނގުރާމަކުރުމުގެ ވާހަކަތައް އައިސްފައިވެއެވެ. އަދި ދުޝްމަނުން މެރުމުގެ ވާހަކަ ވެސް އައިސްފައި އޮވެއެވެ. ނަމަވެސް މިކަން އައިސްފައި އޮތީ ކުރެވެމުން ދިޔަ ހަނގުރާމަތަކެއްގެ ސިޔާގުގެ ތެރޭގައެވެ. މިކަން ވިސްނައިގަތުމަށްޓަކައި މިއަދުގެ ދުނިޔޭގައި ގައުމުތަކުގައި ސިފައިންނަށް ތަމްރީނުދެވޭ އިރު، ހަނގުރާމައިގައި ދުޝްމަނުންނާ ކުރިމަތިލާއިރު ކަންތައް ކުރަން ޖެހޭ ގޮތް ބަޔާންކޮށްދެވިފައި އޮންނަނީ ކިހިނެއްތޯ ބަލާލަން ޖެހެއެވެ. އެމީހުންނާ އަނގަތަޅައި ފޫހިފިލުވައިދިނުމަށް ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި އިރުޝާދުދެވޭނީ ވެވެން އޮތް ގޮތަކުން ތިމާގެ ނަފްސު ދިފާއުކުރުމަށެވެ. ދުޝްމަނާގެ ފުރާނަ ދުއްވާލައިގެން ކަމަށް ވިޔަސް ވެހެވެ. މިފަދަ އިބާރާތެއް އޮތް ލިޔުމެއް މީހެއްގެ އަތުގައި ޖެހުމުން، މިއީ މުޅި އެގައުމެއްގެ މީހުން އެހެން މީހުންނާ ދޭތެރޭ ކަންތައް ކުރުމަށް އިރުޝާދުދެވިފައި އޮތް ގޮތޭ ބުނުމަކީ ރަނގަޅު ކަމަކަށް ވެދާނެ ހެއްޔެވެ؟ ނުވާނެއެވެ. ހަމަ އެފަދައިން ކީރިތި ޤުރުއާނުގައި ހުރި މިފަދަ ވާހަކަތައް އޭގެ ސިޔާގުން ބޭރުކުރެވި، ކީރިތި ޤުރުއާނަކީ ތަޅާފޮޅުމާއި ހަނގުރާމަކުރުމާއި ނިރުބަވެރި އަމަލުތައް ހިންގުމަށް އެންމެހާ މުސްލިމުންނަށް ގޮވާލައި ބާރުއަޅާ ފޮތެކޭ ބުނުމަކީ ވެސް ރަނގަޅު ކަމަކަށް ނުވާނެއެވެ. (ނުނިމޭ)

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top