ބޯޑުން ލަފާދިނީ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6400ރުފިޔާ ދިނުމަށް!

img_md_201906300322311561890151.4714.jpg

ދިވެހިރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 6،400 ކަމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ލަފާދީފިކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީމިނިމަމް ވޭޖާ ގުޅޭ ގޮތުން ލަފާދޭ ބޯޑުން ހުށަހަޅާފައިވާ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެމަޖިލީހުގެ ލަފައެއް ހޯއްދަވާނެ ކަމުގައެވެ.

ވަން” އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެޑްވައިޒަރީ ބޯޑުން ލަފާދީފައިވަނީ 6،400 ރުފިޔާ އާންމުކޮށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދިނުމަށް ލަފާދީފައިވަނީ 8400-6400 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯޑުން މި އަދަދު އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅަން ލަފާދިން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކަކާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ. އެ ގޮތުން މުސާރަ ދޭން ތިބި ފަރާތްތަކަށް ވެސް މިއީ ދެވިދާނެ އަދަދުތަކެއްތޯ ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ހުށަހެޅި އަދަދު މާ ކުޑަ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅިގެން ފަައްޔާޒު ވިދާޅުވެފައި ވަނީ މިނިމަމް ވޭޖާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދޭއްޗެއް ކަމަށެވެ. އެކަން ވަރަށް ބޮޑަށް އާންމުންނަށް އޮޅިފައި އޮންނަ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމެއް ނުކުރެއެވެ. އެކަމަކު މުވައްޒަފުން ވަޒީފާގައި ހިފަހައްޓަން ބޭނުންވާ މީހުން ލިވިން ވޭޖް ދީ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް ކަންތައްކުރާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިމަމް ވޭޖް ދޭން ފަށާއިރު އެއީ އެންމެ ރަނގަޅު އަދަދު ކަމަށް ނުވުމަކީ މައްސަލައެއްގެ ގޮތުގައި ނުބަލައި، ކޮންމެ ދެ އަހަރުން ރިވިއުކޮށް ބަދަލުތައް ގެނެސް އިސްލާހުކުރެވޭނެ ކަމަށާއި ނަމަވެސް އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު، ދެ އަހަރުގެ ކުރިން ވެސް ރިވައިސް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅާނަމަ، އެކަމަށްވެސް މިނިސްޓަރަށް ލަފާދޭ ބޯޑުން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެގޮތުން 6،400 ރުފިޔާއާއި 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. ރިސޯޓުތަކުން ސާވިސްޗާޖާއެކު މުސާރައިގެ ގޮތުގައި 10،000 ރުފިޔާގެ މުސާރައެއް ދޭން ތައްޔާރަށް ތިބި ނަމަވެސް އެގޮތަށް މިނިމަމް ވޭޖު ކަނޑައަޅުއްވަން ބޭނުން ނުވާ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަން ވޭޖު ކަނޑައެޅުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިކަމުގައި ފައިނަލް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި