“ހިލޭ އެހީގެ ގޮތުގައި އޭދަފުށި ފުޓްބޯޅަ ޓީމަށް ބައިލައްކަ! މާލިއްޔާއިން އެއްވެސް ހަރަދެއް ނުކުރަން”

19553835_1022818984487574_6987405628559260175_n.jpg

އޭދަފުށި ފުޓްބޯޅަ ޓީމަށް ކްލަބް ދަ ބިގިނާސްއިން 5000ރ ގެ އެހީ ހަވާލުކުރަނީ. ޓީމަށް ބައިލައްކައެއްހާ ރުފިޔާގެ ތަކެތި ލިބުނުކަމަށް އޭދަފުށި ކައުންސިލުން ބުނޭ / ފޮޓޯ: ޓީބީ

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑްގެ މެޗްތަކަށް ޓީމް މިއަދު ކުޅުދުއްފުއްޓަށް ފުރިއިރު ހެޔޮއެދޭ އެކިފަރާތްތަކުން ނަގުދުފައިސާއާއި، ތަކެތި ހިމެނޭގޮތަށް ހިލޭ އެހީގެ ގޮތުގައި ބައިލައްކައެއްހާ ރުފިޔާ ލިބިއްޖެއެވެ.

އޭދަފުށި ކައުންސިލުން މިއަދު ހާމަކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު މިއަދަދު އަދި އިތުރަށް މައްޗަށް ދިއުމަކީވެސް ގާތްކަމެކެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައީސާ ހައްވާ ސަމީހާ މިއަދު އީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ބައިލައްކަރުފިޔާގެ ފައިސާއާއި، ތަކެތީގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ، އޭދަފުށީ ފްރެންޑްމީ ފިހާރަ (7500 ރުފިޔާގެ ޓްރެވެލިންގް ކިޓް) ސޮނެވާފުށި ރިސޯޓާއި، އޭދަފުށީގެ ޒުވާނުންގެ ޖަމްއިއްޔާގެ ކުރީގެ ކުޅުންތެރިޔާ އަދި ނާއިބްރައީސާ ހައްވާ ސަމީހާގެ ފިރިކަލުން ޔޫސުފް މޫސާ (ކޮންމެ ފަރާތަކުންވެސް ދަރަވަންދޫ- ހަނިމާދޫ 10 ޓިކެޓް އެއްކޮޅު)، އަދި ސަލްސާ އާއި ކްލަބް ދަބިގިނާސްއިން (ކޮންމެ ފަރާތަކުން 5000ރ) ގެ އިތުރުން މޯލްޑިވިއަންއިން (6 މީހުންގެ ޓިކެޓް)، ފަސްމުގޫ ފިހާރަ(ޓީމަށް ބޭނުންވާ ސާމާނު)، އަދި އަމިއްލަ ފަރާތްތަކެވެ.

ހައްވަ ވިދާޅުވީ އެހީގެ ގޮތުގައި ބައެއް ޖަމްއިއްޔާތަކާއި، އަމިއްލަ ފަރާތްތަކުން މިހާރުވެސް ފައިސާއާއި، ތަކެތި ދިނުމަށް ކައުންސިލާ މަޝްވަރާ ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ޓީމް ކުޅުދުއްފުއްޓަށް ދާއިރު ރައްޔިތުންގެ މާލިއްޔާއިން އެއްވެސް ހަރަދެއް ކުރުމަށް މިދައުރުގެ ކައުންސިލުން އަދި ނުނިންމާ ކަމަށާ، ނަމަވެސް ސްޕޮންސާގެ އެހީތަކަށް ބަލައި މާލިއްޔާއިން ފައިސާ ނަގަންޖެހުމަކީ އެކަށީގެންވާކަމެއްކަމަށް ހައްވަ ވިދާޅުވިއެވެ.

“ޓީމް ފުރައިގެން ދާއިރު ޓީމްގެ ހަރަދުތަކަށް 45000ރ ގެ ބަޖެޓެއް ހަމަޖައްސާފައި ފޮނުވީވެސް. އެއީވެސް އެފްއޭއެމްއާއި، އަޅުގަނޑުމެންނަށް ލިބުނު ހިލޭ އެހީގެ ފައިސާގެ ތެރެއިން. މާލިއްޔާއިން ފައިސާއެއް ނުނަގަން އަދި. އެހެންނަމަވެސް ނަގަންޖެހުމަކީ ހަމައެކަށީގެންވާ ކަމެއް.” ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ ފުޓްބޯޅަ ޓީމްއަށް މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ކޮށްފައިވާ ހަރަދުތަކުގެ ބިލްތައް ހަމަޖެއްސުމަށްޓަކައިވެސް ގޮތްތަކެއް ރާވަމުންދާކަމަށާ، މަސައްކަތް ކުރަމުންދަނީ މާލިއްޔާއަށް އެންމެ ބާރުކުޑަވާނެގޮތަކަށް އެކަން ހަމަޖެއްސޭތޯ ކަމަށެވެ.

އޭދަފުށި ފުޓްބޯޅަ ޓީމަށް އެކިފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާއާއި، ތަކެތި ލިބުނު އިރު، ކައުންސިލުން މިހިސާބުތައް މީޑިޔާއަށް ހިއްސާކުރި މިއީ ފުރަތަމަ ފަހަރެވެ. އޭދަފުށި ޓީމް މިދިޔަ އަހަރުތަކުގައި މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރިއިރުވެސް އަމިއްލަ ބައެއް ފަރާތްތަކުން ބޮޑެތި އެހީތަކެއް ވެފައިވާކަމަށް އަޑުއިވިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top