އޭދަފުށީ ކައުންސިލުން ބުނަނީ ގޯތި ދޫކުރުން ލަސްވަނީ ހައުސިން މިނިސްޓްރީއާ ހެދި ކަމަށް!

dfd.jpg

އޭދަފުށީ ހިއްކިބިމާއެކު، ފައިނަލް ކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގެ ފޮޓޯއެއް. ހިއްކިބިމުން 158 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި / ފޮޓޯ އޭދަފުށި ކައުންސިލް

އޭދަފުށީ ހިއްކިބިމުން ގޯތިދޫކުރަން އިއްލާން ކުރުން ލަސްވަމުންދަނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސަބަބުން ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

30 އަހަރަށްފަހު މިދިޔަ ސެޕްޓެމްބަރުމަހުގެ 24 ވަނަދުވަހު އޭދަފުށިން ގޯއްޗަށް އެދުމަށް ފުރުސަތު ހުޅުވާލުމަށްފަހު ޖެހިގެން އައިދުވަހު އިއުލާން ބާތިލުކުރީ އިދާރީގޮތުން ބައެއް ކަންކަން ފުރިހަމަ ނުވެހުރިކަމަށް ހައުސިންގް މިނިސްޓްރީން އަންގަވައިގެންނެވެ. އޭރު އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ މިވަގުތަށް އިއުލާނު ބާތިލު ކުރިނަމަވެސް ވަރަށް އަވަހަށް އަލުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި ފަހުން ވަނީ ހައުސިން މިނިސްޓްރީން ވިދާޅުވެގެން ގޯތިދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީއެއް އެކުލަވާވެސް ލާފައެވެ.

ގޯއްޗަށް އިއުލާން ކުރުމުގެ ކަންކަން ބާރު އިސްޕީޑްގައި މިހާރު ހިނގަމުން އަންނަކަމަށް މިދިޔަމަހު ކައުންސިލުން ބުންޏެވެ. އަދި ވިލަރެސް ކޮމެޓީން ފާސްކުރި އުސޫލުތައް ހައުސިންގް މިނިސްޓްރީއަށް ފޮނުވައި އިއުލާން ކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށްވެސް އޭދަފުށީ ކައުންސިލުން ބުންޏެވެ.

ގޯތި ދޫކުރުމުގެ ކަންކަން މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ބަލާލުމަށް އޭދަފުށީ ވޮއިސްއިން އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާއަށް ގުޅާލުމުން ވިދާޅުވީ ވިލަރެސް ކޮމެޓީއާ، ކައުންސިލުން މަސައްކަތް އަވަސްކުރަން ބޭނުންވިޔަސް ހައުސިން މިނިސްޓްރީން “ޑިލޭތަކެއް” ވަމުން އަންނާތީ، މިމައްސަލަ ބުރެކި ޖެހިފައިވާކަމަށެވެ.

“އުސޫލުތައް ފާސްކުރަން މިދިޔަ މަހު ފޮނުވާފައި، މިނިސްޓްރީއަށް ގުޅައިގެން އަވަސްކުރެވޭތޯ ބަލަމުން އައީ. އެކަމަކު މިނިސްޓްރީން ފޯނަށް ޖަވާބެއް ނުލިބޭ. ދެހަފްތާއެއް ހައިދުވަސް ފަހުން އަނެއްކާ މިއަންގަނީ އުސޫލުތަކުން މާއްދާއެއް ބާތިލްކޮށް އަލުން ހުއްދައަށް އެދެން. ކައުންސިލުން ދުވަހުން ދުވަހަށް މިދަނީ މިނިސްޓްރީން އެދޭކަންކަން ކޮށްދެމުން. އެކަމަކު މިނިސްޓްރީއާ ހެދި މިހާބޮޑަށް ލަސްވަމުން މިދަނީ މިހާރު” ޕީޕީއެމް ކައުންސިލަރު ހައްވަ ވިދާޅުވިއެވެ.

ހައްވަ ވިދާޅުވީ ގޯތީގެ މައްސަލަ ދިގުލަމުން ދަނީ ކައުންސިލާ، ވިލަރެސް ކޮމެޓީއަށް މަސައްކަތް ނުކުރެވިގެން ނޫންކަމަށާ، ރައްޔިތުންގެ ތެރޭގައި ކައުންސިލް ގޯސްކޮށް ވާހަކަތައް ފެތުރޭތީ ހިތާމަކުރާ ކަމަށެވެ.

“ހަމަގައިމުވެސް ވިލަރެސް ކޮމެޓީއާ، ކައުންސިލުން މިހާރު އެއްވެސް ކަމެއް ލަހެއްނުވާނެ. ހަމަ އަންގާލާއިރަށް ކޮމެޓީވެސް ރެޑީގައި އޮންނަނީ. އެހެންވީމާ، އެއީ ވަރަށް ދެރަކަމެއް”

ހައްވަ ވިދާޅުވީ ގޯތި ދޫކުރުން ލަސްކުރަން ކައުންސިލުން ބޭނުން ނުވާކަމަށާ، މިފަހަރު އިއުލާނު ކުރާނީ އިދާރީ ގޮތުން އިތުރު މައްސަލައެއް ކުރިމަތިނުވާވަރަށް ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފާއިތުވެ ދިޔަ ދެއަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top