
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެމަރުކަޒުން ނުކުންނަނީ. މިއަހަރު ރަމަޟާންމަހު ދަންފަޅިއަކު ކިޔަވައިދޭނީ 3 ގަޑިއިރު / ފޮޓޯ: އީޓީ
އަންނަ ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ރޯދަ މަހު ކިޔެވުން އޮންނާނީ ހެނދުނު 9:00 އިން 12:00 އަށް ކަމަށެވެ. މިހާރު އާއްމުކޮށް ކިޔަވައިދެނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ފުރަތަމަ ދަންފަޅީގެ ކިޔެވުން ރޯދަމަހު ފެށެނީ ހެނދުނު 8.30 އިން 11.30 އަށެވެ. އަދި ދެވަނަ ދަންފަޅީގެ ކިޔެވުން އޮންނާނީ ހެނދުނު 11.30 އިން މެންދުރުފަހު 3:00 ޖަހަންދެން ކަމަށް ސާކިއުލާގައި ބުނެފައި ވެ އެވެ. އެއީ ނަމާދު ކުރުމަށް ދޭ 15 މިނިޓްގެ އިތުރު ވަގުތާއެކުގަ އެވެ.
އެޑިއުކޭޝަނުން ބުނިގޮތުގައި ޕްރީ ސްކޫލުތަކުގެ ކިޔެވުން ވެސް ފަށަން ޖެހޭނީ ހެނދުނު 8.30 ގަ އެވެ. އަދި މެންދުރު ފަހު ތިނަކަށް ކިޔެވުން ނިންމަން ޖެހެ އެވެ.
އެކަމަކު ދަރިވަރުން ސްކޫލުގައި ހޭދަކުރާނެ ވަގުތު ކަނޑައަޅާނީ ސްކޫލު ބޯޑު ނުވަތަ ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތިން ސްކޫލުތަކުން ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.
ސާކިއުލާގައި ބުނީ ކޮންމެ ދަންފަޅިއަކު ވެސް ކިޔެވުން އިންތިޒާމް ކުރަން ޖެހޭނީ ދަރިވަރުންނާއި މުވައްޒަފުންނަށް ވަގުތަށް ނަމާދު ކުރެވޭ ގޮތަށް ކަމަށާއި މެންދުރު ދަންފަޅީގެ ދަރިވަރުންނާއި މުވައްޒަފުން އަވަހަށް ގެއަށް ދެވޭނެގޮތް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތުގައި ސްކޫލުގެ އެއްވެސް އިތުރު ހަރަކާތެއް ނުހިންގުމަށް ވެސް ސާކިއުލާގައި ބުނެފައި ވެ އެވެ.