ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ބަޔަކު ތެދުވުމުން ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ މަޝްރޫއު އިއުލާން ކުރުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެ ނިންމުން ބަދަލު ވެސް ކުރަން ގޮވާލަމުން ދަނިކޮށް ރައީސް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ.
ރަށެއްގެ ރައްޔިތުން ބޭނުންނުވާކަމެއް ކޮށްދިނުމަށް ވައުދުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
”މިގޮތުން ބ. ދޮންފަންނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން،“ ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާކަމަށް ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް މައުލޫމާތު ލިބިފައިވާތީ އެ ރަށުގައި ބިންހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ އާއި އެކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީން ކަމާބެހޭ ވުޒާރާއިން އަންގާނެކަމަށް ވިދާޅު ވިއެވެ.
ދޮންފަނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން އެމްޓީސީސީއާ އެވެ.






