ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމުމާއި ގުޅިގެން އެރަށުގެ ރައްޔިތުންތަކެއް ނިކުމެ ރައީސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ.
ރަށެއްގެ ރައްޔިތުން ބޭނުން ނުވާކަމެއް ކޮށްދިނުމަށް ވައުދު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
“މިގޮތުން ބ. ދޮންފަންނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން،” ރައީސް ވިދާޅުވި އެވެ.
ދޮންފަނުގެ ބިން ހިއްކުމާއި ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކާއި ފަތުރުވެރިކަމުގައި ހިމެނޭ ގިނަ ބަޔަކު ދިޔައީ ބިން ހިއްކުން ހުއްޓާލަމުންނެވެ.
ދޮންފަނުގައި މިއަދު ބަޔަކު ނިކުމެ މުޒާހަރާ ކުރަން ފެށީ ރައިސް އެ މަޝްރޫއު ހުއްޓާލެއްވިކަން އިއްލާން ކުރުމާއި ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސްގެ ނިންމެވުން ބަދަލުކޮށް، އެރަށުގެ ބިން ހިއްކައި ދިނުމަށް ގޮވާލަމުންނެވެ.
ދޮންފަނުގެ ބިން ހިއްކަން ނިންމި ނިންމުން ބާތިލުކުރިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ދޮންފަނުގެ ބިން ހިއްކަން ނިންމި ނިންމުން ބާތިލުކުރި ނަމަވެސް އެ ރަށުގެ އެހެން މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.
400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.





