ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކަށް، ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް ފިޔަވަޅު އަޅައި، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށެވެ.
އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ހޯމް މިނިސްޓްރީން ކުރި އިއުލާންގައި ވެއެވެ.
މީގެ އިތުރުން ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ގާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.





