ސިވިލް ސާވީސް މުވައްޒްފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިއްޔެ އިސްލާހުކޮށްފިއެވެ.
މި އިސްލާހާއި އެކު، ވަކި ހާއްސަ ހާލަތްތަކުގައި މުވައްޒަފުންނަށް އިތުރު ހުއްދައަކާ ނުލައި، އެމީހުންގެ މަސައްކަތު ގަޑި އެޖަސްޓުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެކަމަކު، ބަފަރ ޓައިމްގެ ގޮތުގައި އިތުރަށް ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާނަމަ، ގަޑިޖެހުނު ކަމަށް ބަލާނެކަން ގަވައިދުގައި ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، އެ ގަޑީގެ ތެރޭގައި އެ މުވައްޒަފަކު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، މަސައްކަތް ނިމޭ ގަޑި ފަސްކުރާނެއެވެ. އެ ކަމުގެ މިސާލަކީ ، އޮފީހުގެ މަސައްކަތު ގަޑި ފެށޭ ވަގުތަކީ 08:00ކަމަށް ވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 08:15ގައި ކަމަށްވާނަަމަ އެ ދުވަހުގެ މަސައްކަތް ނިމޭނީ 14:15ގައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުން އަންނަނީ 2014ގައި އެކުލަވަލި ގަވައިދަކަށެވެ. އެ ގަވައިދަށް 11 އަހަރުވެފައިވާއިރު، އިއްޔެއާ ހަމައަށް 19 އިސްލާހެއް އެ ގަވައިދަށް ވަނީ ގެނެސްފައެވެ.





