ހުކުރު މިސްކިތުގެ ސީލިންގް ރޯދައަކަށްނުނިމޭނެ – ކޮންޓްރެކްޓަރ

IMG_20170429_110122.jpg

އޭދަފުށީ ހުކުރުމިސްކިތުގެ ސީލިންގް އާކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ރޯދައަށް މިމަސައްކަތް ނުނިމޭނެކަމަށް ކޮންޓްރެކްޓަރ ބުނޭ / ފޮޓޯ އީވީ

އޭދަފުށީގައި ނަމާދުކުރުމަށް ބޭނުންކުރާ ބޮޑުމިސްކިތްކަމުގައިވާ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގެ ސީލިންގް އާކުރުމުގެ މަސައްކަތް ރޯދައަށް ނުނިމޭނެކަމަށް ކޮންޓްރެކްޓަރ ބުނެފިއެވެ.

50 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރީމެންޓްކޮށް މިމަހު ރިނައުން ގްރޫޕާ ހަވާލުކުރި މަސައްކަތް ރޯދައިގެކުރިން ނުނިމޭނެކަމަށް އެގްރޫޕުން ބުނީ މިއަދުއެވެ. އީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރިން ރިނައުން ގްރޫޕުން ބުނެފައިވަނީ ރޯދައަށް ސީލިންގް ނިންމޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް މިއަދު އީވީއާ ވާހަކަދައްކަމުން ރިނައުން ގްރޫޕްގެ ޗެއާމަން މޫސާ މުހައްމަދު ބުނީ މަސައްކަތް ކުރިޔަށްގެންދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށާ، ކައުންސިލްގެ އެއްބާރުލުންވެސް ކުޑަކަމަށެވެ.

“އުއްމީދުކުރީ ރޯދައަށް ނިމޭނެކަމަށް. ނަމަވެސް ވަރަށްބޮޑެތި ގޮންޖެހުންތައް އެބަހުރި. ޚާއްސަގޮތެއްގައި ކައުންސިލްގެ އެއްބާރުލުން ވަރަށްކުޑަ މަސައްކަތް ކުރިޔަށް ގެންދިއުމުގައި. އެހެންނޫންނަމަ ރޯދައަށް ނިމޭނެ މިސްކިތް އެތެރެނަމަވެސް.” މޫސާ މުހައްމަދު ބުންޏެވެ.

މޫސަ ބުނީ މިހާރު މިސްކިތް އެތެރޭގެ ދެބައިކުޅަ އެއްބައި ސީލިންގް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާކަމަށާ، ނަމަވެސް ސީލިންގް މުޅިން ނުނިމިވަނީ ކައުންސިލުން ނިންމަންޖެހޭ ބައެއް ކަންކަން ނުނިމިގެންކަމަށެވެ.

“މިސާލަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ފަސޭހަވީސް މުޅި މިސްކިތް ބަންދުކޮށްލިނަމަ، ދެން ސީލިންގް މިހާރު އެހުރީ ނިމިފަ ފިލާ ނޭޅި ކައުންސިލުން ހަރުކުރަން ބޭނުންވާ ލައިޓާ، ފަންކާގެ އަދަދު ނޭނގިގެން. އެކަމަކީ އަޅުގަނޑުމެންނާ ބެހޭ ކަމެއްނޫން. ކައުންސިލްގައި ދަންނަވައިގެން ކުރިޔަށް ނުގޮސްގެން މިއުޅެނީ” މޫސަ ބުންޏެވެ.

މޫސަބުނީ ކައުންސިލްގައި މިކަމާއުޅޭ މީހަކު ނޫޅޭކަމަށާ، “މަސައްކަތް ހިނގާތަނަށް އެއިންމީހަކު ނުވެސް ފެންނަނީ” ކަމަށެވެ.

މަސްޖިދު ސުލްތާން މުހައްމަދު މުއީނުންދީން މިހާރުގެ މިސްކިތަކީ އޭދަފުށީ ރައްޔިތުން ހިލޭސާބަހަށް މަސައްކަތްކޮށްގެން އިމާރާތްކޮށް 1995 ވަނައަހަރު އޭދަފުށީގައި ހުޅުވުނު ގާތްގަނޑަކަށް އެއްހާސްމީހުންގެ ޖަމާއަތަކަށް ނަމާދުކުރެވޭވަރުގެ މިސްކިތެކެވެ. އެމިސްކިތުގެ ސީލިންގް ބާވެގެން، އާކުރުމަށް ކައުންސިލުން މަސައްކަތް ކުރާތާ ދުވަސްތަކެއްވަނީ ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top