ރަށްރަށުގައި ގާއިމުވެތިބޭ ފުލުހުންނަކީ ހަމައެކަނި ބޮޑުކަމެއް ދިމާވުމުން އެތަނަށް ހާޒިރުވާން ތިބޭ ބަޔަކަށް ނުވުމަށާއި، ރަސްމީ ޑިއުޓީ ގަޑީގައި ވީހާ ވެސް ބޮޑަށް ރަށުތެރޭގައި ހަރަކާތްތެރިވެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިލްތިމާސް ކުރައްވައިފަ އެވެ.
ސީޕީ މި އިލްތިމާސް ކުރެއްވީ ހއ. ވަށަފަރު ޕޮލިސް ޕޯސްޓް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ސީޕީ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް މިހާރު ވެސް ގެންނަމުން އަންނަ ކަމަށާއި ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން އެކީގައި ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާކުރުމަށް އޮނިގަނޑު މަގުފަހިކުރާނެ ކަމަށެވެ.
”ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މިރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން.“ ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅަށް، ހަރުދަނާކޮށް ދިނުމަށްޓަކައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.