ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ގައުމަށް ލިބޭނެ ރީތި ނަމެއް އަދި ކާމިޔާބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ރާއްޖެ އިން ބައިވެރިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
އެއަށް ފަހު ރައީސް ވަނީ އިސްރާ ސޫރަތުގެ އާޔަތަކާ އެކު މާނަ ލިޔުއްވައިފަ އެވެ.
“ކަލޭގެފާނު ވިދާޅުވާށެވެ! ހައްގު ތެދު ގޮތް އަތުވެއްޖެ އެވެ. އަދި ބާތިލު ގޮތް ނެތި ފިލައިހިނގައްޖެ އެވެ. ހަމަކަށަވަރުން، ބާތިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައިވި އެވެ،” އޭގެ މާނައިގައި ވެ އެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށް ޔޫތު މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ މަހުގެ 16 ގައި މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގަ އެވެ.
މިސް ވޯލްޑް ފިޔަައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔުނިވާސް މުބާރާތުގައި 130 އަށް ވުރެ ގިނަ ގައުމުން ވާދަކުރެ އެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ވާދަކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެކަން ކުށްވެރިކޮށް، އެކަން ސަރުކާރުން ހުއްޓުވުމަށް ގެންދަވަނީ ގޮވާލައްވަމުންނެވެ.