އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ 8 ވަނަ އަހަރީ ބައްދަލުވުން، މިއަހަރު ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
”އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށްޓަކައި އިގުތިސާދީ، އިޖުތިމާއީ-ސަގާފީ އަދި ތިމާވެށީގެ އިސްކަންދޭ ޕްރޮގްރާމްތަކަށް އެއްބާރުލުން އިތުރުކުރުން“ މި ތީމުގެ ނަމުގައި ބާއްވާ މި ފޯރަމްގައި ފިލިޕީންސް، ޖަޕާން، ތައިވާން، ދެކުނު ކޮރެއާ އަދި ދިވެހިރާއްޖޭގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން ވެސް ކަމާ ގުޅުންހުރި މިނިސްޓްރީތަކުންނާއި ބައެއް އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 7 އިން 9ގެ ނިޔަލަށެވެ.
މިދިޔަ އަހަރު މިބައްދަލުވުން އޮތީ ފިލިޕީންސްގެ ސެބޫގައެވެ.
އޭސީއެފްގައި ރާއްޖެ ތަމްސީލުކުރާ ހަމައެކަނި މެމްބަރަކީ ބ. އަތޮޅު ކައުންސިލެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މެމްބަރު ޤައުމުތަކުގެ ލޯކަލް ކައުންސިލްތަކާއި ކައުންސިލަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، މައުލޫމާތާއި ތަޖުރިބާ އަދި އެހީތެރިކަން އިތުރުކުރުމެވެ.