މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ، މިއަދުން ފެށިގެން އެ ކުންފުނީގެ ހުރިހާ ސެންޓަރުތަކަކާއި ބޯޓުފަހަރަކުން ކަޅުބިލަމަސް ގަންނަނީ ކިލޯއަކަށް 18.50 ރުފިޔާއަށް ކަމަށެވެ.
މިފްކޯއިން ވަނީ މިދިޔަ އަހަރުވެސް ފަހުކޮޅު 18.50 ރުފިޔާއަށް ކަޅުބިލަ މަސް ގަނެފައެވެ. އެކަމަކު އިރާނާއި އެމެރިކާ ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް ނޭދެވޭ އަސަރުކުރުމާ ގުޅިގެން މަސް ގަަންނަ އަގު މިއަހަރުގެ ތެރޭގައި ދަށްކުރިއެވެ. އެ ބަދަލާއެކު އިއްޔެއާ ހަމައަށް ކަޅުބިލަ މަސް ކިލޯއެއް މިފްކޯއިން ގަންނަމުން އައީ 17 ރުފިޔާ އަށެވެ.
މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.





