ލާދިނީ ގޮވުން ހުއްޓުވުމުގެ މަސައްކަތަށް ރައީސް ނަޝީދު ނުކުންނަވައިފި!

file_covfop.jpg

މަޖިލީހުގެ ރައީސް، އިދާރާގައި: ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށާފައި

ރާއްޖޭގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކޮށްފިނަމަ އެއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައާޅާފައިވާ އިސްލާހާއި އެއްކޮޅަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ ޕެޓިޝަން ޓުވީޓްކޮށް، ނަޝީދު ވަނީ ނަފްރަތުގެ އަމަލުތައް ކުށަކަށް ހެދުމަށާއި، މީހުން ލޭބަލްކުރުމާއި ދެކޮޅަށް ޕެޓިޝަންގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

“ހަސަން ކުރުސީ” ކިޔާ މީހަކު ފެށީ މި ޕެޓިޝަނުގައި މިހާތަނަށް 341 މީހަކު ވަނީ ސޮއިކޮށްފަ އެވެ.
ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ ޕެޓިޝަންގައި ސޮއި ކުރުމަށް ގޮވާލަމުންނެވެ.

އޭގައި ބުނާ ގޮތުން އެމީހުން ބޭނުންވަނީ މީހުންނަށް ލާދީނީ ގޮވުމާއި ކާފަރު ކުރުން ހުއްޓުވާށެވެ. އަދި އެއީ ގާނޫނުން ފާސްކުރަން ޖެހޭ ކަމެއް ކަމަށް އޭގައި ވަނީ ބުނެފައެވެ.

ލާދީނީ ލޭބަލްގެ ސަބަބުން ފާއިތުވި 10 އަހަރު ތެރޭގައި މާލެ މަގުމަތީގައި ގިނަ ބައެއްގެ ލޭ އޮހޮރިފައިވާ ކަން ފާހަގަކޮށް އޭގައި އިތުރަށް ބުނީ މިދިޔަ މަހު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން ކޮންޓްރޯލުން ނެއްޓޭކަމުގެ މިސާލެއް ކަމަށެވެ. އަދި މިފަދަ މީހުން ބޭނުން ކުރާ އެންމެ މޮޅު އުކުޅަކީ އެހެން މީހުންނަށް ލާދީނީ ގޮވުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ޕެޓިޝަންގައިވާ ގޮތުގައި މުސްލިމުންނާއި ދިމާލަށް “ލާދީނީ” ކިޔާ ނަފަރަތުގެ އަމަލުތައް އުފެއްދުންތައް ހުއްޓުވަން ޖެހެއެވެ. އެހެންކަމުން އެބިލު ކޮންމެހެން ވެސް ފާސް ކުރަން ޖެހޭ ކަމަށް ޕެޓިޝަންގައިވެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅާފައިވާ ނަފްރަތުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ޖުޑީޝަރީ ކޮމެޓީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ފަށައިފައެވެ. އަދި ބިލަށް އާއްމުންގެ ހިޔާލުވެސް ވަނީ ހޯދުމަށް ހުޅުވާލައިފައެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

މީގެއިތުރުން އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރާ މީހާ ވެސް އެ ކުރަނީ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ހަމައެއާއެކު މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން އަދި ބައިވެރިވުން ނުވަތަ މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

މި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ ޖަލު ހުކުމެވެ. އެކި ކުށްތަކަށް ގާނޫނުއުލްގޫބާތުގެ ޖުނަހުގެ އެކި ދަރަޖައިގެ ކުށްތައް ބަޔާން ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top