ފެހެންދޫއަަށް އިތުރު އިންޖީނަކާއި ޕެނަލް ބޯޑެއް ގެނެސްފި

gfhf.jpg

ފެހެންދޫ އިންޖީނުގެއަށް ގެނައި 80 ކވ އިންޖީނު ބޭލުމުގެ މަސައްކަތް ކުރަނީ. މިއިންޖީނާއެކު އިތުރު ޕެނަލް ބޯޑެއްވެސް ވަނީ އެރަށަށް ގެނެސްފައި / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. ފެހެންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެރަށަށް އިތުރު އިންޖީނަކާއި، ޕެނަލް ބޯޑެއް ގެނެސްފިއެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ފެހެންދޫ އިންޖީނުގެއަށް ގެނެވުނީ 80 ކިލޯވޮޓްގެ އިންޖީނެއްކަމަށާ، އެއީ މިވަގުތު އެރަށުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ އިންޖީނުތަކަށްވުރެ ކެޕޭސިޓީ މަތި އިންޖީނެއްކަމަށެވެ. ފެހެންދޫގައި މިވަގުތު ކަރަންޓް ދިނުމަށް ބޭނުންކުރަނީ 30ކވ އަދި 50ކވ ގެ އިންޖީނެކެވެ.

ރީޖަނަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޕެނަލް ބޯޑަކާއި އިންޖީނެއް އެރަށަށް ގެންދިޔައީ ފެހެންދޫގައި އަލަށް އަޅަމުންދާ އިންޖީނުގެ ހުޅުވުމުގެ ކުރިން އެރަށުގެ ކެޕޭސިޓީ މަތިކޮށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ކަމަށެވެ. ނަމަވެސް މިފަހަރު ގެންދެވުނު އިންޖީނާ ޕެނަލް މެދުވެރިކޮށް އަންނަ އަޟްހާ އީދުގެ ކުރިން ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

“2015 ވަނައަހަރު ފެހެންދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އެކީ އެއޮތީ އާކުރެވިފައި. ދެން މިހާރު އާއިންޖީނުގޭގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިޔަށް މިއޮއްދަނީ. އަޅުގަނޑުމެން މިދަނީ އެރަށުގެ ކެޕޭސިޓީ މަތިކޮށް އާއިންޖީނުގެ ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްކުރަމުން. ފަހުން މިގެންދެވުނު އިންޖީނު މެދުވެރިކޮށް މިހަފްތާތެރޭގައި ކަރަންޓް ދެވޭތޯވެސް އަޅުގަނޑުމެން ބަލަމުން މިދަނީ. އެއީ އަޟްހާ އީދާ ދިމާކޮށް ދިމާވެދާނެ އެމަޖެންސީ ހާލަތަކަށްވެސް ބަލާފައި” އޮފިޝަލް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބ. ރީޖަންގައި އޮޕަރޭޓް ކުރަމުންދާ 13 ރަށުގެ ތެރެއިން 3 ރަށަކަށް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު އިންޖީނުތައް ވަނީ ގެނެސްފައެވެ. އޭގެ ތެރެއިން މާޅޮހަށް 160ކވ އިންޖީނަކާއި، އޭދަފުއްޓަށް 800ކވ އިންޖީނެއް ގެނެސް ކަރަންޓް ދޭންވަނީ ފަށާފައެވެ. އަދި ފެހެންދޫއަށް ގެނައި 80 ކވ އިންޖީނުން މިހަފްތާތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top