ކަމަދޫގައި އީދު ކުޅިވަރު ފަށާނީ ރައްޔިތުންގެ ބޮޑުސަޔަކަށްފަހު – އީދު ކޮމެޓީ

gfsd.jpg

2016 ވަނަ އަހަރުގެ ބޮޑުއީދުގައި ޖ ކަމަދޫ އަންހެނުންތަކެއް ކޫލިވަރު އައިޓަމެއް ކުރިޔަށް ގެންދަނީ / ފޮޓޯ: ފޭސްބުކް

ބ. ކަމަދޫގައި މިއަހަރުގެ އީދު ކުޅިވަރުތައް ރަސްމީކޮށް ފެށޭނީ އީދު ނަމާދަށްފަހު އޮންނަ ރައްޔިތުންގެ ސަޔަކުން ކަމަށް އެރަށު އީދު ކޮމެޓީން ބުނެފިއެވެ.

އީދު ކުޅިވަރު އެންމެ ފޯރިގަދަކޮށް ބ. އަތޮޅޫގައި ބާއްވަމުން އަންނަ އެއްރަށްކަމުގައިވާ ކަމަދޫގައި މިއަހަރުވެސް އީދު ކުޅިވަރު ކުރިޔަށް ގެންދިއުމަށް ރަށުތެރެއިން ވަނީ ހިންގާ ކޮމެޓީއެއް އެކުލަވާލާފައެވެ. އެކޮމެޓީގެ ވައިސް ޗެއާމަން މުހައްމަދު ޝަމީމް އީވީއަށް ބުނީ އީދު ނަމާދަށްފަހު ރައްޔިތުންނަށް ބާއްވާ ސައި އޮންނާނީ މިސްކިތްމަގުގައި ކަމަށާ، މިކަމުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާނޭކަމަށެވެ.

“ރަށުގެ ކޮންމެ ގެއަކުންވެސް ހެދިކާއެއް، ނޫނީ ބޯކިބަލެއް ހިމެނޭނެ މި ސައިގައި. ހަމަ ހުރިހާ ރައްޔިތުން އީދު ނަމާދުކޮށް އަވަދިވެގެން މިސްކިތް މަގުގައި ސައިފޮދު އޮންނާނީ. އެއްވެސް މީހަކު އިސްތިސްނާ ނުވާގޮތަށް އެކަން ރާވަފައި އޮންނާނީ”

ކަމަދޫގައި 2016 ވަނައަހަރު ބޮޑުއީދުގައި ކުރިޔަށްދިޔަ ސަގާފީ އައިޓަމެއްގެ ތެރެއިން / ފޮޓޯ: ފޭސްބުކް

ޝަމީމް ބުނީ މިއަހަރުގެ އީދުކުޅިވަރުތައް ރާވާ ހިންގަނީ އެރަށުގެ ޖަމްއިއްޔާތަކާ، ކައުންސިލް އިދާރާ އަދި އަންހެނުން ކޮމެޓީން ވަރަށް ބޮޑަށް ގުޅިގެން ކަމަށާ، އީދުތެރޭގައި ސަގާފީ ގިނަ އައިޓަމްތަކެއް ރަށުގެ ހުރިހާ އުމުރު ފުރާތަކުން ހުށައަޅާނެކަމަށެވެ. އަދި ފެންޖެހުމާއި، މޫދަށް ލުން އަދި ކުލަޖެހުން ކަހަލަ ކަންކަން އޮންނާނީ ވަކިދުވަސްތަކަކު ހަމަޖެހޭ އުސޫލެއްގެ މަތިން ކަމަށްވެސް ޝަމީމް ބުންޏެވެ.

“ހަމަ ހުރިހާ އުމުރު ފުރާއެއްވެސް އޮންނާނެ ދަފިނެގުން، ދަނޑިޖެހުން، ކޯޑިޖެހުން، އަދި އޮންނާނެ ޒުވާނުންގެ ވަރަށް ފައްކާ ޒަމާނީ ދަތްޕެއް. މާލިވެސް ހުންނާނީ އެކިވައްތަރުގެ މާލި އެކިދުވަހު. ދެން ފެންޖެހުން އޮންނާނީ ވަރަށް ސިސްޓެމެޓިކް ކޮށް މިސާލަކަށް ބޭނުން ގަޑިއަކު އެއްވެސް މީހަކަށް ފެނެެއް ނުޖެހޭނެ. އެކަމަކު ފެންޖަހަން ކަނޑައަޅާ ގަޑީގައި އެއްވެސް މީހަކަށް ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނެ.” ޝަމީމް ތަފްސީލް ކޮށްދެއްވިއެވެ.

2016 ބޮޑުއީދުގައި ކަމަދޫގައި ކުރިޔަށްދިޔަ ހަރަކާތެއް / ފޭސްބުކް

ކަމަދޫގެ އިތުރުން ބ. އަތޮޅުގެ ގިނަ ރަށްރަށުގައި މިވަގުތު އީދު ކުޅިވަރުތަކަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ބ. ގޮއިދޫގެ ރައްޔިތުން 3 ބަޔަކަށް ބަހާލައިގެން އީދަށް ރަށުތެރެ ޒީނަތްތެރިކުރުމާ، ކުޅިވަރުތަކަށް ތައްޔާރުވަމުންދާކަމުގެ ހަބަރުތައްވެސް ދަނީ ގަދަވަމުންނެވެ. ކުރިޔަށް ހުރި ދުވަސްތަކުގައި އަތޮޅުގެ އެހެންރަށްރަށުގެ ހަބަރުތައްވެސް އީވީގެ ކިއުންތެރިންނަށް ގެނެސްދެވޭތޯ މިދަނީ ބަލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top