ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަމުރު ކުރައްވައިފި

367910_3bfa2b69-7_-2048x1365-1.jpg

ބާރަށް ދުއްވުމުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުއްމަދު މުއިއްޒު މިއަދު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވައިފިއެވެ.

އެމަނިކުފާނު މިފަދައިން އަންގަވާފައި މިވަނީ ބާރު ސްޕީޑުގައި ދުއްވައިފައިދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހިގެން އެ ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތީގައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ‘އެކްސް’ ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ކުރައްވަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން  އެކި އިދާރާތަކަށް އެންގެވި 8 ކަމެއް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އެ ކަންކަމަކީ:

1- މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

2- ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.

3- ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.

4- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.

5- އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.

6- ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

7- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.

8- މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރޭގެ އެކްސިޑެންޓްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ހައްޔަރުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސެޕްޓެމްބަރ 5 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ރައީސް ވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ހާާދިސާއެއް ހިނގާ އަނެއްކާ ވެސް މީހެއްގެ ފުރާނަ ގެއްލިފައިކަން ފާހަގަ ކުރައްވާފައެވެ.

ސަމާހުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ  23 އަހަރުގެ ޒުވާން ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައެވެ.

ހަމަމިއާއެކު މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top