ސައްޓު ގައުމީ ޓީމަށް ނަގާފާނެކަމުގެ އިޝާރާތެއް ގައުމީކޯޗު ކޮށްފި

SATTU.png

އިޝާން އިބްރާހީމް (ސައްޓު) . އޭނާ ގައުމީ ޓީމަށް ނަގާފާނެ ކަމުގެ އިޝާރާތެއް ގައުމީ ފުޓްބޯޅަ ކޯޗު ސްޓެވާޓް ވަނީ ކޮށްފައި /.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިހާރު ވާދަކުރަމުން އަންނަ ށ. މިލަންދޫ ޓީމުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭދަފުށީގެ ފުޓްބޯޅަ ތަރި އިޝާން އިބްރާހީމް (ސައްޓު) ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަގާފާނެކަމުގެ އިޝާރާތެއް ގައުމީ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ކޮށްފިއެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އަންނަ މަހު ފަސް ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ފުރުމުގެ ކުރިން އީވީން ކުރި ސުވާލަަކަށް ޖަވާބުދެމުން ސްޓެވާޓް ބުނީ ރާއްޖެތެރެއިން އައި ޓީމުތަކުން ފާހަގަކޮށްލެވޭ ހައެއްކަ ކުޅުންތެރިން އެބަތިބި ކަމަށާ، ނަމަވެސް އެކުޅުންތެރިންގެ ނަންތައް ހާމަކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއްކަމަށެވެ.

ސައްޓުގެ ކުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ހަނުހުރީއެވެ. އޭނާ އެދުނީ މިވަގުތު ތިޔަ ސުވާލު ނުކުރުމަށް އެދޭ ކަމަށެވެ. އޭނާ ބުނީ ކުޅުމުގެ ފެންވަރު ބަލާފައި ކޮލިފައިންގައި އޮކްޓޯބަރުމަހު އޮންނަ މެޗަށް އޭގެތެރެއިން ބައެއް ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހިދާނެކަމަށެވެ.

“އަހަރެންނަށް ފާހަގަ ކުރެވޭ ފަހެއް ނުވަތަ ހަކުޅުންތެރިން އެބަތިބި. އެއްވެސް ކުޅުންތެރިއެއްގެ ނަމެއް މިވަގުތު ހާމަކުރުމަކީ ގޯހަކަށް ވެދާނެ. ކޮލިފައިންގައި ދެން އޮތް މެޗަށް ނަގާ ސްކޮޑަށް އޭގެތެރެއިން ބައެއް ކުޅުންތެރިން ނެގުމަކީ އެކަށީގެންވާ ކަމެއް. އެކުޅުންތެރިން މޮނިޓާކުރަމުން މިދަނީ. މިހާރު އެކުޅޭ ފެންވަރުގައި އެކުޅުންތެރިން ހިފަހައްޓާ ކަމަށްވަންޏާ ގައުމީ ޓީމަށް ފުރުސަތު ނުލިބެންވީ ސަބަބެއްނެތް” ސްޓެވާޓް ބުންޏެވެ.

ޕްރިމިއަރ ލީގުގައި ސައްޓު ކުޅުނު މެޗެއްގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލުވަނީ / ފޮޓޯ: ފޭސްބުކް

މިއަދު ހެނދުނު ގައުމީ ޓީމް ފުރުމުގެ ކުރިން ޓީމްގެ އެސިސްޓެންޓް ކޯޗް އިންމަވެސް ބުނީ ސައްޓުގެ ކުޅުން ރަނގަޅު ކަމަށާ، މުހިއްމީ ކުރިޔަށް ހުރި މެޗްތަކުގައި ދައްކާ ޕާފޯމެންސް ދަށްނުވެ ހިފެހެއްޓުން ކަމަށެވެ.

“ސައްޓުގެ ކުޅުންވެސް ރަނގަޅު، އަދިވެސް އެބަތިބި ރަނގަޅު ކުޅުންތެރިން. އެކުޅުންތެރިން އެފެންވަރުގައި ހިފަހެއްޓުން މުހިއްމީ، އެހެންނޫނީ ފުރުސަތު ހޯދަން އުނދަގޫވާނެ. ހާއްސަކޮށް ފޯވާޑް ލައިން” އިންމަ ބުންޏެވެ.

މިނިވަން ޗެންޕިއަންޝިޕް 2016 ވަނަ އަހަރު ޗެންޕިއަންކަން ހޯދި އޭދަފުށި ޓީމްގައި އިސްދައުރެއް އަދާކުރި ސައްޓު މިލަންދޫ ޓީމާ ގުޅުނީ އޭދަފުށި ފައިނަލް ރައުންޑުން ކެޓުމާ ގުޅިގެންނެވެ. އޭނާ މިލަންދޫ ޓީމާއެކު މިހާތަނަށް ގަލޮޅު ދަނޑުގައި 3 މެޗުކުޅެ 2 ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ. އަދި 2 މެޗްގެ މޭން އޮފް ދަ މެޗްގެ މަގާމްވެސް އޭނާ ހޯދާފައިވެއެވެ. ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންނާއި، ބައެއް މީޑިޔާތަކުން ބުނާގޮތުން މިފަހަރުގެ ގައުމީ ޓީމުންވެސް ސައްޓުއަށް ޖާގައެއް ހައްގެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top