އީދު ވިލޭރޭ ދޮންފަނުގައި ރަދުން ހިއްޗަށް ވަޑައިގަންނަވާނެ

big_mu8u1rfUB8fUihN.jpg

މިދިޔަ އަހަރު އަޟްހާ އީދުގައި ރާއްޖެތެރޭގެ ރަށެއްގައި ރަދުން ހިއްޗަށް ވަޑައިގަންނަވަނީ. މިއަހަރު ދޮންފަނުގައި ރަދުން ހިއްޗަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި / ފޮޓޯ: ފޭސްބުކް

މިއަހަރުގެ އަޝްހާ އީދަށް ބ. އަތޮޅު ރަށްރަށުން ވަމުންދާ ތައްޔާރީތަކަށް ބަލާއިރު ބ. ދޮންފަނުގައި މިއަހަރު އީދު ވިލޭރޭ ރަދުން ހިއްޗަށް ވަޑައިގަންނަވާގޮތަށް ހަމަޖައްސައިފިއެވެ.

އީދުގެ ކުޅިވަރުތައް ރަސްމީކޮށް ފެށުމަށް އަތޮޅުގެ އެކި ރަށްރަށުން ތާރީހީ އެކިކަންކަން ކުރަން ނިންމާފާއިވާއިރު، ދޮންފަނު އީދު ކުޅިވަރު ފެށުމަށް ހަމަޖެހިފައިވަނީވެސް ދިވެހި އާދަކާދައާ ގުޅޭ ރަދުން ހިއްޗަށް ވަޑައިގަތުމަށްފަހު، ރަދުންގެ ހުއްދައާއެކުއެވެ. ދޮންފަނު އީދު ކުޅިވަރު އިންތިޒާމް ކުރާ ސްޓިއަރިންގް ކޮމެޓީން ބުނީ އަތޮޅުގެ އެހެން ރަށްރަށާ ހިލާފަށް އެރަށުގައި މިއަހަރު ސަގާފީ އަދި ޒަމާނީ ގިނަ ކުޅިވަރުތަކާ އާދަކާދަތައް ފެންނާނެކަމަށެވެ.

ސްޓިއަރިންގް ކޮމެޓީގެ ރައީސް އަޝްރަފް އަހްމަދު އީވީއަށް ބުނީ ހިއްޗަށް ވަޑައިގަތުމުގެ އިތުރުން އީދު ނަމާދަށްފަހު މުޅިރައްޔިތުންނާ، މެހްމާނުންނަށް ބާއްވާ ސައިފޮދެއް އޮންނާނެކަމަށާ، ބޮޑު މަސް ބޭނުމުގެ ހަރަކާތާ، މާލި ނެރުން އަދި އެންމެ ހާއްސަ ކޯޑި ޖެހުންވެސް މިދިޔަ އަހަރަށްވުރެ ތަފާތުވެފައި، ޝައުގުވެރިވާނޭ ކަަމަށެވެ.

“ހިއްޗަށް ވަޑައިގަންނަވާނީ ރަށުގެ ބޮޑުމަގުތަކުން ބެރުދުންމާރި ތާލަފިލީގައި، ހަތްކޮޅާއެކު. ހިއްޗަށް ވަޑައިގެން ރަދުންގެ ހުއްދަ އާއެކު އީދު ކުޅިވަރުތައް ފެށޭނީ އީދު ވިލޭރޭ. ގައިމުވެސް މިއަހަރު ތަފާތުތަކެއް ފެންނާނެ. އެއްކަމަކަށް ބޮޑުމަސް ބާނާނީ ސީދާ ފަޅުތެރޭގައި. އެވަގުތު ބަނދަރު ސަރަހައްދުގައި ދިވެހިންގެ ގަދީމީ މަސައްކަތްތެރިކަން ދައްކާލުން ކުރިޔަށް ދާނެ. ރައިވަރާ، ބަނދި ކިއުމާ، އެފަދަ އަދަބީ ކަންކަންވެސް ހިނގާނެ. ކޯޑިއާ، މާލީގައިވެސް މިއަހަރު ތަފާތުތަކެއް ދައްކާނެ” އީދު ކުޅިވަރު އިންތިޒާމް ކުރުމުގައި އިސްދައުރެއް އަދާކުރާ ދޮންފަނު ޒުވާނުންގެ ރޫހްގެ ވައިސް ޗެއާމަންގެ މަގާމްގައިވެސް ހުންނެވި އަޝްރަފް ބުންޏެވެ.

އޭނާ ބުނީ އީދުގައި ސަގާފީ ކުޅިވަރާ، ޒަމާނީ ކުޅިވަރުތައްވެސް ފެނިގެން ދާނޭކަމަށެވެ. އޭގެ އިތުރުން ހަރުބީ ބޮޑުބެރު ގްރޫޕާ، އެޕޯލޯ ބޭންޑްގެ މިއުޒިކާ ލަވަކިއުން ރޭގަނޑު ސްޓޭޖްގައި އޮންނާނޭކަމަށްވެސް އަޝްރަފް ބުންޏެވެ. އޭނާ ބުނީ ރަށުގެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އީދު ދެވަނަ ދުވަހުގެރޭ ބާއްވާ ރައްޔިތުންގެ ޖާފަތަކީވެސް ފާހަގަކޮށްލެވޭ ހަރަކާތަކަށްވެގެން ދާނޭ ކަމަށެވެ. އަދި މިކަންކަން ހިންގުމުގައި ކައުންސިލާ ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަންވެސް އަޝްރަފް ފާހަގަ ކުރިއެވެ.

ދޮންފަނުގެ އިތުރުން ބ. އަތޮޅުގެ ގިނަ ރަށްރަށުގައި މިވަގުތު އީދު ކުޅިވަރުތަކަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ބ. ގޮއިދޫގެ ރައްޔިތުން 3 ބަޔަކަށް ބަހާލައިގެން އީދަށް ރަށުތެރެ ޒީނަތްތެރިކުރުމާ، ކުޅިވަރުތަކަށް ތައްޔާރުވަމުންދާކަމުގެ ހަބަރުތައްވެސް ދަނީ ގަދަވަމުންނެވެ. ކަމަދޫގައިވެސް އީދުގައި ފޯރިގަދަ ކުޅިވަރުތަކެއް އޮންނާނެކަމަށް ބުނެއެވެ. ކުރިޔަށް ހުރި ދުވަސްތަކުގައި އަތޮޅުގެ އެހެންރަށްރަށުގެ ހަބަރުތައްވެސް އީވީގެ ކިއުންތެރިންނަށް ގެނެސްދެވޭތޯ މިދަނީ ބަލަމުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top