ފަޅުރަށްރަށް ކުއްޔަށް ދިނުން މަޑުޖައްސާލައިފި

Baa-Madhoo-eydhafushitimes-pic.jpg

އޭދަފުށީ ގެ ދެކުނުން ޖެހިފައި އޮންނަފަޅުރަށް، މާއްޑޫ

ފަޅުރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ކުރަމުންދާތީ ފަޅުރަށްރަށް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަޅުރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ފަޅުރަށްރަށާ ބެހޭ ގަވާއިދަށް މިދިޔަ އަހަރުވެސް އިސްލާހު ގެނެސްފައިވެއެވެ. އެގޮތުން އެ އިސްލާހުގައިވާ ގޮތުން ފަޅުރަށެއް ކުއްޔަށް ދެވޭނީ މަދުވެގެން 10 އަހަރަށް ކަމަށް ކަނޑައަޅާފައިވެއެވެ. މި ގަވާއިދުގައިވާ ގޮތުން އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި އެރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާ ކަމެއް ކަމެކެވެ.

އެހެންނަމަވެސް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔެގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެރަށް ބެލެހެއްޓުމަށް ގަވާއިދަށް ގެނައި އިސްލާހު ހުރަހެއް ނާޅައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބޭނުންވާ ގޮތަކަށް ފަޅުރަށްރަށް ކުރީގައި ކުއްޔަށް ދޫކުރެވެ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުގެ ތެރޭގައި ފަޅުރަށްތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު މިނިސްޓްރީއަށް ވެސް ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު އެވެ.

ފަޅުރަށްތަކާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރުގެ ތެރޭގައި އިސްލާހު ގެނައީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު މިގާނޫނާއި ފަޅުރަށްތަކާ ބެހޭ ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން ހައްލުކުރުމަށެވެ.

ފަޅުރަށްރަށް ވަރުވާ އަށް ދޫކުރަނީ ސިނާއީ މަސައްކަތްކުރުމަށާއި ދަނޑުވެރިކަން ކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top